އިންޑިޔާގެ ކުރީގެ ރައީސް ރާމަސުވާމީ ވެންކަޓަރާމަން އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ރައީސާ މިސިޒް ޕްރަތީބާ ޕާޓިލަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ވެންކަޓަރާމަން އަވަހާރަވީ، ވަރަށްގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ދިއްލީގެ އާރމީ ހޮސްޕިޓަލްގައި އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 98 އަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންޑިޔާއަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި ރައީސް ވެންކަޓަރާމަންގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައި ވިދާޅުވަމުން، އިންޑިޔާގެ ޤާނޫނުއަސާސީ ޑްރާފްޓް ކުރެއްވި ބޭފުޅަކީ ރައީސް ވެންކަޓަރާމަންކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރައީސް ވެންކަޓަރާމަން އަވަހާރަވުމަކީ، ޢާއިލާގެ ބޭފުޅުންނަށާއި، މުޅި އިންޑިޔާއަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ޤައުމީ ހިތާމައިގެ މިވަގުތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާ ސަރުކާރަށާއި އިންޑިޔާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ވެންކަޓަރާމަންގެ ޢާއިލާގެ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ރާމަސުވާމީ ވެންކަޓަރާމަން އިންޑިޔާގެ ރައީސްކަން ކުރައްވާފައިވަނީ، 1987 ން 1992 އަށެވެ. އޭގެކުރިން އިންޑިޔާގެ ނާއިބު ރައީސްކަންވެސް ކުރައްވާފައިވެއެވެ. ރައީސް ވެންކަޓަރާމަންއަކީ، އިންޑިޔާގައި އެންމެ ފުރަތަމަ އުފެދުނު ޕާރލަމަންޓްގެ މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.