ހޮޅުދޫގެ ރަށްވެހިކަމުގެ ތަޖުރިބާ، ހޮޅުދޫ ރައްޔިތުން ސަރުކާރާއެކު ޙިއްޞާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ހޮޅުދުއަށް ވަޑައިގެން، ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިކަމަށް އެދިވަޑައިގަންނަވަމުން، ހޮޅުދުއަކީ ރާއްޖޭގެ ރަށްވެހިކަމުގައި އަރާހުރި ރަށެއްކަން ދިވެހި ތާރީޚުން އެނގޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް މިވޭތުވެދިޔަ 4 އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މީގެ ކުރިން ސަރުކާރުން ރައްޔިތުންނަށް އަޅާލާފައިނުވާ މިންވަރަށް މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އަޅާލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިއަދުގެ ސަރުކާރަކުން މީހުން ހިފާ ހައްޔަރެއް ނުކުރާނެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށް ހުރަހެއް ނާޅާނެއެވެ. ބަދަލު ހިފުމުގެ ރޫޙެއް ނުގެންގުޅޭނެއެވެ.

ހޮޅުދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ހޮޅުދުއަށް ސަރުކާރުން ކޮށްދެއްވަން ނިންމަވާފައިވާ ކަންތައްތަކުގެ މަޢްލޫމާތު ދެއްވައި، އޭގެތެރެއިން ބައެއް ކަންތައްތައް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރިއަށް މިކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ދެން ވަޑައިގަންނަވާނީ އެއަތޮޅު ވެލިދުއަށެވެ. ވެލިދުއަށް ވަޑައިގެން، އެރަށުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅުތަކުން ކުނި ނައްތާލުމުގެ މަޝްރޫޢު އިފްތިތާޙުކޮށްދެއްވާނެއެވެ.