2009 ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަކީ، ހެނދުނު 8.00 ން ހަވީރު 4.00 އަށް ކަމަށް ހަމަޖައްސަވައި، މަސައްކަތު ގަޑީގެ ތެރޭގައި 1 ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެއްވާ ގޮތަށް ނިންމަވައިފިއެވެ. ހުސް ވަގުތު ކަމަށް ޢާންމު އުޞޫލެއްގެ ގޮތުން ކަނޑައަޅުއްވާފައިވާ ވަގުތަކީ، މެންދުރު 12.00 ން 1.00 އެވެ.

ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި މިގޮތަށް ހަމަޖެއްސެވިކަން އަންގަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ. މިދެންނެވުމުގައި، ރަސްމީ ގަޑީގައި ހުސްވަގުތުކޮޅެއް ދެއްވުމަށް ހަމަޖެއްސެވި ކަމުގައިވިޔަސް، އެއޮފީހަކުން ޢާންމު ރައްޔިތުންނަށް ދެއްވާ ޚިދްމަތް މެދުކެނޑިގެން ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހުސްވަގުތު ކަމަށް މި ހަމަޖެއްސެވި މެންދުރު 12.00 ން 1.00 އާ ދެމެދު ޚިދްމަތް ދޭން ތިބޭ މުވައްޒަފުންނަށާއި، އޮފީހުގެ މަސައްކަތް ހުރިގޮތުން މިވަގުތުކޮޅު ނުލިބޭ މުވައްޒަފުންނަށް ހުސްވަގުތުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ، މެންދުރު 1.00 ން 2.00 އެވެ.

މިދެންނެވި ގޮތަށް ހަމަޖެއްސެވިނަމަވެސް، ޑިއުޓީ އުޞޫލުން ޚިދްމަތްދޭ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ، އެމުވައްޒަފެއްގެ ޑިއުޓީ ގަޑި ކަމަށް ވަނީ ހަމަޖައްސަވާފައެވެ.

މިނިސްޓަރުންގެ ނާއިބުންނާއި ރައީސުލްޖުމްހޫރިއްޔާގެ ސިޓީއަކުން މަގާމަށް އިސްކުރައްވާ ބޭފުޅުންނަކީ، މިހާރުވެސް ގަޑިނުޖެހޭ ގޮތަށް ތިއްބެވި ބޭފުޅުން ކަމަށްވީނަމަވެސް، އެބޭފުޅުންވެސް 1 ފެބްރުއަރީ 2009ން ފެށިގެން އެންމެ ލަސްވެގެން ހެނދުނު 8.30ގެ ކުރިން އޮފީހަށް ނުކުމެވަޑައިގަތުމަށް، މިދެންނެވުމުގައިވަނީ އަންގަވާފައެވެ.

ރަމަޟާންމަހުގެ ރަސްމީ ގަޑިއަށް ބަދަލުގެންނަވާފައެއް ނުވެއެވެ. ރަމަޟާންމަހުގެ ރަސްމީ ގަޑިއަކީ، މިހާރުވެސް ހަމަޖެހިފައިވާ ގޮތުގެ މަތިން، ހެނދުނު 9.00 ން މެންދުރުފަހު 1.30 އެވެ.