بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْـدُ للهِ رَبِّ الْعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أشْرَفِ الأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَـى آلِـهِ وَصَحْبِــهِ أَجْمَـعِــيْن.

ދައުލަތުގެ ވަޒީރުން، ރައްޔިތުން މަޖިލީހުގެ މެންބަރުން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ، ކައުންސިލް މެންބަރުން، ކުންފުނިތަކާއި މުއައްސަސާތަކުގެ އިސްވެރިން، ރާއްޖޭގެ ހިތްވަރުގަދަ ދިވެހި ނޫސްވެރިން، އަދި މި ދާއިރާގެ ހީވާގި ޚިދުމަތްތެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިދިޔަ އަހަރު އެންމެ މޮޅު ނޫސްވެރިންގެ ގޮތުގައި، އެވޯޑް ހާސިލު ކުރެއްވި ހުރިހާ ނޫސްވެރިންނަށާއި، ފޮޓޯގްރާފަރުން އަދި ވީޑިއޯގްރާފަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަން. އަދި ނޫސްވެރިކަމުގެ ރަން ގަލަމާއި، އަލިމަސް ގަލަން، އަދި ޝަރަފުގެ އަލިމަސް ގަލަން ހާސިލު ކުރެއްވި ބޭފުޅުންނަށްވެސް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން.

ނޫސްވެރިކަމަކީ ޑިކޮމްރެސީގެ އެއްތަނބު. އަދި އެއްބާރުވެސްމެ. އާ ޤާނޫނުއަސާސީން ލިބިދިން އެންމެ މުހިންމު އެއް ޙައްޤަކީވެސް، ނޫސްވެރިކަމުގެ މިނިވަންކަން. އެއާއެކު، ދެން ކަށަވަރުވެގެން ދިޔައީ، މަޢުލޫމާތު ހޯދައި ލިބިގަތުމާއި، މަޢުލޫމާތު ފެތުރުމުގެ މިނިވަންކަން. އެއާއެކު، ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތައް އިތުރުވެގެންދިޔަ.

ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތައްވެސް އިތުރުވެ، ޚިޔާލު ފާޅުކުރުމާއި، ޚިޔާލު ބަދަލުކުރުމުގެ މުޅިން އެހެން މަރުޙަލާއަކުން، ޤައުމުގެ ހިންގުމަށް މުހިންމު ހެޔޮ ބަދަލުތަކެއް އަންނަން ފެށި. ޤައުމުގެ ކަންކަން ނިންމުމުގައި، ރައްޔިތުންގެ ބަސް އިއްވައި، ރައްޔިތުން ބަސް އަޑުއެހުމުގެ އިންތިޒާމު ހަމަޖެހިގެން ދިޔަ.

ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ނޫސްވެރިންގެ މަސައްކަތް ވަރަށް މުހިންމު. ޑިމޮކްރެސީގެ ހަރުދަނާ އުޞޫލުގެ މަތިން، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުން އަންނަ ބަޔަކީ ނޫސްވެރިން.

އެހެންކަމުން، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ހުރިހާ ނޫސްވެރިންނަށާއި، ޑިމޮކްރެސީގެ ދިފާޢުގައި ސާބިތުކަމާއެކު ތިއްބެވި ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. ޑިމޮކްރެސީގެ ބެލެނިވެރިން ކަމުގައިވާ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އާއި މަރުޙަބާ ދަންނަވަން.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ޑިމޮކްރެސީއެކޭ މި ކިޔަނީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުން އުފައްދާފައި އޮންނަ، ރައްޔިތުންގެ ވެރިކަމަކަށް. އެހެންކަމުން، ޑިމޮކްރެސީއެއްގައި ރައްޔިތުންގެ ދައުރަކަށް ވާނީ، އެމީހުން އުފެއްދި ވެރިކަން ނުވަތަ ސަރުކާރު ޒިންމާދާރު ކުރުވުން.

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި، އެ މުހިންމު ދައުރު އަދާކުރާ އެއްބަޔަކީ ނޫސްވެރިން. އެއީ، ދައުލަތުގެ ކަންކަމާއި، ސަރުކާރު ހިނގަމުންދާ ގޮތުގެ މައްޗަށް، ޚިޔާލު ފާޅުކޮށް ފާޑުކިޔުމުގެ ތެރެއިން. އެހެންވީމާ، މިނިވަންކަމާއެކު ޙަރަކާތްތެރިވާ، ޑިމޮކްރެސީގެ އުޞޫލުތައް ދަމަހައްޓާ މީޑިއާއެއް އޮތުމަކީ، ޑިމޮކްރެސީއެއް އުފެދި އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް.

މި ސަރުކާރު ފެށުނުއިރު، ރާއްޖޭގެ ނޫސްވެރިކަން އޮތީ، ބިރުވެރިކަމެއްގެ ތެރޭގައި. ނޫސްވެރިކަން އޮތީ، ވަރަށް ބޮޑަށް ހިފެހެއްޓި ކަސްތޮޅު އެޅުވިފައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ، އެ ޙައްޤު އެއްވެސް ވަރަކަށް ނެތޭ ބުނެވޭހާ މިންވަރަށް ހަނިކޮށްފައި. ނޫސްވެރިން ޖަލަށްލައި، ޓެރަރިޒަމްގެ ދަޢުވާކޮށް، ނުރައްކާތެރި ބިރުވެރި އެތައް ކަމެއް ކުރިމަތިކުރުވި.

އަޅުގަނޑުމެން އޭރުވެސް ޤަބޫލުކުރީ، އެއީ އަދި ރަނގަޅު ގޮތެއް ނޫން ކަމަށް. އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން، ޤައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެޔޭ. އަދި ސަރުކާރު ހިންގަން ތިބޭ ބަޔަކަށް، އެކަމުން ލިބޭނެ ފަސޭހައެއްވެސް ނޯންނާނެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މި ސަރުކާރުންވާނީ ރައްކާތެރިކޮށްދީފައި. އެކަން ކަށަވަރުކުރުމަށް އަދިވެސް އިތުރު ކަންކަން ސަރުކާރުން ކުރަމުންދާނެ. އަޅުގަނޑުމެން ރިޔާސީ ކެމްޕޭނުގެ ތެރޭގައި މަސައްކަތްކުރީ، ނޫސްވެރިންނާ ވަރަށް ގާތުން. ނޫސްވެރިންގެ ޝަކުވާތައް އަޑުއެހިން. ނޫސްވެރިންގެ ކަންބޮޑުވުންތަކާއި، ކުރިމަތިވެފައި ހުރި ހުރަސްތައް އަޅުގަނޑުމެން ބެލިން.

އެދުވަސްވަރު ރާއްޖޭގެ ނޫސްވެރިން ތިބީ، އޭރު އޮތް އަބުރުގެ ޤާނޫނުގެ ސަބަބުން ވަރަށް ބޮޑު ނާމާންކަމަކާއި ބިރުވެރިކަމެއްގެ ތެރޭގައި. ނޫސްވެރިންނާއި، ޓީވީ ސްޓޭޝަންތައް، މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަމުންދިޔަ. ޓީވީ ސްޓޭޝަނެއްގައި ރޯކޮށްލައި، ނޫސްވެރިއަކު ގެއްލުވައިލި. އެހެން ނޫސްވެރިއަކު މަރާލައި މަރުގެ ޙަމަލާތައްވެސް ލިބެމުންދިޔަ.

އެކަން އެގޮތަށް އޭރު މެދުވެރިވީ، ދައުލަތެއްގެ ހަމަޖެހުމާއި، ސަރުކާރެއް ދެމިއޮތުމުގައި، ނޫސްވެރިންނަކީ ކިހާ މުހިންމު ބައެއްކަން، ވަޒަން ނުކުރެވޭ ބަޔަކު ދައުލަތް ހިންގަން ތިބީމާ. އަޅުގަނޑުމެންނަކީ އަބަދުވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް ވަކާލާތުކުރާ ބައެއް. ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާ ބައެއް.

މި ސަރުކާރަށް ނުވަމަސް ފުރިގެން މިދަނީ، ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާއެކު. އެ މިނިވަންކަން ދިނުމުން، ސަރުކާރަށް ލިބުނު އެއްވެސް ގެއްލުމެއް ނެތް. ލިބުނީ ފައިދާ. ނޫސްވެރިންނަށާއި ނޫސްވެރިކަމަށް، ސަރުކާރުގެ ފަރާތުން މިހާތަނަށް، އެއްވެސް ނުރައްކަލެއް ފޯރާފައެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް މި ސަރުކާރުން ނޫސްވެރިންނަށް އެއްވެސް ނުރައްކަލެއް ނުފޯރާނެ.

ހަމައެފަދައިން، އެއްވެސް މީޑިއާއަކާ ދެކޮޅަށް، ސަރުކާރުން އެއްވެސް މުއައްސަސާއަކަށް މައްސަލައެއްވެސް ހުށަހަޅާފައެއް ނުވާނެ. ނޫސްވެރިން އެމީހުންގެ މަސައްކަތުގައި ކުރިއަށް އެ ދަނީ ފުރިހަމަ މިނިވަންކަމާއެކު.

މި ސަރުކާރު ދެމިއޮތްހާ ހިނދަކު، ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެ. އެއީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތް. ސަރުކާރުގެ ކަންކަމަށް ފާޑުކިޔާ މީޑިއާތައް އެބަހުރި. ނޫސްވެރިންގެ އެންމެ ބޮޑު ޒިންމާއަކީވެސް އެއީ. ނަމަވެސް މީޑިއާއަކުން ސަރުކާރަށް ފާޑުކިޔަނީ، ސަރުކާރާ ދެކޮޅުވެރިވެގެން ކަމަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން.

ތިޔަބޭފުޅުންގެ ޚިޔާލާއި ފާޑުކިޔުންތައް އަޅުގަނޑުމެން ކިޔައި، އަޑުއަހަން. ތިޔަބޭފުޅުން ފާޑުކިޔަންވާނެ. އެ ފާޑުކިޔުންތަކުގެ އަލީގައި، ކަންކަން ރަނގަޅުކުރުމަކީ، ސަރުކާރުގެ ޒިންމާއެއް. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ، ތިޔަބޭފުޅުންގެ ފާޑުކިޔުންތަކުގެ އަލީގައި، ދައުލަތް ހިންގުމުގެ ކަންކަން އިޞްލާޙު ކުރަމުން.

ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް އެބަހުރި. އެއީ ހެޔޮވެރިކަމުގެ ސިޔާސަތުތަކުގެ އެއްބައި. އަޅުގަނޑުމެންގެ އަމާޒަކީ، 2021 ވަނަ އަހަރު ނިމިގެންދާއިރަށް ޤައުމީ ޕްރެސް ކްލަބެއް އުފެއްދުން. އަދި ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނައުމަށް ވަނީ ރޭވިފައި.

އަދި ނޫސް އިދާރާތަކުގެ މަސައްކަތްތައް، ހާމަކަމާއެކު ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ. އަޅުގަނޑުމެންގެ އަމާޒެއް. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އެކަމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކަންކަން ހިނގުމަކީ، ނޫސްވެރިކަމަށް އަދި ޑިމޮކްރެސީއަށްވެސް އޮތް ބޮޑު ބިރެއް.

މިކަންކަމަށް ޙައްލު ހޯދައިދިނުމަކީވެސް، ސަރުކާރުން ކުރާނެ ކަންކަން. ކޮންމެ ކަމެއްވެސް ކުރިއަރާނީ، އެކަމަކަށް ބޭނުންވާ ތަމްރީނާއި، ތަޢުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށްގެން. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ މުހިންމު އެއް ސިޔާސަތު.

ހަމައެފަދައިން، ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލު ކުރުމަށް، ސްކޮލަރޝިޕާއި ލޯނުގެ ފުރުޞަތުތައްވެސް، ކުރިމަގުގައި އިތުރުކުރެވޭނެ. އެހެންވީމާ، ކުރިއަށް އޮތް އަހަރުތަކަކީ، ރާއްޖޭގެ ނޫސްވެރިކަމަށް، ވަރަށް ފާގަތި އަހަރުތަކެއް ކަމުގައި ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

ކޮންމެ ޙައްޤަކާއި، ކޮންމެ މިނިވަންކަމަކާއެކު ޒިންމާތަކެއްވާކަން، އެންމެ ގިނައިން ރައްޔިތުންނަށް ހަނދާންކޮށްދޭ ބަޔަކީވެސް، ނޫސްވެރިން. އެހެންވީމާ، ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުންހިފާއިރު، ޒިންމާދާރުވުމަކީ ނޫސްވެރިންވެސް ކޮންމެހެން ހިފަހައްޓަންޖެހޭނެ ހަމައެއް.

ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، އެ މިނިވަންކަމެއްގެ ބޭނުން ހިފުމުގައި ވަކި ހަމަތަކަކާއި، ވަކި ސުލޫކެއް ގެންގުޅުމަކީ، ނޫސްވެރިކަމުގެ އަސާސީ އެއްސިފަ. އެކަން ތިޔަ ނޫސްވެރިން އަމިއްލައަށް ކަނޑައަޅައިގެން ޢަމަލުކުރަމުން އަންނަ ކޯޑް އޮފް އެތިކްސްތަކުން އެނގޭނެ. އަދި މީޑިއާ ކައުންސިލްގެ ސުލޫކީ މިންގަނޑުންވެސް މިކަން ހާމަވެގެންދޭ.

މި ދެންނެވި ސުލޫކީ މިންގަނޑުތަކުގައި، އެންމެ ބޮޑަށް ބާރުއަޅާފައި އޮތީ، ތެދު މަޢުލޫމާތާއި، ތެދު ޚަބަރު ފެތުރުމަށް. އެހެންވީމާ، ނޫސްވެރިކަމުގެ މިނިވަންކަން ބިނާވެފައި އޮންނަނީ، ރައްޔިތުންނަށް ތެދުވެރިވުމުގެ މައްޗަށް. ނޫސްވެރިން ޢާންމުކުރަނީ ދޮގު މަޢުލޫމާތު ކަމަށްވަންޏާ، އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް.

އެހެންކަމުން، ކިތަންމެ އަވަހަށް ޝާއިޢު ކުރައްވަންޖެހޭ ޚަބަރަކަށްވިޔަސް، އެ ޚަބަރެއްގެ ތެދުދޮގު ކަށަވަރު ކުރައްވައި، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަކީ، ނޫސްވެރިންގެ އަގު ހިފެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދެމިއޮތުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް.

މި ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް، މި ކުރާ މަސައްކަތް ކާމިޔާބުކުރުމުގައި، ނޫސްވެރިންގެ އެއްބާރުލުން އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން. އަޅުގަނޑުމެންގެ އުންމީދަކީ، އެކަމުގައި ނޫސްވެރިންގެ ފުރިހަމަ އެއްބާރުލުން ހުރިހާ މުއައްސަސާތަކަށްވެސް ލިބިގެން ދިޔުން. އަދި މިހާރުވެސް ތިޔަ ދެއްވާ އެއްބާރުލެއްވުމަށް އަޅުގަނޑުމެން ޝުކުރުވެރިވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ނޫސްވެރިންނަށާއި ނޫސްވެރިކަމަށް، އަބަދުވެސް ކުރިއެރުމާއި، ފާގަތިކަން اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން. ރާއްޖޭގެ ކަންކަން އިޞްލާޙުކޮށް، ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް، އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި، ކާމިޔާބު މިންވަރު ކުރެއްވުން. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.