ޢުމުރުން 65 އަހަރުވެގެން ދެހާސް ރުފިޔާގެ ޢިނާޔަތް ދެއްވަމުން ގެންދެވުމަށް ހަމަޖައްސަވާފައިވާ އިންތިޒާމުތަކާބެހޭ މަޢްލޫމާތު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ މިއަދު ދެއްވައިފިއެވެ. ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މިކަމުގެ މަޢްލޫމާތު ދެއްވުމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން، ޢިނާޔަތުގެ ފައިސާ ހޯދުމަށް ދަރުބާރުގެއަށް ދިޔަ ބައެއް މީހުންނަށް، އެފައިސާ ލިބިފައިނުވާތީ، އެކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ޢިނާޔަތް ހޯދުމަށް ފުރާފައިވާ ފޯމްތަކުގެ ތެރެއިން 60 އިންސައްތަ ފޯމުގެ މަޢްލޫމާތުތައް ސާފުކުރެއްވުމުގެ މަސައްކަތް މިހާރުވެސް އެބަގެންދަވާ ކަމަށާއި، މަޢްލޫމާތު ސާފުވިވަރަކުން ފައިސާ ދޫކުރައްވަމުން ގެންދަވާނެ ކަމުގައި އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވިއެވެ. އަދި ޢިނާޔަތް ޙައްޤުވާ މީހުންނަށް މިމަހުގެ ތެރޭގައި ޢިނާޔަތް ނުލިބިއްޖެނަމަ، އެމީހުންނަށްވެސް މި މަސް ނިމޭއިރު ޖަނަވަރީ މަހާއި ފެބްރުއަރީ މަހާ ދެމަހުގެ ޢިނާޔަތް ދެއްވާގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޢުމުރުން 65 އަހަރުވީ މީހުންނަކީ ޤައުމުގެ ރައުސްމާލު ކަމަށްވުމާއެކު، މި ޢިނާޔަތަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ދެއްވަމުން ގެންދަވާ ޢިނާޔަތެއް ކަމުގައި އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި މި ޢިނާޔަތާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ޖަވާބު ދެއްވިއެވެ.