ރާއްޖޭގެ ތަނަވަސްކަމާއި މުއްސަނދިކަމާއި ޤުދުރަތީ ވަސީލަތްތަކުގެ ބޭނުންކުރައްވައިގެން، ދިވެހި ރައްޔިތުންނަށް މާ ފާގަތި ދިރިއުޅުއްވުމެއް އުޅުއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ލަންދުއަށް ވަޑައިގެން، ލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ލަންދުއަށް ވަޑައިގަތީ، މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލަންދުއަށް ސަރުކާރުން ކޮށްދެއްވުމަށް ނިންމަވާފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ލަންދުއަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުއްވައިދެއްވުމުގައި، މިހާރަށްވުރެ މާރަނގަޅަށް އިންތިޒާމުތައް ހަމަޖައްސަވައި ދެއްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ލަންދޫގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް، މިއަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށާއި، ރަށުގެ ކުނި ނައްތާލުމުގެ ނިޒާމުވެސް ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލަންދުއަކީ ޒަމާންވީ އާސާރީ ބިނާތަކެއް ހުރި ވަރަށް ތާރީޚީ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ލަންދުއަކީ ފަތުރުވެރިން ގިނަގިނައިން ޒިޔާރަތް ކުރުމަށް ވަރަށް ރަނގަޅު ރަށެއް ކަމަށް ވިދާޅުވިއެވެ. އަދި ލަންދުއަކީ ގިނަގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަށެއްގެ ގޮތުގައި، މި ފަސް އަހަރު ދުވަހުގެ ތެރޭގައި ހައްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅުގެ ވެރިކަންކުރާ ރަށް މަނަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާނެއެވެ.