بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީން، ދައުލަތުގެ ވަޒީރުން، ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލުތަކާއި، އަދި ޞިއްޙީ ޚިދުމަތްދޭ އެންމެހައި ތަންތަނުގެ އިސްވެރިން، ޔޫ.އެން. އޭޖެންސީތަކާއި، އަދި ދައުލަތުގެ އިސްވެރިން، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހީވާގި އެންމެހައި ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެނީ، ރައްޔިތުންގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަށްޓަކައި މިފަދަ މަހާސިންތާއެއް އިންތިޒާމުކޮށް ހަމަޖެއްސެވީތީ، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނަށާއި، އަދި ހެލްތް މިނިސްޓްރީގެ، ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް ޝުކުރު ދެންނެވުން.

އާދެ، މިފަދަ މަހާސިންތާއެއް ފެށިގެންދާއިރު، މިކަމުގެ އެންމެހައި ބައިވެރިން އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަމަކީ، މިފަދަ މަހާސިންތާއެއްގެ ތެރެއިން، ހޯދޭ ހޯދުންތައް ނުވަތަ ނިންމާ ނިންމުންތައް ބަރާބަރަށް ކުރިއަށް ގެންދިޔުން.

އާދެ، ދާދި އިހަށްދުވަހު ސްޓްރެޓީޖިކް އެކްޝަން ޕްލޭން، ރައީސުލްޖުމްހޫރިއްޔާ ވަނީ ނެރެދެއްވާފައި. އަޅުގަނޑު ތިޔަ އެންމެހައި ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ހަނދާން އައުކޮށްދޭން ބޭނުންވަނީ، މި އެކްޝަން ޕްލޭނުގައި، ކުރިއަށް ހުރި އަހަރުތަކުގައި ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު، ޞިއްޙީ ކަންތައްތައް ހަމަޖެހިފައި އޮންނާނެގޮތް ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާނެ. އާދެ، ވަރަށް ރަނގަޅަށް ހުރިހާ ބޭފުޅުންވެސް މި ބައްލަވައި، މިއާ އެއްކޮށް، މިއަދު މި ނިންމޭ ނުވަތަ މިއަދު މި ފެށޭ މަސައްކަތައިގެން ކުރިއަށް ގެންދިޔުމުން، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވާލަން.

އާދެ، އެއްވެސް ޝައްކެއްނެތް. އިންސާނާއަށް އެންމެ ބޭނުންތެރި ކަމަކަށް ދުނިޔެމަތީގައިވަނީ، ފުރިހަމަ ޞިއްޙަތެއްގައި ދެމިހުރުން. އާދެ، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ އެއީ، އަޅުގަނޑުމެން ދުނިޔެމަތީގައި އަޅުގަނޑުމެންގެ ނަފްސަށް އަދި، އަޅުގަނޑުމެންނާ އެއްކޮށް އުޅޭ އެހެނިހެން ފަރާތްތަކަށްވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް. އަޅުގަނޑުމެންނަށް ބައެއްފަހަރު، ދުނިޔަވީ އެހެނިހެން ކަންތައްތަކާ މަޝްޣޫލުވުމުގެ ތެރެއިން އަމިއްލަ ނަފްސަށް ކުރަންޖެހޭ ކަންތައްތައް އޮންނަނީ ގިނަފަހަރަށް ދޫކޮށްލެވިފައި. މިއީ މިއަދު، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން ކަހަލަ ކުޑަ މުޖުތަމަޢެއް، އެއްތަނެއްގެ ތެރޭގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް.

އާދެ، ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ފަންނީ ބޭފުޅުންގެ، ޑޮކްޓަރުންގެ އިރުޝާދު އަބަދުވެސް އަޅުގަނޑުމެން އަޑުއަހަން އެބަޖެހޭ. ސާފުތާހިރުކަމަކީ، އޮޕްޝަނެއްގެ ގޮތުގައި ނުބަލައި، މުޅި މުޖުތަމަޢުގެ ސާފުތާހިރުކަމަށް އަޅުގަނޑުމެން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭން އެބަޖެހޭ.

އާދެ، ކަސްރަތު ކުރުމާއި، ހެލިފެލިވެ އުޅުމަކީ އެއީ، ކޮންމެ ދުވަހަކު އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަންނަން އެބަޖެހޭ. ޙަޤީޤަތަކީ އަޅުގަނޑުމެންގެ ދިވެހި ޤައުމު، މި ރަށްތަށް އޮތްގޮތުން މިފަދަ ކަންތައްތަކަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި، ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށްވުރެ މާ ފަސޭހަގޮތަކަށް އަޅުގަނޑުމެންނަށް މި ކަންތައްތައް ކުރެވެން އޮވޭ. އާދެ، ވަށައިގެންވާ މޫދު، މިއީ އިންސާނާގެ ހަށިގަނޑަށް، ޞިއްޙަތަށް ވަރަށް ފައިދާހުރި ކަންތައްތަކެއް އެކުލެވޭގޮތަށް އަޅުގަނޑުމެންނަށް އެ ނަސީބު اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރައްވާފައިވޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެންމެ އެދެވޭގޮތަށް އޭގެ ބޭނުން ހިފޭތޯ، މިއީ މިއަދު ހަމަ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް.

އާދެ، ހަށިގަނޑަށް ފައިދާހުރި ކާނާ މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، ދުނިޔޭގެ އެކި ތަންތަނުން އެކި ވައްތަރުގެ އެކި ފާޑުފާޑުގެ އެއްޗެތި. އެހެންނަމަވެސް، މި ދެންނެވި ކަންތައްތަކަށް ބަލާއިރު ފުރިހަމަ ޞިއްޙަތެއްގައި ހުންނަން އެދޭހިނދު، ހަށިގަނޑަށް ފައިދާހުރި ކާނާއަށް އަޅުގަނޑުމެން ވަކިން ޚާއްޞަ ސަމާލުކަމެއްދޭން އެބަޖެހޭ.

އާދެ، ހަމަ މިއާއެކު، އަޅުގަނޑުމެންގެ ޅަދަރީން، އާދެ، ތުއްތުކުދިން ބޮޑުވަމުންދާއިރު، އެ ދަރީންނަށް އަޅުގަނޑުމެން މިފަދަ ކަންތައްތަކުގެ ތެރެއިން ނަމޫނާ ދައްކަން އެބަޖެހޭ. އާދެ، ވެކްސިން ދިނުމާއި، ކުޑަކުދިންނަށް ގާތުން ދިނުމަކީ މިއީ އެންމެ ބޮޑަށް ކުރަންޖެހޭ ކަންތައްތައްކަން އަޅުގަނޑުމެން ގަބޫލުކޮށް، ޚާއްޞަކޮށް، މައިން މިކަމަށް ސަމާލުވެ، ވީހާވެސް ގާތުން، ތުއްތުކުއްޖާގެ ޞިއްޙަތު ބެލުމަކީ، ކޮންމެހެން މުހިންމު ކަމެއް. އާދެ، ކުޑައިރުއްސުރެ ފެށިގެން ރަނގަޅު ކެއުމުގެ އާދަތައް ކުޑަކުދިންގެ ގައިގައި އަށަގެންނެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، ސަރުކާރުން މިހާރުވެސް އާންމު ޞިއްޙަތު، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ވަކިން ޚާއްޞަކޮށް، ދުވަހަކުވެސް ދިވެހިރާއްޖޭގައި އަޅުގަނޑު ދަންނަވާނީ، ނުކުރާ މިންވަރަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިހާރުވެސް ގިނަ ކަންތައްތަކެއް ފަށްޓަވައިފި. އާދެ، އަޅުގަނޑު މި ދެންނެވި ގޮތަށް ތުއްތުކުއްޖާއަށް ވަގުތު ދިނުމަށްޓަކައި، ކައިރިން ޞިއްޙީ ކަންތައްތައް ބެލުމަށްޓަކައި މައިންނަށް ޗުއްޓީ، ހަ މަހުގެ ޗުއްޓީދޭގޮތަށް ހަމަޖެއްސީވެސް ހަމަ އެ މަޤްޞަދުގައި.

ހަމައެއާއެކު، ތަޢުލީމީ ނިޒާމުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތަށްޓަކައި ގިނަ ކަންތައްތަކެއް މިހާރު ވަނީ ރޭވިފައި. އާދެ، ސްކޫލް ހެލްތް ޕްރޮގްރާމުގެ އިތުރަށް، ހެނދުނުގެ ނާސްތާ ޕްރޮގްރާމް މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ވިސްނާލަން ޖެހެނީ މިގޮތަށް ކުރާ ކޮންމެ ކަމަކީ އެކަމުގެ ނަތީޖާއެއް ބޭނުންވާ ކަންތައްތަކެއްކަން. އެއްވެސް ކަމަކީ ނަމެއްގައި ކުރާ ކަމަކަށް ނަހަދައި، ކޮންމެ ކަމަކުންވެސް ލިބެން އޮންނަ އެންމެ މަތީ ފައިދާ ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، ހަމަ މިއާއެކު އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢު ކުދި ރަށްތަކުގައި، އާދެ، މާލެއަށް ބަލައިފި ކަމަށްވަންޏާ، މުޅި ދުނިޔޭގައި އެންމެ ކުޑަ ސިޓީއެއްގައި އެންމެ ގިނަ މީހުން އުޅެމުންދާއިރު، އަޅުގަނޑުމެން ކިތަންމެ ކުރާހިތްވާ ކަމެއް ކަމުގައިވިޔަސް، އެކަމަކުން އެހެން ބަޔަކަށް ލިބިދާނެ ގެއްލުމަށްވެސް އަޅުގަނޑުމެން ވިސްނަންޖެހޭނެ. އާދެ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، މިއަދުގެ ސަރުކާރުން ދުންފަތުން ލިބޭ ގެއްލުން، އެކަމުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ރައްޔިތުން، ކުޑަކުދިން، މާބަނޑު އަންހެނުން، އުމުރުން ދުވަސްވީ ފަރާތްތައް، އަދި ދުންފަތުގެ އިސްތިޢުމާލު ނުކުރާ ފަރާތްތައް ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައި. އަޅުގަނޑުމެންގެ ހިތްހަމަޖެހުމަށްޓަކައި އަޅުގަނޑުމެން ކުރާ ކަމަކުން އެހެން ފަރާތަކަށް ގެއްލުމެއް ލިބޭ ކަމަށްވަންޏާ، އެހެން ފަރާތެއްގެ ޙައްޤު އުނިވެގެންދާ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން ކަހަލަ ވިސްނުންތެރީން ވިސްނަންޖެހޭނެ ކަމެއް. މިއަދު، އަޅުގަނޑު ހަމަ ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ގޮވާލަން ބޭނުންވޭ، އާންމު ތަންތަނުގައި އެހެން މީހުންގެ ޞިއްޙަތަށް ގެއްލުން ލިބޭފަދަ ގޮތްތަކަށް ދުންފަތުގެ އިސްތިޢުމާލު ކުރުން އަޅުގަނޑުމެން ނިމުމަކަށް ގެނައުމަށް. ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ވީހާވެސް ބޮޑަކަށް ދުރުހެލިވުމަކީ އެއީ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވި ފަދަ ބަލިތަކުންވެސް އަޅުގަނޑުމެންނަށް ސަލާމަތްވެވޭނޭ އެއް މަގު.

އާދެ، އެއްވެސް ޝައްކެއްނެތް، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު، ޞިއްޙީ ޚިދުމަތްތައް ދިނުން ވަރަށް ބޮޑަށް ފުޅާވެގެން އެބަދޭ. މިހާރުވެސް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ މަރުކަޒުތަކުގައާއި، ހޮސްޕިޓަލުތަކާއި، އަދި އަލަށް ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ދިނުމަށްޓަކައި ގިނަ ކަންތައްތަކެއް ރޭވިގެން އެބަދޭ. މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ފެށިގެން އުފުލަމުން އަންނަ ތަކުލީފު، ޞިއްޙީ ޚިދުމަތްތައް ލިބިގަތުމަށްޓަކައި އެ އުފުލަމުންދިޔަ ތަކުލީފު، ކުޑަކުރުމަށްޓަކައި، ވީހާވެސް މަދުކުރުމަށްޓަކައި، ކުރެވެންހުރި ހަމަ ހުރިހާ މަސައްކަތެއް ކުރާނަން.

އާދެ، އަޅުގަނޑުމެން ގަބޫލުކުރަން، ދިވެހިރާއްޖޭގެ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުންވެސް ޞިއްޙީ ޚިދުމަތް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާކަން. އެހެންނަމަވެސް، ހިތާމައާއެކު ދަންނަވަން ޖެހެނީ، އަޅުގަނޑުމެންގެ ކުދި ރަށްތަކުގެ މަތިން ގިނަފަހަރަށް އޮންނަނީ ހަނދާންނެތިފައި. އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭނެ، ކުދި ރަށްތަކުގައިވެސް ތިބީ ދިވެހި ލޮބުވެތި ރައްޔިތުން. އެއީ، ދިވެހީން. ދިވެހީންގެ މަތިން އަޅުގަނޑުމެންނަށް މިއަދު ހަނދާންނައްތައެއްނުލެވޭނެ. ބަލިވެއްޖެ ކަމަށްވަންޏާ، އެންމެ ކުޑަ ރަށުގައި ހުންނަ މީހާއާއި، އެންމެ ބޮޑު ރަށުގައި ހުންނަ މީހާއާ އަޅުގަނޑުމެންގެ ކުރިމަތީގައި ތަފާތެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ، ދިވެހި ސަރުކާރުގެ ޞިއްޙީ ނިޒާމުގެ ތެރެއިން ކުރިއަށް ރޭވިފައި ހުރި ޕްރޮގްރާމުތަކުގެ ތެރެއިން ފަރަޤު ކުޑަކުރެވި، ފަސޭހައިން މި ޚިދުމަތްތައް ލިބޭނެގޮތްތައް މެދުވެރިވެގެންދާނެ.

އާދެ، އަޅުގަނޑުމެން ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށް ވަރަށް މުހިންމު ދައުރަކަށްވެގެންދޭ ހިތްހަމަޖެހުން. އަޅުގަނޑުމެން އަބަދުވެސް ސްޓްރެސްގައި، ނޫނީ ހާސްކަމެއްގެ ތެރޭގައި އުޅޭކަމަށްވަންޏާ، އެކަންވެސް ވެގެންމިދަނީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އޮތް ހުރަހަކަށް. އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ޤައުމެއްގައި އެހާ އެކުވެރި ރައްޔިތަކު ދިރިއުޅެމުންދާއިރު، އަޅުގަނޑުމެން އަބަދުވެސް އާލާކުރަން އެބަޖެހޭ، ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ލޯތްބާއި، އެ އެކުވެރިކަން، ހިތްހަމަޖެހުން. އާދެ، ލޯބި ލިބި، ލޯބިދީ، މިއީ އަޅުގަނޑުމެން ހަމައެކަނި ޢާއިލާ ފިޔަވައި، އަޅުގަނޑުމެން ރައްޓެހިންނަށް އަދި އެހެން މީހުންނާ ދޭތެރޭގައިވެސް ކަންތައްތައް ކުރަންޖެހޭގޮތް. އެއްވެސް ޝައްކެތްނެތްގޮތުގައި، ހިތްހަމަޖެހިގެން ހުންނައިރު، އަޅުގަނޑު ގަބޫލުކުރަނީ، އެ މީހާއަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު ބަލަން އެބަޖެހޭ، އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވުމާއި، އެކަކު އަނެކަކަށް ހަމްދަރުދީވުމާއި، އެކަކު އަނެކަކަށް އޯގާތެރިވުމަށް. މިއީ އަޅުގަނޑުމެން ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން ކަހަލަ އަޚްލާޤެއްގެ ވެރި ބަޔަކަށް، އަޅުގަނޑުމެންނަށް ލިބިފައިވާ ނަސީބުގެ ތެރެއިން، އާދެ، މާތްވެގެންވާ އިސްލާމްދީނުގައި އެންމެ ބޮޑަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ ބާރުއަޅުއްވާފައިވާ އެއްކަމަކީވެސް އޯގާތެރިވުމާއި، އެކަކު އަނެކަކަށް އަޅައިލުމާއި މަދަދުވެރިވުން.

އެހެންވީމާ، މިއީ އެންމެ އުތުރުގައި ހުންނަ މީހާ، އެންމެ ދެކުނުގައި ހުންނަ މީހާއަށްވެސް މި ލޯބިދީ، ހިތްހަމަޖެހިގެން އުޅޭނޭ މުޖުތަމަޢެއް އަޅުގަނޑުމެން ޤާއިމުކުރުމަށްޓަކައި، ދެމެހެއްޓުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމުތައް ކުރިއަރާފައި ހުރި ސަބަބުތައް. އާދެ، ތިޔަބޭފުޅުންގެ ތެރެއިން މި ޤައުމުތައް އެނގިވަޑައިނުގަންނަވާ ބޭފުޅަކު ހުންނަވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އާދެ، ބައްލަވައިލައްވާ، ސްކެންޑިނޭވިއާގެ ޤައުމުތަކަށް. ފިންލޭންޑަށް، ނޯވޭއަށް، ސުވިޓްޒަރލަންޑް، ޖަރމަނީ. މިއިން އެއްވެސް ޤައުމަކަށް ތިޔަބޭފުޅުން ބައްލަވައިލައްވައިފި ކަމަށްވަންޏާ، ވަރަށް ރީތިކޮށް ފެންނަން އޮންނާނެ، އެތަނުގެ އާންމު ޞިއްޙަތު. ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކޮލިޓީ އޮފް ލައިފް ރަނގަޅު ކުރުމަށްޓަކައި އެ ސަރުކާރުތަކުން މާ ކުރީއްސުރެ ފެށިގެން ކުރަމުން އައި މަސައްކަތް. އާދެ، ނަތީޖާއެއްގެ ގޮތުން ބަދަލުވެގެންދިޔައީ، އާންމު ޞިއްޙަތު ވަރުގަދަވެ، ބަލިވާ މިންވަރު މަދުވެ، މަރުވާ މީހުންގެ އަދަދުވެސް މަދުކުރެވި، ލައިފް އެކްސްޕެކްޓަންސީ ހައިކުރެވި، ވިހެއުމުގައި މަރުވާ ތުއްތުކުދިންގެ އަދަދުވެސް މަދުކުރެވި، ވިހެއުމުގައި މަރުވާ މައިންގެ އަދަދުވެސް މަދުކުރެވި، ތަފާތު އެތައް ކަންތައްތަކެއް.

އާދެ، މިއީ މިއަދު އަޅުގަނޑުމެން ފިލާވަޅު ނަގަންޖެހޭ ކަންތައްތައް. އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރާއިރު، އަބަދުވެސް ބަލަންޖެހެނީ، ރަނގަޅަށް ކަންތައްތައް ކުރާ މީހުންގެ ފަހަތުން ދެވޭތޯ. އެގޮތަށް އަޅުގަނޑުމެން ޢަމަލުކޮށް، އެކަންތައްތައް އަޅުގަނޑުމެން ކަށަވަރުކުރާހާ ހިނދަކު، އަޅުގަނޑުމެންގެ ކަންތައްތައްވެސް ދާނީ، ހަމަ އެ މިސްރާބަށް ކުރިއަށް.

އެހެންވީމާ، މިއަދު އަޅުގަނޑު ދިވެހިރާއްޖޭގެ، ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހާ ފަރާތްތަކަށް، އަޅުގަނޑު ގޮވާލަން އޮތީ، މި ކަންތައްތައް އަޅުގަނޑުމެން އެބަޖެހެޔޭ އަޅުގަނޑުމެންނާ ހަމައަށް ގެނެސް، އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން.

އާދެ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކާމިޔާބުވުމުގައި، އެއްވެސް ޝައްކެތްނެތްގޮތުގައި، އޭގެ ސިއްރެއް އޮވޭ. އަޅުގަނޑުމެން އަބަދުވެސް އެބަޖެހޭ، އަނެކާ ކުރާ ކަންތައްތައް، އަނެކާގެ ޚިދުމަތްތައް އަބަދުވެސް ގަބޫލުކޮށް، އެކަން އެޕްރިޝިއޭޓް ކުރާ ބަޔަކަށްވާން.

އާދެ، އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ފެށިގެން ފެނިގެން އައި، އާދެ، އަޅުގަނޑުމެން ކުޑައިރު، އޭރު ހެލްތް ވަރކަރުންނާއި، ފޫޅުމައިންގެ ރޯލު. ރަށްރަށުގައި ހޭލުންތެރި ކުރުވުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއްވެސް އޭރުވެސް ކުރި. އެހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް މި ބާވަތުގެ ކޮންމެ ކަމެއް ކުރިއަށް ގެންދިޔުމަށްޓަކައި، ކާމިޔާބު ކުރުމަށްޓަކައި ގިނަ ބައެއްގެ މަސައްކަތްތައް ހިމެނިފައި އެބައޮތް. އެއީ، ކޮންމެ މީހެއް ކަމުގައިވިޔަސް، އެ މީހެއްގެ މަތިން ހަނދާންކޮށް، އެފަދަ ފަރާތްތަކުން އެ ކުރައްވަމުން ގެންދަވާ ޚިދުމަތްތައް އަޅުގަނޑުމެން ފާހަގަކޮށް، އެ ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވާން އެބަޖެހޭ. އަޅުގަނޑުމެން އަބަދުވެސް މީހުން ކުރާ ރަނގަޅު ކޮންމެ ޢަމަލެއް، ކޮންމެ ކަމަކަށް ޝުކުރުވެރިވާން އެބަޖެހޭ. ޝުކުރުނުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރެއަކަށް ރަނގަޅު ކަންތައްތަކެއް ނާންނާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ބޭނުންވޭ، ދިވެހިރާއްޖޭގެ މި ދެންނެވި ގޮތަށް މިއަދާ ހަމައަށްވެސް މި މަސައްކަތްތައް ކުރައްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް، އަދި މިހާރުވެސް ވަރަށް ބުރަކޮށް، ސަރުކާރުގައާއި އަދި އަމިއްލަ ފަރާތްތަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި، އާންމު ޞިއްޙަތު ވަރުގަދަކޮށް، ވަރުގަދަ ޞިއްޙީ ނިޒާމެއް، މި ޤައުމުގައި ޤާއިމުކުރުމަށްޓަކައި އެ މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން އެކުގައި ކަންތައްތަކަށް އެޑްރެސް ކުރެވި، މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް މާ ދުރު ހިސާބަކަށް އެ ކަންތައްތަކައިގެން ދެވޭނެ. ކާމިޔާބު އޮންނާނީ ވަރަށް ކައިރީގައި. ހެޔޮ ނިޔަތުގައި، ހެޔޮގޮތުގައި، ޙަލާލު ގޮތުގައި، ރަނގަޅު ގޮތުގައި ކުރާ ކޮންމެ ކަމަކަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ ނަޞްރު ދެއްވާނެކަމީ އެއީ އެއްވެސް ޝައްކެއްއޮތްކަމެއްނޫން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން، ތިޔަބޭފުޅުން އާންމު ޞިއްޙަތު ވަރުގަދަކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބައެއްގެ ގޮތުގައި ބޭތިއްބުމަށްޓަކައި ތިޔަ ކުރައްވާ ބުރަ މަސައްކަތުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި، އަދި މި މަހާސިންތާއަށް، އަދި މިނޫންވެސް މިގޮތަށް އަޅުގަނޑުމެން މި ކުރާ ކޮންމެ ކަމެއް ކާމިޔާބު ކުރުމުގެ ހެޔޮ ތައުފީޤު اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.