ސަރަޙައްދީ ތަރައްޤީއަށް ސަރުކާރުން އުފައްދަވާ ޔުޓިލިޓީޒް ކުންފުނިތަކުގައި ބައިވެރިވާނެ ތަޖުރިބާ ހުރި ބޭރުގެ ފަރާތްތައް ހޯއްދެވުމަށް ސަރުކާރުން އިޢްލާނު ކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިކަމަށްޓަކައި ކުރެއްވި އިޢްލާނުގައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ހުރި ކަމުގެ ލިޔުން ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އެމިނިސްޓްރީއަށް ފޮނުއްވުމަށް ވަނީ އަންގަވާފައެވެ.

ރާއްޖެ ހަތް ސަރަޙައްދަކަށް ބައްސަވާލައްވައި، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ކަމުގައިވާ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި އަދި ގޭހުގެ ޚިދްމަތް، އެ ސަރަޙައްދަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމާއި، މިހާރަށްވުރެ ހެޔޮ އަގުތަކެއްގައި ރައްޔިތުންނަށް އެޚިދްމަތްތައް ފޯރުއްވައިދެއްވުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.

ސަރަޙައްދީ ޔުޓިލިޓީޒް ކުންފުނިތައް އެކަށައަޅުއްވައި ހިންގެވުމުގައި ބޭރުގެ ތަޖުރިބާހުރި ފަރާތްތައް ބައިވެރިކުރެއްވުމާބެހޭ އިތުރު މަޢްލޫމާތާއި ތަފްޞީލު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަރަށް އަވަހަށް ހާމަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.