بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ޓިވެޓް އޮތޯރިޓީގެ އިސްވެރިން، ތަޢުލީމީ ދާއިރާގައި ހުނަރުވެރިން އުފެއްދުމުގެ މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުން، "ހުނަރުވެނި 2019"ގެ ހުރިހާ ބައިވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސް ޝައްކެއްނެތް، މިފަދަ ޝޯއެއް އިންތިޒާމު ކުރުމަކީ މިއަދުގެ ޤައުމުގެ ޙާލަތަށް ބަލާއިރު، ވަރަށް މުހިއްމު ކަމެއް. އާދެ، އަޅުގަނޑުމެން ޒަމާންތަކެއް ކުރިއަށް ވިސްނައިފި ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ވަކިވަކި ރަށްތަކެއް ހުރޭ، އެ ރަށެއް ބުނުމުން އެއީ ވަކި ބްރޭންޑެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެމުންދިޔަ. ތަފާތު އެކި ހުނަރުތަކާއި ފަންނުތަކުން އެ ރަށްތަކާއި އެ ރަށްތަކުގެ ޒުވާނުން އަދި ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ހިތާމަޔާއެކު ފާހަގަކުރަންޖެހެނީ، މި ދެންނެވި ރަށްތަކުންވެސް މިއަދު ދަނީ މިކަންތައް ބީވަމުން. އާދެ، ޒުވާނުންގެ ޝައުޤުވެރިކަން، އެކަންތައްތަކަށް ކުޑަވެގެންދިޔުމަކީ އެއީ އަޅުގަނޑުމެންނަށް މިއަދު ދިމާވެފައި އޮތް ގިނަގުނަ ގޮންޖެހުންތަކެއް. އާދެ، އެއީ އަޅުގަނޑުމެން ޙައްލުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމެއް. ޙަޤީޤަތަކީ ޤައުމެއްގައި އުފެދިފައި އޮންނަ މިފަދަ ހުނަރުތައް، މިފަދަ މަސައްކަތްތެރިކަން، ޤައުމެއްގެ ޒުވާނުންގެ އަތްމަތިން ބީވެ ގޮސްފި ކަމަށްވަންޏާ، ދެން އެކަންތައް ބަދަލުވެގެންދާނީ، މުޅިން އެހެން ބައެއްގެ އަތްމައްޗަށްކަން.

އާދެ، އަޅުގަނޑުމެން މިއަދު މުޅި ޤައުމުގެ ރައްޔިތުންގެ ޝަކުވާތަކަށް ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ ހުރިހާ އެންމެންނަށްވެސް ލިބޭ އެއް ޝަކުވާއަކީ، ދިވެހިރާއްޖޭގެ އާބާދީއާއި، ވަޒީފާގެ ޢަދަދުތަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި އުޅެންނުޖެހޭ މިންވަރަށް ބިދޭސީން އުޅޭ ވާހަކަ.

އާދެ، އަޅުގަނޑުމެންވެސް ގަބޫލުކުރަން، ކޮންމެ ޤައުމެއްވެސް ކުރިއަރައިގެންދަނީ ބޭރު މީހުންނާވެސްއެކު. ބިދޭސީންނާވެސްއެކު. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޒުވާނުންނަށް، އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތައް، އެބައިމީހުންގެ މައްޗަށް ދޫކޮށްލުމަކީ އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫން. އެއީކީ ޤައުމެއްގެ ޙަޔާތަށް، ޤައުމެއްގެ ކުރިއެރުމަށް އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫން.

އާދެ، އަޅުގަނޑުމެންގެ މި ތަފާތު އެކި ދަތުރުތަކުން، އަޅުގަނޑުމެން ރާއްޖޭގެ ރަށްރަށަށް ދަތުރުތައްކޮށް، ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން، ވަރަށްގިނަ ޝަކުވާތައް، އެކިއެކި ރައްޔިތުންގެ ފަރާތުން، ޒުވާނުންގެ ފަރާތުން އަބަދުވެސް ލިބެމުންދޭ. އާދެ، މި ފުރްޞަތުތައް ހަނި ވާހަކަ. އަޅުގަނޑުމެންނަށް ހަމައެކަނި ޒުވާނުން މިއަދު، އެ ޒުވާނުން ވަކި ވަޒީފާތަކެއްގައި ނޫޅޭތީވެ، ހަމައެކަނި ޒުވާނުން ކުށްވެރިކުރާ އުޞޫލުން އަޅުގަނޑުމެންނަކަށް ވާހަކައެއް ނުދެއްކޭނެ. އަޅުގަނޑުމެންގެ ޒިންމާ އަޅުގަނޑުމެންވެސް އަދާކުރަން އެބަޖެހޭ. ސަރުކާރެއްގެ ޒިންމާ، ސަރުކާރުންވެސް އަދާކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

އާދެ، މީހުން ބިނާކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެންޖެހޭނެ. އާދެ، އަޅުގަނޑުމެންނަށް މި ފެނުނީ އަޅުގަނޑުމެން ރަނގަޅަށް ބަލައިފި ކަމަށްވަންޏާ ގަބޫލުކުރެވޭނެ. ޙަޤީޤަތަކީ ވޭތުވެދިޔަ ދުވަސްތަކުގައި، އަހަރުތަކުގައި އަޅުގަނޑުމެންނަށް ބޮޑަށް މި ފެންނަނީ ޒުވާނުން މުޅިންވެސް ކުޅިވަރާއި މަޖަލުގެ ތެރޭގައި، އެ އަވާގައި ހަމައެކަނި ޖައްސާފައި، ކޮންމެވެސް ފައިދާއަކަށް. އަޅުގަނޑަކަށް ނޭނގެ، ދެން ކޮންބޭނުމަކު ކަމެއް. އެހެންނަމަވެސް، ކޮންމެވެސް ފައިދާއެއް ނެގުމުގެ ބޭނުމުގައި އެގޮތަށް ދޫކޮށްލެވޭތަން. އެހެންނަމަވެސް، އެއީކީ ހެޔޮއެދޭ ބަޔަކު، ހެޔޮއެދޭ ސަރުކާރަކުން، ހެޔޮއެދޭ ވެރިއެއް، ދުވަހަކުވެސް ކަންތައް ކުރާނެ އުޞޫލެއް ނޫން. ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ.

އާދެ، އަޅުގަނޑު ހަމަ މި ފުރްޞަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަކިން ޚާއްޞަކޮށް، ޒުވާނުންނަށް ދެއްވާ ސަމާލުކަމަށްޓަކައި، ތިޔަ އެންމެހާ ބޭފުޅުންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ މި ދަތުރުތަކާއި، ރައްޔިތުންނާ ބައްދަލުވާ ބައްދަލުވުންތަކުގެ އަލީގައި، އިރާދަކުރެއްވިއްޔާ، ދެންމެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރވެސް އެ ވިދާޅުވިގޮތަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުނަރުވެރިން ބިނާކުރުމަށްޓަކައި، ފަންނުވެރިން އުފެއްދުމަށްޓަކައި، މަސައްކަތްތެރިންގެ މަސައްކަތް، އެ އަތޮޅުތަކުގެ ތަރައްޤީއަށް ލިބުމަށްޓަކައި އިރާދަކުރެއްވިއްޔާ ގިނަގުނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުންދާނަން.

އާދެ، މިކަންތައްތަކަކީ މިއީ އަޅުގަނޑު ދަންނަވާނީ، އެންމެ ޅަފަތުން، ސްކޫލް ދައުރުން ފެށެންޖެހޭ ކަންތައްތަކޭ. އާދެ، މިއަދު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް، ތަޢުލީމީ ޙަޔާތަށް ގިނަގުނަ ބަދަލުތަކެއް، ﷲ އިރާދަކުރެއްވީތީ އަންނަމުން އެބަދޭ. މުޅި ދިވެހި ސަރުކާރުން ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒު ހިފާފައި ހުރީ ތަޢުލީމީ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި. މިއަދުގެ ޅަދަރީންނަށް ދެވޭ ތަޢުލީމުން ފެށިގެން މާދަމާ ތަޢުލީމީ ޙަޔާތް ނިމިގެންދާއިރު، އެ ދަރިވަރުންނަކީ އެއީ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ، މަސައްކަތަށް އަހުލުވެރި، މަސައްކަތް ކުރާހިތްވާފަދަ ބަޔަކަށް ހެދުމަށްޓަކައި މުޅި ސަމާލުކަން ހުއްޓިފައި ހުރީ.

އާދެ، އެއްވެސް ހާލެއްގައި އަޅުގަނޑު މިކަންކަމުގައި ބައިވެރިމިވަނީކީ ނުވަތަ އަޅުގަނޑު މިފަދަ ޙަރަކާތްތަކުގައި ބައިވެރިވުމަކުން އަޅުގަނޑު ގަބޫލެއްނުކުރަން އެއީކީ އަޅުގަނޑުމެންނަށް އެކަމުގެ ޝުކުރު މާގިނައިން އަދާކުރަންޖެހޭ ކަމެއް ކަމަކަށް. އަޅުގަނޑުމެން މިއަދު މި މަޤާމުގައި ތިބެގެން، އަޅުގަނޑުމެންގެ ޒިންމާ، އަޅުގަނޑުމެން ރަނގަޅަށް އަދާނުކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބޮލުގައި އެތައް ކަންތައްތަކެއް އެޅިގެންދާނެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން މުޅި ސަރުކާރުގެ ހުރިހާ ދާއިރާއެއްގައި، ހުރިހާ އިސްވެރިންގެ މަސްއޫލިއްޔަތަކަށްވާންވީ، ޤައުމަށްޓަކައި މި މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ރެޔާއިދުވާލު އެކަމުގައި އަޅުގަނޑުމެން ހޭދަކޮށް، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

އާދެ، އަޅުގަނޑު ދަންނަވައިފިން، ތަޢުލީމީ ނިޒާމުގެ ވާހަކަ. އާދެ، ވަށާޖެހިފައިވާ ތަޢުލީމެއްގެ ތެރެއިން ދަރިވަރުންނަށް ގިނަގުނަ ކަންތައްތަކެއް ދަސްކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ހަމައެކަނި ވަކި ނަތީޖާއެއް ހާސިލުކުރުމަށްޓަކައި، މަތީ ވަނައެއް ހާސިލުކުރުމަށްޓަކައި، ވަރަށް ބޮޑަށް ބަޔަކު ވާހަކަ ދައްކަމުންދިޔަ މަންޒަރު. އެހެންނަމަވެސް، އަޅުގަނޑު މި ދެންނެވި ގޮތަށް، މިއަދުގެ ސަރުކާރު، މުޅި ތަޢުލީމީ ނިޒާމު އޮތީ ކަންތައްތައް ދަސްކޮށްދިނުމުގައި. ފަންނުވެރި ޤާބިލު ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކުރުން އެއީ މިއަދު އަޅުގަނޑުމެން އެންމެ ޅަފަތުން ފެށިގެން ކުރަންޖެހޭ މަސައްކަތަކީ.

ތިޔަބޭފުޅުންނަށް މިއަދު ފެނިވަޑައިގަންނަވާނެ، އެ މަސައްކަތް ފެށިގެން އިރާދަކުރެއްވިއްޔާ، އެޑިޔުކޭޝަން މިނިސްޓްރީގެ ތެރެއިން ރާއްޖޭގެ މަދަރުސާތަކުގައި މިހާރުވެސް އެބަދޭ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެކަންތައް ވަރުގަދަކޮށް، ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވޭ ބަޔަކަށް ދިވެހި ދަރިވަރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން.

އާދެ، ޙަޤީޤަތަކީ އަޅުގަނޑުމެންނެށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކަށް މިވަނީ ވަޒީފާއެއް އަދާކުރުންމަތީގައި ދެމިހުރުން. ކަމެއް އެނގި، ހުނަރެއް ދަސްވެހުރެ، އަދި އަމުދުން ވަޒީފާ އަދާނުކޮށް، މަސައްކަތް ނުކޮށް ހުރުމަކީ، އެއީ ވަރަށްބޮޑު ނިކަމެތި ކަމެއް. އެންމެ ހިތްހަމަޖެހޭ، އެންމެ އުފާވެރި މީހަކަށްވާނީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން، އެ ލިބޭ އެއްޗަކުން ހެޔޮގޮތުގައި ރަނގަޅަށް މެނޭޖްކޮށްގެން އުޅޭ މީހާ.

އާދެ، މިއަދު އަޅުގަނޑުމެންގެ ބެލެނިވެރިންވެސް ޚާއްޞަ ސަމާލުކަމެއް ދަރީންނަށް އެބަ ދެއްވަންޖެހޭ. ޙަޤީޤަތަކީ ދިވެހީންނަކީ ވަރަށް ހުނަރުވެރި ބައެއްކަން. އާދެ، އަޅުގަނޑު ރަށްރަށެއްގެ ވާހަކަ ދައްކައިފިން. އަޅުގަނޑުމެންނަށް މުޅި ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ދަތުރުކޮށްލާއިރު، ވަރަށްގިނަ ކަންތައްތައް އެބަ ފެނޭ. މީހުންގެ އަޑުތައް އިވޭ. އަޅުގަނޑު މި ހަފްތާ ބަންދުގައި އަޅުގަނޑުމެންނަށް ދެވުނު، ހާ އަލިފުގެ ރަށްތައް. އަޅުގަނޑުމެން ދިޔައިން، މީގެ ތިންސަތޭކަ، ހަތަރުސަތޭކަ އަހަރު ކުރީގައި އަޅާފައިވާ، ބިނާކޮށްފައިވާ އާސާރީ، ވަރަށް އިންޓްރެސްޓިންގ މިސްކިތް. އަޅުގަނޑަށް ފެނުނީ މުޞްޙަފް. ތިންސަތޭކަ އަހަރު ކުރިން، އެ ރަށުގެ ބޭފުޅަކު އަތުން ލިޔެފައި. އަޅުގަނޑަށް އަދިވެސް ގަބޫލެއްނުކުރެވޭ.  އަޅުގަނޑު މި ސުވާލުކުރަނީ އެއީ ކޮމްޕިއުޓަރުން ޓައިޕްކޮށްގެން ލިޔެފައި ހެއްޔޭ. މީހެއްގެ އަތުން އެހާ ރީތިކޮށް، އެ މަސައްކަތް، ތިންސަތޭކަ، ހަތަރުސަތޭކަ އަހަރު ކުރިން، ދިވެއްސަކު ކޮށްފައި ހުރިކަމީ އެއީ، އަޅުގަނޑުމެންނަށް އެއިން ދައްކުވައިދެނީ، ކާބަފައިންގެވެސް އެ ހުނަރުތައް ހުރިކަން. އާދެ، މިކަހަލަ އެތައް ކަމެއް އެބަހުރި.

އެހެންވީމާ، މިއަދު މައިންބަފައިން، ދަރިންގެ ގައިގައި ހުރި ޤާބިލުކަން އެބަ ފާހަގަކުރަންޖެހޭ. ދަރިން ގައިގައި ހުންނަ ހުނަރު ފާހަގަކޮށް، އެ ދާއިރާތަކުން ކުރިއަށް ދިޔުމަށްޓަކައި ފުރްޞަތުދޭން އެބަޖެހޭ. ހިތްވަރުދޭން އެބަޖެހޭ.

އާދެ، އަޅުގަނޑުމެންގެ ޒުވާނުން މިއަދު ދަސްކުރަންވީ ގިނަ ކަންތައްތަކެއް ދަސްކުރާ ބައެއްގެ ގޮތުގައި ތިބެން. ހަމައެކަނި އެންމެ ކަމެއްގެ މައްޗަކަށްވެސް ނޫން. ގިނަ ކަންތައްތައް އަޅުގަނޑުމެން ދަސްކުރަން އެބަޖެހޭ. ވަޒީފާ އަދާކުރުމަކީ، މަސައްކަތް ކުރުމަކީ އެއީ އެއްވެސް ހާލެއްގައި ހުދު ގަމީހެއްލާފައި، ހަމައެކަނި ޓައީއެއް އަޅައިގެން އޮފީސް މޭޒުދޮށުގައި އުޅުމެއްނޫން. އަޅުގަނޑު ހަމަ އެއްވެސްވަރަކަށް ފަސްނުޖެހޭނެ، މާދަމާ ކޮންސްޓްރަކްޝަން ގްރޫޕެއް ލީޑްކޮށް، އެ ގްރޫޕެއް ގޮވައިގެން މަސައްކަތު ނުކުންނަންޖެހުނަސް، ހަމަ އެއްވެސްވަރަކަށް އަޅުގަނޑު އެކަމަކާ ފަސްނުޖެހޭނަން. އަޅުގަނޑުމެން ރާނަންވެސް ދަންނަން. ވަޑާންވެސް ކުރަން ދަންނަން. އެއީވެސް މަސައްކަތް. ވަކިކަހަލަ މަސައްކަތަކީ ހަޑި މަސައްކަތެއްގެ ގޮތުގައި ބަލާފައި، ހުތުރު މަސައްކަތެއްގެ ގޮތުގައި ބަލާފައި، ވަކި ވައްތަރެއްގެ ގަމީހެއްލައިގެން އޮފީހަށް ދިޔުމަކީ އެއީ ހަމައެކަނި ރީތި މަސައްކަތަށް ބެލުމުގެ، އެ ވިސްނުން އަޅުގަނޑުމެން ދޫކޮށްލަން އެބަޖެހޭ. ޤައުމެއް ކުރިއަރައިދަނީ ހުރިހާ ވައްތަރެއްގެ މަސައްކަތް ކުރެވިގެން. ހުރިހާ ޒާތެއްގެ މަސައްކަތް ކުރެވިގެން.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، ކޮންމެ މަސައްކަތަކީވެސް މުހިއްމު މަސައްކަތެއްކަން. ކޮންމެ މަސައްކަތަކީވެސް ރީތި މަސައްކަތެއް. އެހެންވީމާ، އެ ވިސްނުން އަޅުގަނޑުމެންގެ ޒުވާނުންނަށް އަޅުގަނޑުމެން މިއަދު ވިސްނައިދޭން އެބަޖެހޭ.

އާދެ، އަޅުގަނޑު އުއްމީދު ކުރަނީ، އަޅުގަނޑުމެންނަށް މި ބޭއްވޭ މިފަދަ ޝޯއެއްގެ އެންމެ ހެޔޮ، އެންމެ ރަނގަޅު ފައިދާ ޒުވާނުންނަށް ލިބިގެންދާނެ ކަމަށް. އަދި މީގެތެރެއިން އަޅުގަނޑުމެން ތަފާތު ގިނަ ކަންތައްތައް ދަސްކޮށް، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުގައި ޝައުޤުވެރިކަން އުފެދި، ކުރިއަށް އޮތް ތަނުގައި، ޤައުމުގެ ތަރައްޤީގެ މަސައްކަތުގައި ޒުވާނުންނަށް ކުރިއަށްވުރެ ބޮޑަށް އުޅެވޭނެ ކަމަށް.

އާދެ، މިފަދަ ފުރްޞަތެއްގައި، ދިވެހިރާއްޖޭގައި މިކަންތައް އާލާކޮށް ދިރުވައި، ރަނގަޅު ޒުވާނުންތަކެއް އުފެއްދުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިފަދަ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، އެފަދަ ފަރާތްތަކަށް އެހީވެދެއްވާ، އެހީތެރިކަން ފޯރުކޮށްދެއްވާ އެންމެހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދުޅަހެޔޮ، ތަޢުލީމީ، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ޤައުމާއިގެން ކުރިއަށް ދިޔުމުގެ، ބާރަށް މަސައްކަތާއިގެން ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.