بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ގާރލް ގައިޑްގެ ޗީފް ކޮމިޝަނަރ އަލްފާޟިލާ ނިޢުމާތު ޝަފީޤް، ޑެޕިއުޓީ ޗީފް ކޮމިޝަނަރ އަލްފާޟިލާ ޝާހީން އާދަމް، ގާރލް ގައިޑްގެ އިސް ލީޑަރުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނާއި އަދި ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑަށް އެންމެ ފުރަތަމަވެސް ފެނިގެން މި ދިޔައީ، ތިޔަކުދިން ތިޔަ ހެއްދެވި ތަމްރީނުތަކުން ކަމަކަށް ތައްޔާރުވެފައި ތިބި މިންވަރު. ޙަޤީޤަތުގައި އަޅުގަނޑު ކުރަން އައި ސުވާލުތަކަށް، ދައްކަން އައި ވާހަކަތަކަށް އަޅުގަނޑަށް ވަރަށް ފުރިހަމައަށް ޖަވާބު ލިބިއްޖެ. އެންމެ ފުރަތަމަވެސް، މި ދިމާވެގެންދިޔަ ކަންތައްތަކުގައި ތައްޔާރުވެފައި ތިބި މިންވަރު އަޅުގަނޑަށް ވަރަށް ސާފުކޮށް، އަޅުގަނޑުމެން ހުރިހާ އެންމެންނަށް ފެނިގެން ގޮސްފި.

ޙަޤީޤަތުގައި މިފަދަ ޕްރޮގްރާމްތަކަކީ، އަޅުގަނޑު ގަބޫލުކުރަނީ މުސްތަޤުބަލަށް ތައްޔާރުކުރުން. ދިމާވެދާނެ ކަންތައްތަކަކަށް ތައްޔާރުވެފައި ތިބުމަށްޓަކައި، ދެވޭ ތަމްރީނުތަކެއް. އެހެންވީމާ، އަޅުގަނޑު ހަމަ އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތޭ. ޚާއްޞަކޮށް، ތިޔަ އެންމެހައި ކުދިންނަށް ލިބިގެންދިޔަ ތަމްރީނުތަކަކީ، ލިބިގެންދިޔަ ފިލާވަޅުތައް ދަސްކުރެއްވި ކޮންމެކަމަކީ މުސްތަޤުބަލުގައި ބޭނުންކުރާނެ ކަންތައްތަކެއްކަން.

އާދެ، ޝައްކެއްނެތް، ވަރަށްބޮޑަށް މުސްތަޤުބަލުގައި، އާދެ، ދިރިއުޅުމަކަށް ކުރިމަތިލާއިރު، އެބަ ވިސްނަންޖެހޭ އަމިއްލައަށް ކަންތައްތައް ކުރަން ދަންނަ، ހުނަރުވެރި، ސްކިލްޑް ބަޔަކަށްވާން އެބަޖެހޭ. މުޅި ޤައުމު ތަރައްޤީ ވެގެންދާއިރު، އެ މަސައްކަތުގައި ދެބައިކުޅައެއްބައި ޙިއްޞާ ކުރަންޖެހޭ ބައެއް، ވަކިން ޚާއްޞަކޮށް، އަންހެން ބޭފުޅުންނަކީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެންގެ މި ކަންތައްތައް އަދި ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖެ ޑީސެންޓަރަލައިޒް ސިސްޓަމަކަށް، ލާމަރުކަޒީ ނިޒާމަކަށް ދަތުރުކުރަމުންދާއިރު، އަންހެން ބޭފުޅުންގެ ޙިއްޞާ، ވަރަށްބޮޑަށް އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، މިހާރުވެސް އަޅުގަނޑުމެންނަށް އެބަފެނޭ، ވަކިން ޚާއްޞަކޮށް، ރަށްރަށުގައި އަންހެނުންގެ ކޮމިޓީތަކާއި، އަދި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އެބަދޭ. ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ވަރަށް ނަމޫނާ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ.

ޙަޤީޤަތަކީ އަޅުގަނޑުމެންގެ، ތިޔަ ދަރިވަރުންގެ ސްކޫލް ދުވަސްވަރަކީ މިއީ، މިފަދަ ކަންތައްތައް ދަސްކުރުމަށްޓަކައި، އާދެ، ދިރިއުޅުމަކަށް ތައްޔާރުވުމަށްޓަކައި ލިބޭ ރަނުގެ ފުރުޞަތު. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަ އެންމެހައި ދަރިވަރުންނަށް، ހުރިހާ ބައިވެރިންނަށް ދަންނަވާލަން، ގޮވާލަން އޮތީ މި ފިލާވަޅުތައް ރަނގަޅަށް ދަސްކޮށް، މިއަދުވެސް ތިޔަ ދެއްކެވި ނަމޫނާ، ތިޔަ ތައްޔާރުވެފައި ތިބި މިންވަރަށް މުޅި ދިރިއުޅުމަށް ތައްޔާރުވާން އެބަޖެހެޔޭ.

އާދެ، އަޅުގަނޑުމެން ދިރިއުޅުމަކަށް ކުރިމަތިލާއިރު، ވަރަށްބޮޑަށް ވިސްނަން އެބަޖެހޭ. ގިނަ ބަޔަކާއެކު މަސައްކަތް ކުރަމުންދަނީ ނުވަތަ އުޅެމުންދަނީ. އަޅުގަނޑުމެން އަބަދުވެސް އިސްކުރަން އެބަޖެހޭ އޯގާތެރިކަން. އެހެން މީހުންނާއެކު، މަސައްކަތް ކުރުމާއި، އެހެން މީހުންނަށް އަބަދުވެސް ހެޔޮއެދިގެން، އެ ކުލުނާއެކު މަސައްކަތް ކުރެވޭނެފަދަ ގޮތަކަށް އަޅުގަނޑުމެން ވިސްނައި ކަންތައްތައް ދަސްކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ތިބި އާދެ، ތުއްތުކުދިންނާއި އަދި ޢުމުރުން ދުވަސްވީ ފަރާތްތަކަށް އަބަދުވެސް އެ ދޭންޖެހޭ އަޅާލުން ދޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންވާން އެބަޖެހޭ.

އެހެންވީމާ، މިއަދު ތިޔަ އެންމެހައި ބައިވެރިންނަށް، ހުރިހާ ދަރިވަރުންނަށް އަޅުގަނޑު ހަމަ ގޮވާލަން އޮތީ ތިޔަ ދަރިވަރުންނަކީ ނަމޫނާ ދައްކާ ބަޔަކަށް އަބަދުވެސް ވާން އެބަޖެހޭޔޭ.

އާދެ، އެއްވެސް ޝައްކެއްނެތް. މުޅި ދުނިޔޭގައި ގާރލް ގައިޑްގެ މި މަސައްކަތަކީ، އެސޯސިއޭޝަނުން އެ ކުރާ މަސައްކަތަކީ އެތައް ސަތޭކަ، އާދެ، ސަތޭކަ ސާޅިހަކަށް ޤައުމުގައި، އެތައް މިލިއަން ބަޔަކަށް މި މަސައްކަތްތައް އަބަދުވެސް އެކިއެކި ތަމްރީނުތައް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. އަދި ހަމައެއާއެކު ރާއްޖޭގައިވެސް އަޅުގަނޑު ފާހަގަކުރަން، މެދުކެނޑުމެއްނެތި މި އެސޯސިއޭޝަންގެ ފަރާތުން ކުރަމުން އެ ގެންދާ މަސައްކަތްތައް.

އެހެންވީމާ، އަޅުގަނޑު ހަމަ ޔަގީންކުރަން، ތިޔަ ފަރާތްތަކަށް، ތިޔަ ދަރިވަރުންނަށް ލިބިގެންދިޔަ ފިލާވަޅުތައް، ތިޔަ ދަރިވަރުން ބޭނުންކުރާނެކަމާމެދު އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުންނަންޖެހޭ ވެލިއުސްތައް ހިފެހެއްޓުމަށްޓަކައި، ހުރިހާ އެންމެން މި މަސައްކަތް ކުރާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

އާދެ، އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ފަސޭހައެއްގެ، ކޮންމެ ވަސީލަތެއްގެ އެންމެ ހެޔޮ ބޭނުން އަބަދުވެސް ހިފާ ބަޔަކަށް ވާންޖެހޭނެ. އަޅުގަނޑުމެންނަށް ލިބޭ ތަރައްޤީއާއި ކުރިއެރުމުގެ ތެރޭގައި އަބަދުވެސް އަޅުގަނޑުމެން ބަލަންޖެހެނީ ރަނގަޅު ގޮތްތައް ޚިޔާރުކުރަން. އާދެ، އަޅުގަނޑަށް ފެނިގެން މިދަނީ މިއަދު ދިރާގު ބައިވެރިއެއްގެ ގޮތުގައި، އާދެ، މި ވަކި ކަންތައްތަކަށް އަހުލުވެރި ކުރުވުމަށްޓަކައި ބޮޑަށް އެ ކަންތައް ފާހަގަކޮށްފައިވާކަން.

އަޅުގަނޑު ތިޔަ އެންމެހައި ދަރިވަރުންނަށް ގޮވާލަން އޮތީ މި ދެންނެވި ގޮތަށް އަޅުގަނޑުމެން އަބަދުވެސް ވާންޖެހޭނޭ، ރަނގަޅު ކަންތައްތައް ޚިޔާރުކުރާ، ރަނގަޅު ކަންތައްތައް ކުރާ ބައެއްގެ ގޮތުގައި ދެމިތިބެން. އަޅުގަނޑުމެން ކުރާ އެއްވެސް ރަނގަޅު ކަމަކުން، ކިތަންމެ ރަނގަޅަކަށް ކަމެއް ކުރިޔަސް އަޅުގަނޑުމެންނަށް ގޯހެއް ނުވާނޭ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު ހަމަ ތިޔަ ދަރިވަރުންނަށް އަދިވެސް ދަންނަވާލަން އޮތީ ހިތްހެޔޮކަމާއެކު، އޯގާތެރިކަމާއެކު، އަޅުގަނޑުމެންނަކީ ވަރަށް އޯގާތެރި، ވަރަށް ކައިންޑް ބައެއްގެ ގޮތުގައި އަބަދުވެސް ވާން އެބަޖެހޭ. އެހެން މީހުންނަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް، ތިޔަކުދިން، ތިޔަކުދިންގެ އަމިއްލަ ނަފުސަށް ވިސްނާގޮތަށް، އެހެން ފަރާތްތަކާމެދު ވިސްނައިގެން އަޅުގަނޑުމެން އުޅުމުންނޭ، އަޅުގަނޑުމެން މި ބޭނުންވާ ޤައުމު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނީ.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ފަރާތްތަކަކުން، ތިޔަ ދަރިވަރުން އެ ކުރާ މަސައްކަތުގައި، އާދެ، ކުރިއަރާ ރަނގަޅު ދަރީންތަކެއްގެ ގޮތުގައި ވުމަށްޓަކައި އެ ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.