ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ދާއިރާއަށް އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ)ގެ އެހީ ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވީ، އެތާނގެ ޑިރެކްޓަރ މިސްޓަރ ޖަވާދު މުއްތަޤީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މީޑިއާގެ ދާއިރާ ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިސްޓަރ މުއްތަޤީގެ ވާހަކަފުޅުގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދަޢުވަތު އެރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްޕުޅު ކުރައްވައި، އެދާއިރާއިން ވަރަށްގިނަ ތަޖުރިބާތަކެއް ޙާޞިލު ކުރައްވާފައިވާ ބޭފުޅަކަށްވުމާއެކު، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މަޢްލޫމާތާއި ތަޖުރިބާ، މި ސަމިޓަށް ވަރަށް މުހިންމު ކަމުގައި މިސްޓަރ މުއްތަޤީ ވިދާޅުވިއެވެ.