މަސްވެރިކަމުގެ ސިޔާސަތަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މަސްވެރިކަމަކީ ދިވެހިންގެ ތާރީޚާއި އާދަކާދަތަކާއި، ދިރިއުޅުމާ ގުޅި ލާމެހިފައިވާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ދިވެހިންނަށް އެންމެ ނަފާވާ ގޮތްތަކެއް މަތިން ރާވައި ހިންގުމެވެ.

މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މިހާތަނާއި ހަމައަށްވެސް، ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ރާއްޖޭގައި ކުރަމުން އައި ލޭނުގެ މަސްވެރިކަން ވަނީ ނިމުމަކަށް ގެނެސް، ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުން ވަނީ ހުއްޓާލާފައެވެ. ސަރުކާރުގެ ވިސްނުމަކީ، މި މަސްވެރިކަމަކީވެސް ދިވެހިންނަށް އޭގެ ހައްޤު ނަފާ ލިބޭނެ ފަދަ ގޮތްތަކަކަށް ރޭވިގެން، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމެވެ. މީގެ އިތުރުން، ކަޅުބިލަމަހުގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސް ގަތުމަށްޓަކައި ހަތަރު ކުންފުންޏަކަށް ދެވިފައިވާ އެސްކްލޫސިވް ރައިޓްސް ނިމުމަކަށް ގެނެސް އައު އިންވެސްޓަރުންނަށް މިސިނާޢަތު ހުޅުވާލުމަށް އިކޮނޮމިކް ކައުންސިލުން ނިންމާ މިސިނާޢަތު ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ.

މިގޮތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މަސްވެރިކަމާއި ބެހޭ ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރުކުރެވިފައިވާ ބިލެކެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބިދޭސީ އުޅަނދުފަހަރުގައި މަސްވެރިކަންކުރުމުގެ ހުއްދަ އެކިސަރުކާރުތަކުން އެކި ދުވަސްވަރު ދެމުން އައިސްފައިވުމަކީ މަސްވެރިންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކެމެކެވެ. ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ޚާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މިހާރު އެކުލަވާލެވިފައިވާ މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ދިވެހިރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި ބަޔާންކުރެވިފައިވާނެއެވެ.

ދިވެހި މަސްވެރިންނަކީ ޒަމާނުއްސުރެ ތިމާވެއްޓާއި ރައްޓެހި ސާފު މަސްވެރިކަމެއްގައި ޙާރަކާތްތެރިވަމުން ގޮސްފައިވާ ބައެކެވެ. މިގޮތުން ދިވެހިރާއްޖޭގައި ކުރާ ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަމަކީ ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ސާފު ދެ މަސްވެރިކަމެވެ. މިކަން މިގޮތަށް ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ނުކުރެވޭނެ މަސްވެރިކަމުގެ ބާވަތްތައް މިބިލުގައި މިހާރު ވާނީ ކަނޑައަޅާފައެވެ. މިގޮތުން، ބޮޑު ދަލު ނުވަތަ ޕަރސް ސެއިން މަސްވެރިކަމާއި، އޮޔާދާ ދައު ނުވަތަ ގިލް ނެޓްގެ މަސްވެރިކަމާއި އަދި ދަމާ ދައު ނުވަތަ ޓްރޯލް ނެޓްގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ނުކުރެވޭނެ ކަމަށް މިޤާނޫނުގައި ވާނީ ބަޔާންކޮށްފައެވެ. ޤާނޫނަކުން މިފަދަ މަސްވެރިކަން މަނާކުރެވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު ބޭރު ދުނިޔޭގެ ތަސައްވުރު ރަނގަޅުވެ ބައިނަލް އަޤްވާމީ ބާޒާރުގައި ދިވެހި މަހަށް ލިބޭ އަގަށް ހެޔޮބަދަލުތަކެއް އައުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމަކީ ބޮޑު ޒިންމާއެކެވެ. ބޭރު ގައުމުތަކުގެ ގިނަ އުޅަނދުތަކަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވަގަށް މަސްވެރިކަންކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. ވަގަށް މަސްވެރިކަންކުރަނިކޮށް ހުއްޓުވާ ގިނަ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމުގައި ހުރި ޤާނޫނީ ދަތިތަކުގެ ސަބަބުން މިކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. މިބިލުގައި މިގޮތަށް ހިފެހެއްޓޭ އުޅަނދުފަހަރާއިމެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ވަނީ ކަނޑައެޅިފައެވެ. އަދި މިފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ވާނީ ހިމަނާފައެވެ.

މަސް ވިއްކާނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމަކީ ޚާއްސަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑު އެދުމެކެވެ. އަހަރުގެ ބައެއް ދުވަސްވަރު މަހުގެ އަގު މާބޮޑަށް ދަށަށް ދިއުމުގެ ސަބަބުން މަހަށް އެކަށީގެންވާ އަގު ނުލިބޭ ކަމުގެ ޝަކުވާއަށް ހައްލެއް ހޯދުމަށް ބޮޑުކަންނެލީގެ މަސްވެރިކަމަށް އަދި އެހެނިހެން މަސްވެރިކަމަށްވެސް މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމުގެ ބާރު މިބިލުން މިހާރު ލިބޭނެއެވެ. ފްލޯ ޕްރައިސް ކަނޑައެޅިގެންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެންގެވުމުގެ ދަށުން، އެކަމަށް މުހިންމު ވިސްނުންތަކެއް ވިސްނައި، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އަދި ދާއިރާގެ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިންނެވެ.

މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް، ރައްޔިތުންނާއި ގާތުން މަސް ޕްރޮސެސްކޮށް ވެލިއު އެޑް ކުރުމުގެ މަސައްކަތްތައް ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ގޭދޮށުގައި އަޅާ މަސް ޕްލާންޓް އަދި މަސް ގަތުމުގައި މަސްވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި ގުޅޭ ކަންކަން ކުރުމަށް މި ބިލުގެ ތެރެއިން މަގުފަހި ވެގެންދާނެއެވެ.