بســم اللّـه الرّحمـن الرّحيــم

ނައިބު ރައީސް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސްކޫލްގެ ޕްރިންސިޕަލާއި، ސްކޫލްގެ ޓީޗަރުން އަދި ވަކިން ޚާއްޞަކޮށް، ސްކޫލްގެ ދަރިވަރުން.

السّـلام عليـكم

އުތީމު ސްކޫލަށް 25 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، ފަންޑް ފޮށްޓަށް އަޅުގަނޑަށް ކޮންމެވެސް މިންވަރެއް ހަދިޔާ ކުރުމުގެ ފުރްޞަތު ލިބުނުކަމީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންގެ މަދްރަސާތަކަކީ، އަޅުގަނޑުމެން އަބަދުވެސް ވަރަށްގިނަ މަސައްކަތްކުރާ އަދި އެތަންތަން ރަނގަޅަށް ހުރުމާއި، ރަނގަޅަށް އެތަންތަނުން ދަރިވަރުންނަށް އެއްޗެއް އަންގައިދެވި، ކިޔަވައިދެވުމަކީ، އަޅުގަނޑުމެންގެ ތެރެއިން އެންމެންގެވެސް އަބަދުވެސް ވަރަށްބޮޑު އަމާޒެއް.

އަޅުގަނޑުމެން މިކުރާ ހުރިހާ ކަމެއް، އަޅުގަނޑުމެން ކުރަނީ، ދަރިންނަށްޓަކައި. އަޅުގަނޑުމެން މަހަށްދަނީވެސް، އަޅުގަނޑުމެން ރެޒޯޓެއްގައި އުޅެނީވެސް، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެ ތިބެނީވެސް، ވަޒީރަކަށްވެ ތިބެނީވެސް، އަޅުގަނޑުމެން މިހިންގާ ހުރިހާ ކަމެއް ޙަޤީޤަތުގައި އަޅުގަނޑުމެން ކުރަމުން މިއަންނަނީ، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި. އެ ދަރިން ނެތްނަމަ، އަޅުގަނޑުމެން ކުރާނެ ހަމަ އެއްކަމެއްވެސް ނޯންނާނެ. ނުވެސް ކުރާނެ. އަޅުގަނޑުމެންނަށް، އެހެންވީމާ، އަޅުގަނޑުމެންގެ މުޅި ޙަޔާތުގެ ނާރެހަކަށް އަބަދުވެސް ހެދިފައި އޮންނަނީ ދަރިން ދާ މަދްރަސާ.

އުތީމަކު މިކަމެއް ވަކި ތަފާތުވެގެނެއް ނުދާނެ. އުތީމުގެވެސް ތަރައްޤީގެވެސް އަދި އިޖްތިމާޢީ ހުރިހާ ކަމެއްގެވެސް އެންމެ މުހިންމު އެއްތަނަކީ، އެއް މުއައްސަސާއަކީ މިރަށުގެ މަދްރަސާ. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ދަންނަވަން، ތަރައްޤީއަކީ މީހާއަށްވާ ކަމެއް. އެއީ، ތިމަންނާއަށް ތަންދޮރު އޮޅުންފިލުމޭ. ތަރައްޤީއަކީ ބޮޑުހިލަ ބަނދަރެއް ނޫނޭ. އެއްގަމު ތޮށްޓެއް ނޫނޭ. ތަރައްޤީއަކީ ތިމަންނާއަށް ވާނުވާ އެނގި، ތިމަންނާއަށް ޢިލްމެއް ލިބި، ތިމަންނާ ތަރައްޤީވުމޭ. އަބަދުވެސް އަޅުގަނޑުމެންނަށް މިއަދު އެނގޭ އެއްޗަކަށްވުރެ، އިތުރު އެއްޗެއް މާދަމާ އެނގޭތޯ ބެލުމަކީ، އަޅުގަނޑުމެންގެ އަބަދުވެސް މަސައްކަތަކަށްވާންޖެހޭނެ.

މިއަދު މަދްރަސާގައި އަޅުގަނޑުމެން މި ފަންޑް ފޮށި އިފްތިތާޙް ކުރާއިރުގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ދެތިން ނުކުތާއެއް އެބަވޭ. އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ އަމާޒަކީ، އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮންމެ 10 ކުއްޖަކުން 6 ކުއްޖެއް، މަދުވެގެން C ފާހަށްވުރެ މަތިން ނަތީޖާ ހޯދުން. އެއީ މީގެ ތިން އަހަރު ކުރިން، 2008 ވަނަ އަހަރު ސަރުކާރުން ކަނޑައެޅި ލަނޑުދަނޑިއެއް، ޓާގެޓެއް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ފެންނަމުން މިދަނީ، މިދެންނެވި ޓާގެޓަށް އަޅުގަނޑުމެންނަށް މަޑުމަޑުން ނަމަވެސް، ވާސިލުވަމުން ދެވޭތަން. އަޅުގަނޑަށް ވަރަށް އުފާވެރި ނަތީޖާއެއް، މިއަހަރުގެ އޯ ލެވެލްގައި އެބަވޭ.

އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، ރާއްޖޭގައި އިސްލާމް ކިޔަވާ ދަރިވަރުންގެ ތެރެއިން C ފާހަށްވުރެ މަތިން ފާސް މިލިބެނީ، 42 ޕަސެންޓް ކުދިންނަށް. މިއަހަރު 73 ޕަސެންޓް ކުދިން. އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވިއިރު، ދިވެހިން C ފާހަށްވުރެ މަތިން ފާސްވާ ކުދިންވެސް ހުރީ 40 ގައި. މިއަހަރު 62 ޕަސެންޓްގައި. އަޅުގަނޑުމެންނަށް އެބަފެނޭ، އަޅުގަނޑުމެންގެ ޓާގެޓްތަކަށް، އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ޙާޞިލްވަމުންދާތަން. އަޅުގަނޑުމެންނަށް އެނގޭ، އެބަ އަޅުގަނޑުމެން ކުރާ މަސައްކަތްތަކުން ނަތީޖާ ނުކުންނަކަން. ކުރެވޭނެ މަސައްކަތްތަކަކީ، އަޅުގަނޑުމެން އެންމެންވެގެން ކުރާ މަސައްކަތް.

އަޅުގަނޑު ނުދަންނަވާނަން، އަޅުގަނޑުމެންގެ މަސައްކަތްތަކުގައި، މި ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި ބައިވެރިނުވާ އެއްވެސް ދިވެހި ދަރިއެއް، މި ރާއްޖެއަކު ނޫޅޭނެ. ކުރެވޭ މަސައްކަތަށް އިންކާރު ކުރުމުގައި، އިޙްތިޖާޖް ކުރުމަކީވެސް އަޅުގަނޑު ދެކޭގޮތުގައި، މަސައްކަތް ކުރުމުގައި ބައިވެރިވުން. އަޅުގަނޑުމެންނަށް ބައެއްފަހަރަށް ކަންބޮޑުވެ މިދަނީ، ނުވަތަ ދެވަނަ ވިސްނުމަކަށް ވިސްނާލަން މިޖެހެނީ، އެ އިޙްތިޖާޖްތައް، އިޙްތިޖާޖްގެ މާޙައުލުން ބޭރުވެ، ވަޅިއާއި އަދި އެހެންވެސް މާރާމާރީން ކަންކަން ނިމެމުންދާކަމުން. އެމަގަށް ދިޔުމަކީ، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެދޭނެ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވާނީ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢުލީމެއް ދެވިގެން، އެކުދިން ހެޔޮ ޙާލުގައި ބޮޑެތިވެވި، އެކުދިންގެ ފަރާތުން މިޤައުމަށް ރަނގަޅު ޚިދްމަތްތަކެއް ލިބުން.

އުތީމުގެ މަދްރަސާގައި، 2010 ވަނަ އަހަރު އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވީ، އަޅުގަނޑު ހަނދާންވާ ގޮތުގައި 26 ކުދިން. 2010 ވަނަ އަހަރުގެ އޯ ލެވެލް ނަތީޖާއަކުން އުތީމު އެއްވެސް ކުއްޖަކަށް 5 މާއްދާއިން C ފާހަށްވުރެ މަތިން ފާހެއްނުވޭ. އެހެން ނަމަވެސް، އެއީ 2010 ވަނަ އަހަރު. 2011 ވަނަ އަހަރުގެ ނަތީޖާ މިއަދު ނުކުމެއްޖެ. އަޅުގަނޑަށް އެނގޭ. އެކަމަކު އެހެން ނަމަވެސް، އަޅުގަނޑަށް ކުއްލިއަކަށް އެ ނަތީޖާގެ މުޠާލިޢާތަކާ އެކީގައި ދަންނަވާލަން ދަތި. އަޅުގަނޑަށް، މިނިސްޓަރު ވިދާޅުވަނީ، މިދިޔަ އަހަރުގެ ނަތީޖާއަށްވުރެ، އުތީމުގެ ނަތީޖާ، މާބޮޑުތަނުން މިއަހަރު ރަނގަޅޭ. އަޅުގަނޑު އެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޓީޗަރުންނާއި އަދި މުޅި މިރަށުގެ އެހެން ހުރިހާ ރައްޔިތުންނާ އެކުގައި ކުރެވިފައިވާ މަސައްކަތެއް، މަސައްކަތަކީ. އަޅުގަނޑުގެ އުންމީދަކީ، ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންނަށް މި ނަތީޖާތައް، މިހާރަށްވުރެވެސް އަދި ރަނގަޅު ކުރަމުން ގެންދެވުން.

އަޅުގަނޑުމެން އުތީމުގެ ތަރައްޤީއަށްޓަކައި އަދި އުތީމުގެ ރައްޔިތުންގެ ބޭނުންތަކަށްޓަކައި ކުރާންހުރި ކަންކަން ގިނަކަން އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީންވެ ސާފުވޭ. އުތީމުގައި ލަފާފުރުމުގެ ދަތިކަމާއި، ފެން ތަޣައްޔަރުވެފައިވާ މިންވަރާއި، ހެލްތް ސެންޓަރާއި މަދްރަސާ ތަރައްޤީ ކުރަންވެފައިވާ މިންވަރު، މިއީ ސަރުކާރަށް ވަރަށް ސާފުކޮށް އޮޅުންފިލާފައި ހުރި ކަންކަން. އަޅުގަނޑު މިކަންކަމާއި އުތީމާ، އުތީމުގެ ކަންކަމާ އަޅުގަނޑުމެން މަސައްކަތް ކުރާއިރުގައި، ނުވަތަ އުތީމުގެ ކަންކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާއިރު، އުތީމު ރައްޔިތުންނާއި އަދި ޚާއްޞަކޮށް، އުތީމުގެ ސްކޫލް ދަރިވަރުންނަށް ދެތިން ނުކުތާއެއް އަޅުގަނޑުގެ ހިތުގައިވާ ފާހަގަކޮށްލަން އެބަ ބޭނުންވޭ.

މި އުތީމަކީ، މުޅި މި ރާއްޖޭގެ ޤައުމިއްޔަތުގެ ވާހަކައިން ބައެއް. ބޮޑުތަކުރުފާނު ވާހަކައިން ބައެއް. ބޮޑުތަކުރުފާނު ވާހަކައަކީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ ބަޔާން. އެއީ، އެވާހަކަ ކިޔައިދޭ ދިނުމަކީ. ފުރަތަމަ ބޮޑުތަކުރުފާނު ވާހަކަ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މީހުން ކިޔަމުން އައީ، ރައިވަރެއްގެ ގޮތުގައި. ދެން ފަހުން ބުރާރު ވާހަކައިގެ ގޮތުގައި. ނަވާރަސަތޭކަ ވިހި، ބާވީސް އެހިސާބުގައި، ޙުސައިން ޞަލާޙުއްދީން، އެ ބޮޑުތަކުރުފާނު ވާހަކައެއްގެ ގޮތުގައި، މި ޒަމާނީ އަޅުގަނޑުމެން މިހާރު މި އަޑުއަހާ ވާހަކައިގެ ގޮތުގައި އެކުލަވައިލެއްވީ. އެހެންވީމާ، މިވާހަކައަކީ، ކޮއިމަލާ އިރުއްސުރެ ފަށައިގެން އައިސް، ރާއްޖެ އިސްލާމްވީއްސުރެ އަބަދުވެސް އެދުވަހަކާ ހަމައަށް ކިޔާ ވާހަކައެއް. މި ވާހަކައިގެ ވަރަށްބޮޑު ބަޔާނަކީ އުތީމު. އުތީމުގައި އޮތް ކޮންމެ ވެލިކޮޅަކީވެސް، އުތީމުގެ ތުނޑިއަކީ ވަކިން ޚާއްޞަކޮށް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޑުއަހާ، ދަންނަ ތުނޑިއެއް.

ހަމަގައިމުވެސް އަޅުގަނޑު ތުނޑިއެއްގެ ވާހަކަ އެންމެ ފުރަތަމަ އަޑުއެހީ، އުތީމު ތުނޑީގެ ވާހަކަ. ދެން އަޅުގަނޑަށް، އަޅުގަނޑު އުޅެ ބޮޑުވީވެސް ބޮޑުތަކުރުފާނު ޒިޔާރަތާ ޖެހިގެން. އެހެންވީމާ، އަޅުގަނޑަށް ތަކުރުފާނުގެ ކަންކަން އަބަދުވެސް ހަނދާނަށް އަންނާނެ. ބިހުރޯޒު މިސްކިތަކީ އަޅުގަނޑު ގޭ ދޮށް. ބިހުރޯޒު މިސްކިތް އިންވެގެން އެހުންނަނީ، އަޅުގަނޑު ގެޔާ. އެހެންވީމާ، އަޅުގަނޑަށް އަބަދުވެސް ތަކުރުފާނުގެ ޒިޔާރަތާއި، ދެޙާޖީންނާއި އަދި ހަމަ އަޅުގަނޑަށް އަޅުގަނޑުމެންނާ އަޅުގަނޑާ ދުރެއްގައެއް ނޫން، ކަލާފާނު މިސްކިތްވެސް އެ ހުންނަނީ. ކަލާފާނު މިސްކިތުގައި ދެން އެވަނީ، ކަލާފާނު މިސްކިތް އެނގިވަޑައިގަންނަވާނެ، ބިނާކުރެވިފައި އެ ހުންނަނީވެސް ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ނަމުގައި. އެހެންވީމާ، އަޅުގަނޑުމެން ކިތަންމެ ދުރުގައި ތިއްބަސްވެސް، ތަކުރުފާނުގެ ހަނދާން، މާލޭގައިވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އަބަދުވެސް ހުރޭ.

އެހެންވީމާ، މިރަށަކީ މިރަށުގެ ތަރައްޤީއާ ގުޅޭގޮތުން ވިސްނާއިރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، މަޝްވަރާ ކުރާން މިޖެހެނީ، ހަމައެކަނި މިރަށު ކައުންސިލަކާއެއް ނޫން. ހަމައެކަނި މިރަށު ރައްޔިތުންނަކާއެއް ނޫން. މުޅި ރާއްޖެއަށް. އުތީމުގެ ބަނދަރެއް، އިރާދަކުރެއްވިއްޔާ، މިއަހަރު ހަދަން ފެށޭނެ. އަޅުގަނޑަކަށް ނޭނގެ، ކިހިނެއް ކަމެއް މި ބަނދަރު އޮންނާކީ. އަޅުގަނޑު ނުދެކެން، އެ ބަނދަރު މިސާލަކަށް އެއީ، މާރަންދޫ ބަނދަރުހެން، ރަށުން ބައެއް ކަނޑާލާފައި އެތެރެއަށް ފައްތާފައި ހެދޭ ބަނދަރެއްގެ ގޮތުގައި ހެދީމާ، ދެން އުތީމުގެ އެހެން ކަންކަމަށް ވެގެންދާނެގޮތް، އުތީމުގެ މުޅި ތިމާވެށްޓަށް ވެގެންދާނެގޮތް، އަޅުގަނޑުމެންޖެހޭ އެބަ ދެނެގަންނަން. ގާމަތީ ރަށެއް، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ އުތީމަކީ. ވީމާ، އުތީމުގައި ބަނދަރެއް ހަދާއިރުގައި، ހެދޭނީ ހަމައެކަނި އުތީމު ރައްޔިތުން ބޭނުންވާ ގޮތަކަށެއް ނޫން. މުޅި މި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް. އެއީ، އުތީމުވީމާ. އުތީމުގައި ދިރިއުޅޭ ކަމަށްވަނީވިއްޔާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެ އުޅެވެނީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެދޭނެ އުތީމު ރައްޔިތުން މިތަން މިގޮތަށް ބަލަހައްޓައިދިނުމަށް. މިތަން މިގޮތަށް ބާއްވައިދިނުމަށް. އަދި މިތަނުގައި ހުރި ގަނޑުވަރުވެސް، މިތަނުގެ ތަކުރުފާނާ ގުޅޭގޮތުން ހުރި ހުރިހާ ކަމެއްވެސް ބަލަހައްޓައިދިނުމަށް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ސަރުކާރުން ބަނދަރު ސަރވޭ ހެދުމާއި އަދި ބަނދަރު ޑިޒައިން ކުރުމާ، އެކަންކަން ކުރެވެމުންދާއިރުގައި، ތިޔަބޭފުޅުންގެ ކެތްތެރިކަމާއި އަދި ތިޔަބޭފުޅުންގެ ބައިވެރިވުން، އަޅުގަނޑު މިދެންނެވި މަގުން ގެންދަވާނެ ކަމަށް. އެއީ އުތީމަކީ، ހަމައެކަނި އުތީމު ރައްޔިތުންގެ ރަށެއް ނޫނޭ. އުތީމަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އުތީމެކޭ.

އަޅުގަނޑު ގިނަ ވާހަކަ ދައްކާކަށެއް ނޫން އަޅުގަނޑު ހުއްޓުނީކީއެއް. އެހެން ނަމަވެސް، އުތީމާ ގުޅޭގޮތުން ހިންގާންހުރި ބައެއް ކަންކަން ހުރީތީވެ، ސަރުކާރުން އެބަ އެދޭ، އުތީމުގައި ގެސްޓްހައުސްއެއް ޤާއިމްކުރެވި، އުތީމަށް ފަތުރުވެރިންނަށް އާދެވި، ފަސޭހަކަމާއެކީގައި މިތަނުގައި ޗުއްޓީއެއް ހޭދަކޮށްލެވޭނެ ގޮތެއް ހޯދުން. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މިތަނަށް ޗުއްޓީ ދުވަސްވަރު ކުދިންނަށް އާދެވި، މިތަނުގައި ރީތިކޮށް ތިބެވޭނެ ގޮތެއްވުމަކީ، ރާއްޖޭގެ ޤައުމިއްޔަތަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ހަމަގައިމުވެސް އަޅުގަނޑު ދެކެން. އެހެންވީމާ، މި އެންމެ ކަންކަން، ސަރުކާރުން އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ހިންގަން ފަށާނެ. އަޅުގަނޑުވެސް ގަބޫލުކުރަން، މިދިޔަ ދެއަހަރު އަޅުގަނޑުމެންނަށް އޮތީ އުތީމާ ގުޅޭގޮތުން މާގިނަ ކަންކަން ނުހިންގިފައި. އެހެން ނަމަވެސް، މިއަހަރު އިރާދަކުރެއްވިއްޔާ، އެކަން ވެގެންދާނެ. އެކަން ވެގެން އެދަނީ، ގަބޫލު ކުރައްވާތި، ކޮންމެ ރުފިޔާއަކުން ހަލާރި ދިނުމަށް، ރައްޔިތުން އެއްބަސްވީމާ ކަމަށް. ޖީ.އެސް.ޓީ ނަގައިގެން، އެ ފައިސާގެ ބޭނުން އަޅުގަނޑުމެން އެންމަންނަށް ކުރެވޭނެ ގޮތަކަށް، އަޅުގަނޑުމެންގެ ނިޒާމް ބަދަލުވެގެން ދިޔައީމާ ކަމަށް.

އަޅުގަނޑު ތިޔަބޭފުޅުން ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ހިތުން ސާފުވާނެ، މިއަހަރުގެ ދިވެހިރާއްޖޭގެ ތަޢުލީމްގެ ބަޖެޓަކީ، ނިސްބަތުން، މުޅި މި އެތެރެވަރީގެ އެންމެބޮޑު ތަޢުލީމީ ބަޖެޓް. އެއްވެސް ޤައުމެއްގައި، އެއްވެސް ޤައުމެއްގައި، އޭޝިޔާގެ ތެރޭގައި، ނިސްބަތުން ދިވެހިރާއްޖޭގައި ތަޢުލީމަށް ޚަރަދުކުރާވަރަކަށް ޚަރަދެއް ނުކުރޭ. އެއްވެސް ޤައުމެއްގައި، ނިސްބަތުން ދިވެހިރާއްޖޭގައި ޞިއްޙަތަށް ޚަރަދުކުރާ ވަރަކަށް ޚަރަދެއް ނުކުރޭ. އަޅުގަނޑުމެން އެންމެ ބޮޑަށް އެކަން މިކުރަނީ. އެކަން އަޅުގަނޑުމެން މިކުރަނީ، މިދެންނެވިހެން ތިޔަބޭފުޅުން، ރާއްޖޭގެ ރައްޔިތުން، ރުފިޔާއަކުން ހަލާރި، ކޮންމެ އެއްޗެއް ގަންނައިރު ދޭން އެއްބަސްވެލައްވާފައިވާތީ.

އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ، އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ والســّلام عليــكم.