ސަރުކާރުގެ މުވައްޒަފުން މިހާރަށްވުރެ އިޚްލާޞްތެރިކަމާ އެކީގައި، މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިރޭ ކޮޅުމަޑުލު ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެރިކަމުގައި މިހުންނެވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައި ދެއްވުމަށް ކަމަށާއި، އެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ރެޔާ ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، މި ސަރުކާރުގެ ސިޔާސަތުތައް ހިންގަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް އެ ސަރަޙައްދަކުން ތަރައްޤީގެ ފަސޭހަތައް ހޯއްދަވައިދެއްވުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކުގެ ދަށުން ކުރައްވަން ފަށްޓަވާފައިވާ މަސައްކަތްޕުޅުތައް ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވިއެވެ. އަދި ރައްޔިތުންނަށް ސަރުކާރުން ދެއްވުމަށް ގަސްދު ކުރައްވާފައިވާ އެކިއެކި ލުއިތަކަށް ބައްލަވާލައްވަމުން، އިރާދަކުރެއްވިއްޔާ، ބޭސްފަރުވާއަށް ރައްޔިތުން ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި، އަތްފޯރާ ހިސާބުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، މިއަހަރުގެ ތެރޭގައި ކިނބިދުއަށް ސަރުކާރުން ކޮށްދެއްވަން ނިންމަވާފައިވާ ކަންތައްތައްވެސް ރައްޔިތުންނާ ޙިއްޞާކޮށްލެއްވިއެވެ.