މިއަދަކީ، އިންޑިޔާގެ ޖުމްހޫރީ ދުވަސް ކަމަށް ވުމާއެކު، މިއަދުގެ މުނާސަބަތުގައި، އިންޑިޔާގެ ރައީސާ މިސިޒް ޕްރަތީބާ ޕާޓިލަށާއި، ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްއަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސާ ޕްރަތީބާ ޕާޓިލަށާއި، ބޮޑުވަޒީރު މަންމޯހަން ސިންހްއަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި މެސެޖުގައި، ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެދެބޭފުޅުންނަށާއި އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް އެކުވެރި ރަޙްމަތްތެރި ގުޅުން، ކުރިމަގުގައިވެސް އިތުރަށް ބަދަހިވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އޮސްޓްރޭލިޔާގައި މިއަދު ފާހަގަކުރަމުންދާ އޮސްޓްރޭލިޔާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ.

އޮސްޓްރޭލިޔާގެ ގަވަރނަރ-ޖެނެރަލް މިސިޒް ކުއެންޓިން ބްރައިސަށާއި، ބޮޑުވަޒީރު މިސްޓަރ ކެވިން ރުޑަށް، ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި މެސެޖުގައި، މިއުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އެދެބޭފުޅުންނަށާއި، އޮސްޓްރޭލިޔާ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު ތަހުނިޔާއެއް ވިދާޅުވެފައިވެއެވެ. އަދި މި މުނާސަބަތުގައި ހެޔޮއެދުންތައް ފޮނުއްވުމަކީ، ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.