ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 290 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމުގެ ފުރްޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ. މިއަދު ނެރުއްވި ދިވެހި ސަރުކާރުގެ ގެޒެޓުގެ 32 ވަނަ ޢަދަދުގައި މިކަމުގެ އިޢްލާނުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޝާއިޢު ކުރައްވާފައެވެ. މި ފުރްޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން މި ޖޫން މަހުގެ 10ވާ ބުދަ ދުވަހުގެ މެންދުރުފަހު 3.30ގެ ނިޔަލަށެވެ.

މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 292 ވަނަ މާއްދާގައިވަނީ، އެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 ދުވަހުގެ ތެރޭގައި، އެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލް ޢައްޔަން ކުރަންވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު ދޫކުރެއްވުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8.30 ން މެންދުރުފަހު 3.30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މިފޯމާއި އިޤްރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ ޑަބްލިޔޫ ޑަބްލިޔޫ ޑަބްލިޔޫ ޑޮޓް ޕްރެޒިޑެންސީ މޯލްޑިވްސް ޑޮޓް ގަވް ޑޮޓް އެމްވީ (www.presidencymaldives.gov.mv) އެވެ.