ކުނި ޖަމާކުރުމާއި، ކުނި ނެގުމާއި، ކުނި ނައްތާލުމަކީ، ރާއްޖެއަށް މިހާރު ވަރަށްބޮޑުވެފައިވާ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު މިލަދުންމަޑުލު ދެކުނުބުރީ ވެލިދުއަށް ވަޑައިގެން، ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި އުފެދޭ ހުރިހާ ކުނި، ސަރުކާރުން މިހާރު އުފައްދަވާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރެއްވުމަށް ސަރުކާރުން ގަސްދު ކުރައްވާ ކަމަށާއި، ވިޔަފާރީގެ އުޞޫލުން ކުންޏަށް ހެއްދެވޭނެ ގޮތެއް އެ ކުންފުނިން ހޯއްދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ވެލިދޫގައިވެސް ކުނިކޮށި ނޫން އެހެން ތަނަކަށް އެއްވެސް މީހަކު ކުނިއަޅައިގެން ނުވާނެ ކަމަށާއި، ޤާނޫނާއި ގަވާއިދުގެ ތެރެއިން އެކަން ހިފަހައްޓަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެލިދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބޭނުންފުޅަކީ، ވެލިދޫގެ އުފެއްދުންތެރިކަން ކުރިއަށް ގެންދެވުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވެލިދޫގައި 100 ފްލެޓް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، ވެލިދުއަކީ ވިޔަފާރި ކުރިއަރާފައިވާ ރަށަކަށް ވެގެންދާއިރު، އެކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެހިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ފަސް އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ވެލިދުއަކީ، މި ރާއްޖޭގައި ރަނގަޅު އިޤްތިޞާދެއް އޮތް، ބޮޑު އާބާދީއެއް އޮންނަ ރަނގަޅު ރަށެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، އަތޮޅުތަކުން ކުނި ނައްތާލުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢު ވެލިދޫގައި މިއަދު ހަވީރު އެމަނިކުފާނު އިފްތިތާޙުކޮށްދެއްވިއެވެ. އަދި އެމަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.