ސްރީލަންކާގެ ވާދަވެރި ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ލީޑަރ ރަނިލް ވިކްރަމަސިންހަ، ލާމަރްކަޒީ ނިޒާމާ ބެހޭގޮތުން ދެއްވާ ތަޤްރީރެއް މާދަމާ އޮންނާނެއެވެ. މިގޮތަށް މިކަން ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ރަނިލް ވިކްރަމަސިންހަ މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

ލާމަރްކަޒީ ނިޒާމާ ބެހޭގޮތުން ރަނިލް ވިކްރަމަސިންހަ ތަޤްރީރު ކުރެއްވުމަށް ބާއްވަވާ ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އިސްބޭފުޅުންނާއި، ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެންބަރުންނާއި، ތަރައްޤީއަށް މަސައްކަތް ކުރައްވާ އަމިއްލަ ޖަމާޢަތްތަކުގެ މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރަނިލް ވިކްރަމަސިންހައާއެކު މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ރަނިލް ވިކްރަމަސިންހައަށް ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު ދެއްވިއެވެ. އަދި ސްރީލަންކާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.