އާމްދަނީ އިތުރުކުރެއްވުމާއި ޚަރަދު ކުޑަކުރެއްވުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ހިރިލަންދުއަށް ވަޑައިގެން، ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ކޮޅުމަޑުލަށް މިކުރައްވާ ދަތުރުފުޅަކީ، ސަރުކާރުގެ ސިޔާސަތު ބިނާވެގެން އަންނައިރު އަދި ތަންފީޒުވެގެންދާ ދިޔުމުގައި، ވަކިވަކި ރަށްރަށަށް ލިބޭނެ މަންފާއާއި ފައިދާއަކީ ކޮބައިތޯ މިހާރު ސިފަ ކުރެއްވޭތީ، އެކަންކަން ޙިއްޞާ ކުރެއްވުމުގެ ބޭނުންފުޅުގައި ކުރައްވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ހިރިލަންދޫގެ ތަރައްޤީއަށް މިހާރުން މިހާރަށް ސަރުކާރުން ކޮށްދެއްވަން ނިންމަވާފައިވާ ކަންތައްތަކުގެ މަޢްލޫމާތު ރައްޔިތުންނަށް ދެއްވިއެވެ. މިގޮތުން ހިރިލަންދޫ ބަނދަރު މަރާމާތް ކުރެއްވުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިންމަހުގެ ތެރޭގައި ސަރުކާރުން ފަށްޓަވާނެ ކަމަށާއި، އަދި ބޯހިޔާވަހިކަން ފޯރުއްވައި ދެއްވުމުގެ ޕްރޮގްރާމްގެ ތެރެއިން ދިގުމުއްދަތެއްގައި ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން 30 ފްލެޓް ބިނާކުރެއްވުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހިރިލަންދޫގައި ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މާލޭގައި ހިފެހެއްޓިފައިވާ ވެރިކަމުގެ އެންމެހާ ބާރުތައް، ރާއްޖޭގެ އަތޮޅުތަކަށް ބައްސަވާލައްވައި، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގޮތުން، އަތޮޅުތައް މިހާރުވަނީ ޕްރޮވިންސްތަކަކަށް ބައްސަވާލައްވާފައި ކަމަށާއި، ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ ޕްރޮވިންސަށް އަންނަ ހަފްތާގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ސްޓޭޓް މިނިސްޓަރަކު ޢައްޔަން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދުއަށް މިކުރެއްވި ދަތުރުފުޅުގައި، ހިރިލަންދޫ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް އެރުއްވިއެވެ. ހަނދާނީ ފިލާ އެރުއްވީ، ރަށު ކައުންސިލަރ އަލްފާޟިލް މުޙަންމަދު ޝަކީބެވެ.