ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލު ތިމަރަފުށީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށްޓަށް ވަޑައިގަތީ، މިއަދު މެންދުރުއެވެ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ވެފައިވާ ވަޢުދުތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ފުއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ދެރަ ގޮތެއް ހެއްދެވުން ނޫން ކަމަށާއި، ދިމާވެފައިވާ ހުރަސްތައް ބަލައި، އެ ހުރަސްތައް ނައްތާލެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މުއްސަނދިވަނީ ކާކުތޯ ބައްލަވައިގެން ކަންކަން ކުރެއްވުމަކީވެސް ސަރުކާރުގެ އަމާޒެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމަރަފުށީގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓުގެ މަސައްކަތް، ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމުގެ މަޢްލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމުގެ ޕްރޮގްރާމްގެ ތެރެއިން ދިގު މުއްދަތެއްގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން 125 ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދެއްހާތާނގައި ފެށޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ތަރައްޤީއަށް މިކުރައްވާ މަސައްކަތްތަކަކީ، ވަކިބަޔަކަށް ފައިދާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކެއް ނޫން ކަމަށާއި، ރައްޔިތުންނަށް ލިބެންވާ ޙައްޤު ލިބުނީމާ، އަދި ހިނގާ މަޝްރޫޢުތަކުން ރައްޔިތުންނަށް ފައިދާވާ ކަމަށްވާނަމަ، މަޤްޞަދު ފުރިހަމަވީ ކަމުގައި ވިދާޅުވިއެވެ.