އޯގާތެރިކަމާއި އަޅާލުމަކީ، ސަރުކާރެއްގެ ސިޔާސަތު ބިނާކުރުމުގައި އަސާސެއް ކަމުގައި ނުވެއްޖެނަމަ، އެ ސަރުކާރަކުން ހިންގާ ސިޔާސަތަކީ ތަރައްޤީއަށް ހުރަސްއެޅޭނެ ސިޔާސަތެއްކަން އިންސާނީ ތަޖުރިބާ މިއަދުވަނީ ވަރަށް ބޮޑަށް ޔަޤީންކޮށްދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ކެއަރ ސޮސައިޓީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުތައް ބިނާކުރުމުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުން އެބަތިބިކަން ދަނެ، އެބަޔަކާ ދޭތެރޭގައި ގެންގުޅެންވީ އުޞޫލުތަކާއި ހަމަތައް ކަނޑަނާޅައިފިނަމަ، އެ މުޖްތަމަޢުގެ ތެރޭގައި ކަންކަން ހިނގަމުން އަންނާނީ އެންމެ ހަމަޖެހޭ ގޮތަކަށް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ، އޯގާތެރި ދައުލަތެއް ބިނާކުރުމުގެ ސިޔާސަތުކަން ބަޔާންކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އެމަނިކުފާނު ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެންމެ ގިނައިން ފެނިވަޑައިގެންނެވި އެއް މަންޒަރަކީ، ދޮށީ ޢުމުރުގެ މީހުން ހޮޅުއަށިތަކުގައި ނިކަމެތި ޙާލުގައި، ބަލި ޙާލުގައި ދުވަސްތައް ހޭދަކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެމީހުންނަކީ، ރާއްޖެ މިއަދު މިދެކޭ ތަރައްޤީ، މިހިސާބަށް ގެނައުމުގައި މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރި މީހުން ކަމަށްވުމާއެކު، އެމީހުންނަށް މިއަދު ޕެންޝަނެއް ޙައްޤުވާ ކަމަށް ފެނިވަޑައިގަންނަވާތީ، ޢުމުރުން 65 އަހަރު ވެފައިވާ ކޮންމެ ރައްޔިތަކަށް މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް ދެއްވުމަށް ނިންމެވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކެއަރ ސޮސައިޓީން ކޮށްދެއްވަމުން މިގެންދަވާ ޚިދްމަތްތައް ފާހަގަކުރައްވައި، އެ ޚިދްމަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެ، މި ފެށޭ ހަފްތާގެ ތެރޭގައި ކެއަރ ސޮސައިޓީއަށް ސަރުކާރުން ޢިމާރާތެއްގެ ކަންތައް ހަމަޖައްސަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިރޭގެ ޙަފްލާގައި، ކެއަރ ސޮސައިޓީގެ މަސައްކަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ސީޑީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ. މި ސީޑީ، ރައީސުލްޖުމްހޫރިއޔާއަށް ވެދުމަށް އެރުވީ، ކެއަރ ސޮސައިޓީގެ ފައުންޑަރ މެންބަރު އަލްފާޟިލާ ފާޠިމަތު ޢާފިޔާއެވެ.

މިރޭގެ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ އާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، ކެއަރ ސޮސައިޓީއަށް އެކި ރޮނގުތަކުން ޚިދްމަތް ކުރައްވާފައިވާ އަދި ޚިދްމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.