بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޓޫރިޒަމް މިނސްޓަރ، ދައުލަތުގެ ވަޒީރުން، ރައްޔިތުން މަޖިލީހުގެ މެންބަރުން، ކައުންސިލަރުން، ފަތުރުވެރިކަމުގެ މި ދާއިރާގައި ހީވާގިކަމާއެކު މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، މިއަދުގެ މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށާއި، އަދި މުޅި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުން.

އާދެ، އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެން ފާހަގަކުރަންޖެހޭވަރުގެ ކަމެއް، އަޅުގަނޑުމެންނާ ހަމައަށް މި ފަތުރުވެރިކަން، ޓޫރިޒަމް، އާދެ، ގެނެސްދެއްވި ފަރާތްތައް. އާދެ، މިއަދު އަޅުގަނޑުމެންގެ ހަނދާނަށް އެހާ ރަނގަޅަށް އެ ކަންތައް ނައިނަމަވެސް، އަޅުގަނޑުމެންނަށް މަންޒަރުތަކުންނާއި އަޑުތަކުން ވަރަށް ސާފު. ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. 1970ގެ ކުރީކޮޅު، އެއީ ވަރަށްބޮޑު ޤުރުބާނީތަކެއް ބަޔަކުވެގެން، ޓޫރިޒަމް ރާއްޖެ ގެނެވުނީ.

އާދެ، ޙަޤީޤަތަކީ މިއަދު އަޅުގަނޑުމެން މި ދެކޭ ތަރައްޤީ، އަޅުގަނޑުމެން މިއަދު މި ދެކޭ ކުރިއެރުމުގެ އަސްލަކަށް މިވަނީ މި ކުރެވުނު މަސައްކަތުން ގެނެވުނު ފަތުރުވެރިކަމޭ ދެންނެވުމަކީ އެއީ، އެއްވެސް ގޮތަކަށް ދޮގަކަށް ނުވާނެ.

އާދެ، އަބަދުވެސް ދުނިޔޭގެ އެކި ތަންތަނުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަރާތްތައް، ރާއްޖެ ސިފަކުރާ ދެ ގޮތެއް އޮވޭ. ނުވަތަ ރާއްޖެއަށް އެ ދަތުރުކުރަނީ، ދެ ބޭނުމެއްގައި. އާދެ، އަޅުގަނޑުމެންގެ ވިސްނުމުގައި އަބަދުވެސް ބަހައްޓަން އެބަޖެހޭ، އަޅުގަނޑުމެންނަށް ލިބިފައިވާ ރީތިކަން، އާދެ، އަޅުގަނޑުމެންގެ ތިމާވެށި. މި ޤުދުރަތީ ރީތިކަމާއި އަދި އެއަށްވުރެ މާ ރީތިކަމެއް، އަޅުގަނޑުމެން ދިވެހިންނަށް ލިބިފައިވާ ހިނިތުންވުން. މިއީ އަޅުގަނޑަށް ހީވަނީ މުޅި ދުނިޔެއަށް، ދިވެހިރާއްޖެ އެހާ ރަނގަޅު މަންޒިލަކަށް، އެހާ ރީތި ތަނަކަށް ވެގެން މިދަނީ މި ދެ ސަބަބަށްޓަކައި.

އާދެ، އަޅުގަނޑުމެން، މި ވޭތުވެދިޔަ ދެ ދުވަހުވެސް އަޅުގަނޑުމެންނަށް ޓީ.ވީ.ގެ ޒަރިއްޔާއިން މި ފެންނަނީ، އ.ދ. ގައި ކުރެވިގެންދާ މަސައްކަތްތަކާއި، ދެކެވިގެންދާ ވާހަކަތައް. ވަކިން ޚާއްޞަކޮށް، ވަރަށް ރަނގަޅު މެސެޖްތަކެއް، އާދެ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގިނަގުނަ މައްސަލަތަކެއްގެ ވާހަކަ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް ގެންނަވައި، ލަސްނުކޮށް އަވަހަށް ފިޔަވަޅު އެޅުއްވުމަށްޓަކައި ގޮވާލާފައި. ހަމައެއާއެކު، އަޅުގަނޑުމެންނަށް މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނޭ، ތިމާވެށްޓަކީ ކިހާ މުހިންމު ކަމެއްކަން، ތިމާވެށި ޙިމާޔަތް ކުރުމުގެ، އަޅުގަނޑުމެންގެ މި ރީތި ގޮނޑުދޮށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، މި ހޭޅިފަށްތައް އެ ތަން ޕްރިޒަރވްކޮށް، ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމުކަމުގެ ވާހަކަ.

އާދެ، މިއީ އަޅުގަނޑުމެން މިކަމަށް ވިސްނަންޖެހޭ ވަގުތު. އަޅުގަނޑުމެންގެ އަތުން އެއްޗެއް ބީވެގެން ނުދަނީސް، އަޅުގަނޑުމެން އެކަމަކާ ދެތޭރޭ ވިސްނައި، އަބަދުވެސް ފިޔަވަޅު އަޅަންޖެހޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ.

އާދެ، މިއަދު އަޅުގަނޑުވެސް ދަންނަވާލަން އޮތީ، އާދެ، ރަނގަޅު ވާހަކަފުޅެއް. މީގެ 27 އަހަރުވަރު ކުރިން، އޭރު އަޅުގަނޑު ހަމަ އެއީ ބޯއީއެއް. މިއަދު އަޅުގަނޑު އުމުރުން ދުވަސްވެފައި ހުރިނަމަވެސް، އޭރު ބޯއީއެއްގެ ގޮތުގައި އަޅުގަނޑު ޓޫރިޒަމް ދާއިރާއަށް 27 އަހަރު ކުރިން ވަންއިރު، ނުފެންނަ އެތައް ކަންތަކެއް މިއަދު އެބަ ފެނޭ. އެހެންވީމާ، ވޭތުވެދިޔަ 27 އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ހުރި ކަންތައްތައް ގާތުން ފެނުނު އެކަކަށް އަޅުގަނޑުވެސް ވާނެ.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ މި ގޮނޑުދޮށްތައް ޙިމާޔަތްކޮށް، އަޅުގަނޑުމެންގެ މި ޚިދުމަތް، އާދެ، އަޅުގަނޑުމެންގެ މި ހިނިތުންވުމާއި، އަޅުގަނޑުމެންގެ މި އަޅައިލުން، މި ކަންތައްތައް އަޅުގަނޑުމެން އަބަދުވެސް މިހާވަރަށް މި ގޮތަށް މެއިންޓެއިންކޮށް ބަހައްޓަން އެބަޖެހޭ.

އާދެ، ޓޫރިޒަމް މިނިސްޓަރުގެ ވާހަކަފުޅުގައިވެސް، ފާހަގަކުރައްވައިފި، އަޅުގަނޑުމެންގެ މި ސަރުކާރުން، އާދެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެން އެންމެ ބޮޑު ވަޢުދަކީ އެއްވެސް ތަފާތެއް ނުކުރުން.

އާދެ، ކުޑަ އަތޮޅެއް، ބޮޑު އަތޮޅެއް ތަފާތުނުކޮށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ، އެއް ހަމައެއްގައި ހޯއްދަވައިދެއްވުމަކީ އެއީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެން އެންމެ ބޮޑު ވަޢުދަކީ. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެ މަންޒަރު.

އާދެ، އަޅުގަނޑު މި ވ. އަތޮޅުގެ މި ރަށަށް، އާދެ، ކެޔޮދޫއަށް އައުމުން، އަޅުގަނޑަށް މާ ކުރީގައިވެސް އަޅުގަނޑު ލޯންޗުން ފޭބި ވަގުތު އަޅުގަނޑު ހަމަ ހިތަށްއެރި ވާއުއޭ. އަޅުގަނޑު ހިތަށްއެރި، އެ ވާއު މި ވަނީ ސިފަތަކެއް ހުރެގެން، ސަބަބުތަކެއް ހުރެގެން. އެހެންވީމާ، އަޅުގަނޑުގެ ހިތުތެރެއަށް، އޭރުވެސް އަޅުގަނޑަށް ފާހަގަކުރެވުނު، އެ ވާއުއޭ ބުނަންޖެހޭ ހުރިހާ ސަބަބުތަކެއް މި ރަށުގެ ރައްޔިތުންނާއި، އަޅުގަނޑުމެންނާ ދިމާވި ހުރިހާ ކުޑަކުދިންގެ މޫނުމަތިން އެބަހުރިކަން. އާދެ، އެކަމަށްޓަކައި މި ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންނާއި އަދި ވަކިން ޚާއްޞަކޮށް، ކުޑަކުދިންނާއި މައިންބަފައިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެއްވެސް ޝައްކެއްނެތް. މި ސަރުކާރު ކުރިޔަށްދާނީ ހަމަހަމަކަމާއެކު. އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި، އެއީ ސިޔާސީ ކަންތައްތަކަށްވިޔަސް، އިޤްތިޞާދީ ކަންތައްތަކަށްވިޔަސް، އިޖްތިމާޢީ މަސައްކަތްތަކަށްވިޔަސް، އަބަދުވެސް އެކުއެކީގައި. އާދެ، ޖެންޑަރ ބެލެންސް، ޖެންޑަރ އީކްއަލިޓީ އެއީ އަޅުގަނޑުމެންގެ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްކަން، އަބަދުވެސް ކުރާ ކޮންމެ ކަމަކުން ފެނިގެން އެބަދޭ.

އާދެ، ހަމައެއާއެކު އަޅުގަނޑު ނިންމާލުމުގެ ކުރިން ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންނެއް ނުޖެހޭ އަބަދު އެއްގޮތަކަށް ކަންތައްތައް ކުރާ ބަޔެއްގެ ގޮތުގައި ތިބޭކަށް. އަޅުގަނޑުމެންނަށް މި ފެންނަނީ ހަމަ ވާއުއޭ ބުނެފައި އަޅުގަނޑުމެން ބުނަންޖެހޭގޮތާ މުޅިން ތަފާތު. މިއަދު މި ޙަރަކާތްތައްވެސް ޓޫރިޒަމް ދާއިރާގައި ދިވެހިރާއްޖޭގައި ގާތްގަނޑަކަށް ހަތާވީހަކަށް އަހަރު މި ކަންތައްތައް ކުރިއަށް ގެންދިޔަގޮތް އަޅުގަނޑަށްވެސް ފެނުނު.

އެހެންނަމަވެސް، މިއަދު މި ފެށިގެންދާގޮތްވެސް ހަމަ ތަފާތު. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ވާންޖެހޭ އިނޮވޭޓިވް ބަޔަކަށް. އަބަދުވެސް އާ ކަންތައްތައް، މޮޅެތި ކަންތައްތައް ކުރާ ބަޔަކަށް. އެކަކު ކަންތައްތައް ކުރާވަރަށްވުރެ މޮޅަށް ކުރަން ޢަޒުމު ކަނޑައަޅާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާނީ އަބަދުވެސް ރަނގަޅު ކުރުމަށްޓަކައި. މާބޮޑަށްވެސް ރަނގަޅު ކުރުމަށްޓަކައި އެ ކަމުގެ ޕްލޭނާއެކު ކާމިޔާބު ކުރުމަށްޓަކައި.

އާދެ، އަދިވެސް އެއްފަހަރު، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ހެޔޮއެދުންތައް ދަންނަވަން. އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަނީ، ރާއްޖޭގެ މަސައްކަތްތެރިންގެ ޙައްޤު ލިބި، އާދެ، ވަކިން ޚާއްޞަކޮށް، ރިޒޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައް ހިތްހަމަޖެހުމާއެކު ވަޒީފާ އަދާކުރެވޭނޭ މަގު ތަނަވަސްވެގެންދިޔުން.

އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ ޙަޤީޤަތަކީ، ދިވެހިރާއްޖޭގެ ރިޒޯޓްތަކުގައި ވަޒީފާ އަދާކުރި ފަރާތްތަކަކީ، އެއީ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ޤުރުބާނީއެއްވީ ފަރާތްތަކެކޭ. ޢާއިލާއާ ދުރުގައި، ލޯބިވާ ދަރިންނާ ދުރުގައި، އަހަރުވަންދެން މަސައްކަތްކުރާކަމީ އެއީ، އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. އެއިން ދިވެހިރާއްޖެއަށް ގެނެސްދިން ކުރިއެރުންތަކަކީ އެއީ އަޅުގަނޑުމެންނަށް މިއަދު މި ފެންނަ ކަންތައްތައް.

އާދެ، އަޅުގަނޑު އަދިވެސް އެއްފަހަރު ތިޔަ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން އެކުގައި ގުޅިގެން މި ކުރާ މަސައްކަތް، އާދެ، އެހެން ހަރުފަތަކަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.