ރާއްޖޭގައި އިންވެސްޓް ކުރެވެންހުރި ދާއިރާތައް ބެއްލެވުމަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވި އިންޑިޔާގެ ވިޔަފާރިވެރިންގެ މަރުކަޒީ ޖަމްޢިއްޔާ، ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީ.އައި.އައި.)ގެ އިންވެސްޓްމަންޓް ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ބޭރުގެ އެކިއެކި ފަރާތްތަކުން ވަރަށް ފުޅާ ދާއިރާއެއްގައި އިންވެސްޓް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅުއްވައި އަދި މަރްޙަބާ ވިދާޅުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިޔާގެ އެކިއެކި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ، ރާއްޖޭގެ އިޤްތިޞާދަށާއި ޢާންމު ރައްޔިތުންނަށް އެކަމުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސީ.އައި.އައި.ގެ އިންވެސްޓްމަންޓް ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅުންނަށް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުންނާއި، އަދި އަމިއްލަ ވިޔަފާރިވެރިންނާއި އެކިއެކި ކުންފުނިތަކުން ވަރަށްބޮޑު އެއްބާރުލެއްވުމަކާއި އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.