ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން މުލީއާގެއަށް ބަދަލުވެވަޑައިގަތުމުގެ ރަސްމިއްޔާތު މާދަމާރޭ އޮންނާނެއެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާރޭ 8 ޖަހާއިރުއެވެ.

ރަސްމިއްޔާތު ފެށޭނީ ރަސްމިއްޔާތު ބާއްވާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ވަޑައިގަތުމުންނެވެ. މި ރަސްމިއްޔާތު އޮންނާނީ މުލީއާގޭ ކުރިމަތީގައެވެ. ރަސްމިއްޔާތު ބާއްވާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، ޝަރަފްގެ ގާޑް ސަމާލަށް ގެނެވޭނެއެވެ. އަދި ރިޔާސީ ކުރުނީހެއް އަރުވައި، ބޭންޑްގައި ޤައުމީ ސަލާމް ކުޅޭނެއެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އޮންނަ ޝަރަފްގެ ގާޑް، އެމަނިކުފާނު ބަލައި ފާސްކޮށްދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ރިޔާސީ ގަނޑުވަރު މުލީއާގެއަށް ވެދެވަޑައިގަތުމަށް ދަންނަވާނީ، ޗީފް އޮފް ޑިފެންސް ފޯސްއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުލީއާގެއަށް ވެދެވަޑައިގަތުމުން ދިދަ ނެގުން އޮންނާނެއެވެ.

މިރަސްމިއްޔާތު ވަގުތުން ދުރަށް ފޮނުއްވާނެއެވެ.