بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު، އެފް އެންޑް ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ފާއިޒު، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސް ޝައްކެއްނެތް. ގުޅީފަޅު އަދި ތިލަފުށީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚިދްމަތް ދެވޭގޮތަށް، ފަރުވާ ހޯދޭގޮތަށް މިފަދަ ކްލިނިކެއް ތިލަފުށީގައި ހުޅުވިގެންދާކަމީ އެއީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް އެކަން ފާހަގަކޮށް އެކަމާ އުފާކުރާ ކަމެއް.

އާދެ، އަޅުގަނޑުމެން މަސައްކަތްތެރީންނާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ. މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ޔަޤީން ކުރެވިފައި އޮތުމަކީ އެއީ، މަސައްކަތް ކުރުވާ ހުރިހާ ފަރާތްތަކުންވެސް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް މިއަދު ކްލިނިކެއް ހުޅުވުމުން، އަޅުގަނޑުމެން އެ ދޭ ސަމާލުކަން، ފަރުވާ ހޯދޭނޭ ފަސޭހަ، އަވަސް ގޮތެއް ހުރީތީވެ، އެ ސަމާލުކަން އެއްގޮތަކަށްވެސް ކުޑަކޮށްގެނެއް ނުވާނެ. ކްލިނިކެއް ހުޅުވެނީ، ނުވަތަ ހޮސްޕިޓަލުތައް ހުންނަނީ، ކަމެއް ދިމާވެއްޖެ ހިނދެއްގައި، އާދެ، އެކްސިޑެންޓެއް ދިމާވެއްޖެ ހިނދެއްގައި، އެންމެ އަވަސް ފަރުވާ، ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އެ ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި.

އެހެންވީމާ، މިއަދު މިފަދަ ތަނެއް ހުޅުވިގެންދާއިރުވެސް، އަޅުގަނޑު ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގައި، އާދެ، ތިލަފުށްޓާއި އަދި ގުޅީފަޅުގައިވެސް މަސައްކަތް ކުރުވާ ފަރާތްތަކަށް އިލްތިމާސްކޮށް ދަންނަވާލަން އޮތީ، މަސައްކަތްތެރިންގެ ޙައްޤު ކަށަވަރުކޮށް، މަސައްކަތުގެ މައިދާނުގައި އެ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް، ހުރިހާ އެހީތެރިކަމެއް ދެއްވަން އެބަޖެހެޔޭ. އާދެ، މިހެން މިދެންނެވި ސަބަބަކީ، އަޅުގަނޑުމެންގެ ޤައުމުގައި، އާދެ، މި ދެ ރަށުގައިވެސް ގިނަ އަދަދަކަށް ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ފަރާތްތައް މަސައްކަތް ކުރަމުން އެބަ ގެންދޭ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަ ފާހަގަކުރެވޭ، އެ ދޭންޖެހޭ ސަމާލުކަން ނުދެވި، ބައެއް ފަހަރަށް ފަރުވާކުޑަކުރުމުގެ ސަބަބުން ކަންތައްތައް ހިނގައި، މީހުން ދުނިޔެ ދޫކޮށްފައި އެބަހުރި. ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި.

އެހެންވީމާ، މަސައްކަތަށް މީހުން ނެރުމުގެ ކުރިންވެސް، އެ މީހުންނަށް ދޭންޖެހޭ އޮރިއެންޓޭޝަނާއި، އެ މީހުންނަށް ދޭންޖެހޭ މަޢުލޫމާތާއި، މަސައްކަތުގެ މައިދާނަށް ހޭލުންތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ވަކި ޕްރޮގްރާމެއްގެ ދަށުން ކުރިއަށް ގެންދަން އެބަޖެހޭ. އަދި، އެ ކަންތައްތަކަކީ އެއީ، އާންމުކޮށް ދެވޭ ޓްރެއިނިންގއެއް ގޮތަށް، ކޮންމެ އަހަރަކުވެސް ހަނދާން އައުކޮށްދިނުމުގެ ގޮތުން ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ބާއްވަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ، މަސައްކަތްތެރިން، ހަމައެކަނި އަޅުގަނޑުމެން ދެކެން ޖެހޭނީކީ އެއީ، މަސައްކަތް ކުރާ ބައެއްގެ ގޮތުގައެއް ނޫން. އަޅުގަނޑުމެންގެ ހަމަ ހުރިހާ އެންމެންނެކޭ އެއްގޮތަށް، މަސައްކަތް ކުރުވާ މީހާއަށް ޙައްޤުތަކެއްވާގޮތަށް، މަސައްކަތް ކުރާ މީހުންގެވެސް ޙައްޤުތަކެއް ވާނެ. އެހެންވީމާ، އެ ކަންތައްތަކަށްވެސް ސަމާލުވުމަށް އަޅުގަނޑު ހަމަ މިއަދު ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ގޮވާލަން.

އާދެ، މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާ ކަންތައްތަކުގެ ތެރޭގައި އެއްކަމަކީ، ޞިއްޙީ ޚިދްމަތްތައް ދިވެހިރަޔިތުންނަށް ކަށަވަރުކޮށްދިނުން. އާދެ، ދެންމެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ރަޝީދުގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، ކަންތައްތަކެއް ލަސްވެގެންދާ ސަބަބު. އާދެ، އަޅުގަނޑުމެންނަށް ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށްތަކެއްގެ ހާލަތު ހުރިގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. ވަކިން ޚާއްޞަކޮށް، ޞިއްޙީ ކަންތައްތަކަށް އަޅައިލެވިފައި ހުރި މިންވަރު ވަރަށް ގާތުން އަޅުގަނޑުމެންނަށް އެބަ އެނގޭ. މި ސަރުކާރު، މިއަދު އެ ކަންތައްތަކަށް ވަރަށް ފަހި. އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގައި މަސައްކަތް ކުރުވާ ފަރާތްތަކަށާއި، ހުރިހާ މަސައްކަތްތެރީންނަށް އަޅުގަނޑުމެން ދޭން އޮތް ޔަޤީންކަމަކީ، ﷲ އިރާދަކުރެއްވިއްޔާ، ދިވެހިސަރުކާރުން އެންމެ ސަމާލުކަންދޭ ކަމެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ފަރުވާ އިރާދަކުރެއްވިއްޔާ، ރަށުގައި ތިބެގެން، އަދި ކައިރިން ލިބޭނޭ ތަންތަން އާދެ، އެ މަގުފަހިކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ހުއްޓާލުމެއްނެތި، އެ މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ، އެ ހިތްހަމަޖެހުން އަޅުގަނޑުމެން ހޯދައިދޭނަން.

ބަޔަކު އަހަރުތަކެއް ވަންދެން ކަމެއް ދޫކޮށްފައި އޮތުމަކީ، މިއަދު އަޅުގަނޑުމެން އެކަންތައް އެގޮތަށް ދޫކޮށްލާނޭ ސަބަބެއް ނޫން. އަޅުގަނޑުމެންނަށް އެނގޭ، ކަންތައްތައް ލަސްވެގެންދަނީ، ކީއްވެގެންކަމާއި، މަސައްކަތެއް ނުފެށުނަސް، ކަމެއް ނުކުރިޔަސް، އެތަކެއް އެގްރީމެންޓެއް ހެދިފައި ހުންނަކަން އެއީ، އަޅުގަނޑުމެން މިއަދު ދަންނަ ކަމެއް. މިއަދުގެ ސަރުކާރުން ކަންތައްތައް ކުރާނީ، ދިވެހިރައްޔިތުން ބޭނުންވާގޮތަށް. ދިވެހިރައްޔިތުންނަށް ފައިދާއާއި ލާބަ އެކަމެއްގައި ހުންނަ ގޮތަށް. ދިވެހިރައްޔިތުންނަށް ގެއްލުންވާނޭ، ދުރު މުސްތަޤްބަލަކަށްވެސް ގެއްލުންވާނޭ، ދިވެހި ދަރީންނަށް ގެއްލުންވެގެންދާނޭ އެއްވެސް ގޮތަކަށް އިރާދަކުރެއްވިއްޔާ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ މި ސަރުކާރުން ކަންތައްތަކެއް ނުކުރާނެ. އެހެންވީމާ، އެ ޔަޤީންކަންވެސް އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާއި، އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އަޅުގަނޑު އެ ޔަޤީންކަން ދެން.

އާދެ، މިފަދަ ވަގުތެއްގައި މާ ތަފްސީލުކޮށް ވާހަކަ ދެއްކުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެ. އާދެ، މެނޭޖިންގ ޑައިރެކްޓަރާ ބެހޭގޮތުން މުޙައްމަދު ފާއިޒު ވާހަކަފުޅުތަކެއް ދައްކަވައިފި. އަޅުގަނޑު އެހާ ހައިރާނެއް ނުވޭ. އެއީ، އަޅުގަނޑާ އެއްކޮށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، އެއްކޮށް ދަތުރުކޮށް، އިބްރާހީމް ރަޝީދަކީ ކޮންކަހަލަ ބޭފުޅެއްކަން އަޅުގަނޑު ވަރަށް ގާތުން ދަންނަން. މީހުންނާ ގުޅޭ، މީހުންނަށް ވަރަށް އަޅާލައި، މީހުންގެ ވަރަށް އަޑުއަހައި، އެހެން މީހުންނަށް ވަރަށް އިސްކަން ދެއްވާ ބޭފުޅެއްކަން އެއީ، އަޅުގަނޑު އަބަދުވެސް ދަންނަ ކަމެއް.

އަޅުގަނޑަށް ހީވަނީ، ސަރުކާރުގެ ހިންގުން އަޅުގަނޑުމެން އިތުރަށް ރަނގަޅު ކުރަންޖެހޭހެން. ކުންފުނިތަކުގެ ހިންގުން، އިތުރަށް ރަނގަޅު ކުރަންޖެހޭހެން. މީހުންގެ އަޑު އަޅުގަނޑުމެން އަހަންޖެހޭނެ. މީހުންގެ ސިޓީތަކާއި، މެސެޖްތަކަށް އަޅުގަނޑުމެން ޖަވާބު ދޭންޖެހޭނެ. އަޅުގަނޑުމެން ޤައުމު ތަރައްޤީކުރަން އޮތް އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ، ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނާއި މަސައްކަތްތެރީން މާޔޫސްވާނޭފަދަ ކަމެއް އަޅުގަނޑުމެންގެ ތެރެއިން، އަޅުގަނޑުމެންގެ ކުންފުންޏަކުންވެސް އެއްވެސް ގޮތަކަށް ހިނގައިގެނެއް ނުވާނެ.

އަޅުގަނޑު ޔަޤީންކުރަނީ، ﷲ އިރާދަކުރެއްވިއްޔާ، މިއަދު ސަރުކާރުގެ ކުންފުނިތައް ހިނގަމުންދާނީ، އެންމެ ރަނގަޅު ގޮތުގައި ކަމަށް. އަދި އެ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް އެންމެ ފައިދާހުރި ގޮތަށް ކަމަށް. ދިވެހިރައްޔިތުންނަށް އެންމެ އެކަމަކުން ލާބަހުރި ގޮތަކަށް. އިބްރާހީމް ރަޝީދުގެ އެ ނަމޫނާ އެއީ، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ބަލައިގަންނަންޖެހޭނެ ކަމެއް. އެކަމަށްޓަކައި، އަޅުގަނޑު ހަމަ އިބްރާހީމް ރަޝީދަށް ވަރަށް ބޮޑަށް އަދި މި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ސްކޫލް ދައުރުގެ ބެޖު ޖަހައިގެން ފެށްޓި މަސައްކަތެއްގެ ވާހަކަ އަޅުގަނޑުމެންނަށް އަޑުއިވިގެން މިދަނީ. އާދެ، މިއަދުވެސް އަޅުގަނޑުމެންގެ މުޅި ޤައުމު ފަޚުރުވެރި މިވަނީ، ހަމަ ސްކޫލް ބެޖު ޖަހައިގެން ތިބި، ވަރަށް ޅަދަރީންތަކެއް، ދިވެހި ޤައުމަށް ވަރަށް ރީތި ނަންތަކެއް، ރަން ވަނަތަކެއް ހޯދައިދީ، މުޅި ދުނިޔޭގައި ދިވެހިރާއްޖެއަށް އެ ފަޚުރު އަޅުގަނޑުމެންނަށް ހޯދައިދިން ކުދިންނަށް. އެހެންވީމާ، ސްކޫލް ދައުރަކީ އެއީ ޙަޤީޤަތުގައިވެސް ޤައުމާ ދޭތެރޭގައި ވިސްނައި، މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި، ގިނަ ކަންތައްތަކެއް ކުރުމުގެވެސް ފެށުންކަން އަޅުގަނޑުމެންނަށް އެބަ އެނގޭ.

އާދެ، ތިޔަބޭފުޅުން އެ ދުވަހު ފެށްޓި މަސައްކަތް ހުއްޓުމެއްނެތި މިއަދު ފުޅާކުރަމުންދާ ދިޔުމަކީ އެއީ، އަޅުގަނޑުމެން މިއަދު ދިވެހިރައްޔިތުން، ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް. ދިވެހި ސަރުކާރުން އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، ދިވެހިރާއްޖޭގެ ކުރިއެރުމަށް އެންމެހައި ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، އަޅުގަނޑުމެން ބައިވެރިވެ، އެކަމަށްޓަކައި ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަންތައްކޮށް، ތިޔަބޭފުޅުންނާއި އަޅުގަނޑުމެންނާ ގުޅިގެން މި ޤައުމު ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރާނަން.

އާދެ، މިއަދުގެ ސަރުކާރު ވަރަށް ތަފާތު. މިއީ ހަމަ ތަފާތު ސަރުކާރެއް. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅަކީ، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްތަކެއް ކުރުން. ދުރު މުސްތަޤްބަލަށް ވިސްނާފައި، ކަންތައްތައް ޕްލޭން ކުރެވިގެން، އެއްފަހަރު ކުރާ ކަންތައްތައް، ހަފަހަރު ކުރަންނުޖެހޭގޮތަށް، އާދެ މާޒީގައި، ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ކޮށްފައި އެވާ ކަންތައްތަކުން އަޅުގަނޑުމެން ބޮޑު ފިލާވަޅު، ޢިބުރަތްތައް ހާސިލުކޮށްގެން، ރައްޔިތުންނަށް އެ ލިބުނު ގެއްލުން، ދެން ތަކުރާރު ނުވާނޭގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރުން.

އެހެންވީމާ، އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނީ، ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް، އެއީ، ޞިއްޙީ ކަންތައްތަކަށްވިޔަސް، ތަޢުލީމީ ކަންތައްތަކަށްވިޔަސް، އިޤްތިޞާދީ މަސައްކަތްތަކަށްވިޔަސް އަދި އިޖުތިމާޢީ ކަންތައްތަކުގައިވެސް، އަޅުގަނޑުމެން ކުރަމުންދާނީ ރައްޔިތުންނަށް ފައިދާވާގޮތަށް. އަމިއްލަ ފަރާތްތަކަށް، ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްޓަކައި ދެތިން މީހުން މުއްސަނދި ކުރުމުގެ ނިޔަތުގައި މިއަދުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ. މިއަދުގެ ސަރުކާރުން މަސައްކަތްކުރާނީ، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޖީބުތައް ފުރާލުމަށްޓަކައި. ހުރިހާ އެންމެންނަށް ހަމަހަމަގޮތެއްގައި ހިތްހަމަޖެހުން ހޯދައިދީ، ކުރިއެރުން ހޯދައިދިނުމަށްޓަކައި.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ހަމަ ނިންމާލުމުގެ ކުރިންވެސް، މި ކުންފުނިން ކުރަމުންދާ މަސައްކަތާއި އަދި ތިޔަބޭފުޅުންވެސް، އެފް އެންޑް ސީ.ގެ ފަރާތުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ފުޅާކޮށް، ގިނަ ޚިދްމަތްތަކެއް ދެއްވުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި، ދެ ކުންފުނީގެވެސް މުވައްޒަފުން ރައްޔިތުންނާ ގާތުން، ވިޔަފާރިވެރިންނާ ގާތުން އެކުރާ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ އަބަދުމެ އަބަދަށް ލެއްވުން. އަދި، އަޅުގަނޑުމެން ހެޔޮގޮތުގައި މިކުރާ މަސައްކަތްތައް ކާމިޔާބުކޮށް، ރާއްޖެއައިގެން ބާރަށް ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.