ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ވެލްޑިމިރް ޕީ. މިޚޭލޯފް އާއި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މެޑަމް ޔެންގ ޒިއުޕިންގ، އެދެބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވެވި މިދެރަސްމިއްޔާތުގައި، މި އާ ސަފީރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ.

ރަޝިޔާ ސަފީރު މިސްޓަރ މިޚޭލޯފް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވުނު ސިޔާސީ ޕާޓީތައް ވާދަކުރި ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމަށްވާތީ، އެމަނިކުފާނަށް ފަތްކޮޅު އެރުއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ފަޚުރެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް މިގެންނަވަމުން ގެންދަވާ އިޞްލާޙީ ބަދަލުތަކަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތަކުގައި ރަޝިޔާގެ ބައިވެރިވުން އިތުރުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުން މަޢްލޫމާތު ދެއްވައި، ރާއްޖޭގެ އެކިކަންކަމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރަޝިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މެޑަމް ޔެންގ ޒިއުޕިންގ ދެއްކެވި ވާހަކަފުޅުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން ޚިދްމަތް ކުރެއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެކުނު އޭޝިޔާ ސަރަޙައްދުގެ ކުރިއެރުމުގައި ޗައިނާގެ ޙިއްޞާ ވަރަށްބޮޑުކަން ފާހަގަކުރައްވައި، ޗައިނާއިން ރާއްޖެއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމަށާއި، މިމަސައްކަތުގައި ޗައިނާ ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.