ލާމަރްކަޒީ ނިޒާމާ ބެހޭގޮތުން ސްރީލަންކާގެ ވާދަވެރި ޕާޓީ ޔޫ.އެން.ޕީ.ގެ ލީޑަރ ރަނިލް ވިކްރަމަސިންހަ މިއަދު ތަޤްރީރު ކުރައްވައިފިއެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އެމަނިކުފާނު މިދެއްވި ތަޤްރީރު އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ނާއިބުންނާއި، މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީން ވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، އެކިއެކި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންވެސް ވަޑައިގެންނެވިއެވެ.

މިސްޓަރ ރަނިލް ވިކްރަމަސިންހަ ދެއްވި ތަޤްރީރުގައި، ރާއްޖޭގައި ދީމުޤްރާޠީ ވެށްޓެއް ޤާއިމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. ރަނިލް ވިކްރަމަސިންހަގެ ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގުމުގެ ބޭނުންތެރިކަމުގެ މައްޗަށާއި ރައްޔިތުން ސަރުކާރުގައި ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގުމުގައި ސްރީލަންކާ ކޮށްފައިވާ ތަޖުރިބާތައް އެމަނިކުފާނު ޙިއްޞާ ކުރެއްވިއެވެ. އަދި ލާމަރްކަޒީ އުޞޫލުން ހިންގަވަން ފެށްޓެވުމުގެ ސަބަބުން، ސްރީލަންކާގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައިކަން ފާހަގަކުރެއްވިއެވެ.

މިސްޓަރ ރަނިލް ވިކްރަމަސިންހަގެ ވާހަކަފުޅުގައި، ރާއްޖޭގެ އަތޮޅުތައް ލާމަރްކަޒީ އުޞޫލުން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ވެދެއްވެން އޮތް އެއްބާރުލެއްވުމަކާއި އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ލާމަރްކަޒީ ނިޒާމާ ބެހޭގޮތުން މިސްޓަރ ރަނިލް ވިކްރަމަސިންހަ ތަޤްރީރު ކުރެއްވުމަށް މިބޭއްވެވި ބައްދަލުކުރެއްވުން ތަޢާރުފު ކުރެއްވީ، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަށް އަންނަމުންމިދާ މުހިންމު ބަދަލުތަކުގެ ތެރޭގައި، އެންމެ މުހިންމު އެއްބަދަލަކީ، އަތޮޅުތައް ހިންގުން ލާމަރްކަޒީ އުޞޫލަށް ބަދަލުކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ އެންމެބޮޑު ބޭނުންފުޅަކީ، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދްމަތްތަކެއް، އެ ސަރަޙައްދަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުން ކަމުގައި ވިދާޅުވިއެވެ.

ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު މުޖުތަބާއެވެ.