بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުން، އަދި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މަސައްކަތް ކުރައްވާ ހީވާގި ބޭފުޅުން، އެންމެހައި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސް ޝައްކެއްނެތް. މިއަދަކީ ވަރަށް ޚާއްޞަ ދުވަހެއް. ދިވެހި ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް ފުރިހަމަވެގެންދާ ދުވަހެއް. އާދެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މި ޕްރޮގްރާމަށް އެހާމެ އިސްކަމެއް ދެއްވަނީ ވަރަށްގިނަ ސަބަބުތަކެއް ހުރެގެން. އާދެ، އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންގެ ކޮންމެ ކަމެއްވިޔަސް، ފެށުން ރަނގަޅުކޮށްފި ކަމަށްވަންޏާ ރަނގަޅު ނަތީޖާތަކެއް ހާސިލު ކުރެވޭނެކަން.

އާދެ، އަޅުގަނޑުމެންގެ ދަރިވަރުންގެ ހެނދުނުގެ ކިޔެވުމުގެ މަސައްކަތް ފަށައިގަންނައިރު، އެކުދިންގެ ސިކުނޑިތައް ހުޅުވެން އެބަޖެހޭ. ފިލާވަޅުތަކަށް ރަނގަޅަށް ބެލޭ ދަރިވަރުންތަކަކަށް އެކުދިން ވާން އެބަޖެހޭ. އަދި މުޅި ދުވަހުގެ ކިޔެވުންތަކަށް ފުރިހަމަ ކޮންސެންޓްރޭޝަނެއް ދެވޭފަދަ ދަރިވަރުންތަކަކަށް އެކުދިންވާން އެބަޖެހޭ.

އަޅުގަނޑުމެންނަށް، މުޅި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުރިބާއާ އެއްކޮށް އިރާދަކުރެއްވިއްޔާ، މި ފެށޭ ޕްރޮގްރާމް ވެގެންދާނީ ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ދަރިވަރުންނަށް ތިބެވޭނެ ޕްރޮގްރާމަކަށް. ރަނގަޅު ނަތީޖާތަކެއް ހާސިލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ދަރިވަރުންނަށް އަޅުގަނޑު ދަންނަވާނީ މިއީ އަދާ ހަމައަށް ލިބޭ އެންމެ ފަހި ފުރުޞަތޭ.

އާދެ، އެއްވެސް ޝައްކެއްނެތް. މިފަދަ ޕްރޮގްރާމަކުން އުނގެނެނީ ދަރިވަރުންނަށް ފުރުޞަތު ލިބިގެން އެދަނީކީ ހަމައެކަނި ނާސްތާ ކުރުމުގެ ފުރުޞަތު އެކަންޏެއް ނޫން. ޙަޤީޤަތަކީ ދަރިވަރުން އުނގެނެނީ ވަރަށް މާތް މަޤްސަދެއްގައި. އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ވަރަށް ގިނަގުނަ ކަންތައްތަކެއް އެބަހުރި. ތަޢުލީމް ހާސިލުކުރަނީ ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި. އެކުގައި މަސައްކަތްކުރުމަށްޓަކައި. ތިމާއާއެކު ދެން މަސައްކަތްކުރާ އެހެން އެންމެންނަށް އިޙްތިރާމްކޮށް، އެ އެންމެންގެ ޙައްޤުތަކެއްވާކަން ދަނެގެން، ރަނގަޅު ނަތީޖާތަކެއް ހާސިލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް. އާދެ، މިއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންނަށް ދަސްވެގެންދާނީ މި ހުރިހާ ކަމެއް.

އާދެ، މި ޕްރޮގްރާމް މިހާ ކާމިޔާބުކަމާއެކު ފެށުމުގައި އެއްވެސް ޝައްކެއްނެތްގޮތުގައި، ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތްތަކެއް އެބަ ހިމެނޭ. އަޅުގަނޑު ހަމަ މިކަމަށްޓަކައި ޚާއްޞަކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ، މިކަމުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނާއި އަދި ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ވެރިން، ބެލެނިވެރިން، އަދި މިކަމުގައި ޝާމިލުވި އެ ހުރިހާ ފަރާތްތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންގެ ދަރިވަރުން، ދުވަހެއް ދުވަހަކަށް ރަނގަޅު ނަތީޖާތައް ހާސިލުކުރުން. ޙަޤީޤަތަކީ މި ޤައުމުގެ މުސްތަޤްބަލު އޮތީ ތިޔަ ލޮބުވެތި ދަރިވަރުންގެ އަތްމަތީގައި. އެހެންވީމާ، ޤައުމު ތަރައްޤީކޮށް، ޤައުމަށް ރަނގަޅު ދުވަސްތަކެއް ހޯދައިދީ، ރަނގަޅު މުސްތަޤްބަލެއް ހޯދުމަށްޓަކައި މިއަދު ގަދައަޅައި ހުރިހާ ކުދިން މަސައްކަތް ކުރަން އެބަޖެހޭ. މާދަމާގެ މި ދިވެހިރާއްޖެ ވެގެންދާނީ، ތިޔަ ދަރިވަރުން ހަވާލުވާ ޤައުމަކަށް.

އެހެންވީމާ، މިއަދު އަޅުގަނޑު ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ދަރިވަރުންނަށް ގޮވާލަން އޮތީ، ތިޔަ ކުދިން މިއަދު ތައްޔާރުވާށޭ. ތިޔަ ކުދިންނަކީ މުދައްރިސުންނާއި ބެލެނިވެރިންނާއި، މައިންބަފައިންގެ ބަސްއަހައިގެން ރަނގަޅަށް ފިލާވަޅުތައް ހަދައި، އެކަކު އަނެކަކާ ދޭތެރޭގައި އޯގާތެރިކަމާއި ކުލުނާއެކު ފިލާވަޅުތައް ދަސްކުރުމުގައިވެސް އަދި ސްކޫލުން ބޭރުގައި ހޭދަކުރާ ވަގުތުތަކުގައިވެސް އެގޮތަށް އުޅޭ ދަރިވަރުންތަކެއް ގޮތުގައި ވާށޭ.

ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން އެކުގައި މިކުރާ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބުވެގެންދާނެ. އަދި ދިވެހިރާއްޖޭގެ ލޮބުވެތި ދަރިވަރުންނަކީ ޤައުމަށް ފައިދާހުރި، މަންފާހުރި، ނަތީޖާ ހާސިލުކުރުވަނިވި ދަރިވަރުންތަކެއްގެ ގޮތުގައި ވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންނަކީ، ދުޅަހެޔޮކަންމަތީގައި ފުރިހަމަ ޞިއްޙަތެއްގައި ތިބެ، ފިލާވަޅުތައް ދަސްކޮށް، މަސައްކަތްތަކާއިގެން ކުރިއަށް ދެވޭނޭފަދަ ދަރިވަރުންތަކެއް ގޮތުގައި اللّـه سبحـانـه وتعـالى ލެއްވުން.

ވަރަށްބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.