ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ވޮލަންޓިއަރޒް ކޯ މިއަދު ހެނދުނު ހުޅުއްވައި ދެއްވައިފިއެވެ. މިތަން ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަތީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފެވެ. ޔޫތު މިނިސްޓްރީގެ ބައެއްގެ ގޮތުގައި މިތަން ހިނގަމުންދާނީ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ޢިމާރާތް ހެންވޭރު ބްލޫހެވަންގައެވެ.

މޯލްޑިވްސް ވޮލަންޓިއަރޒް ކޯގެ އަމާޒަކީ، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ހިންގޭ އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަރައްޤީއާ ގުޅިފައިވާ އެހެނިހެން މަޝްރޫޢުތަކުގެ ބައެއް ދާއިރާތަކުގައި ވޮލަންޓިއަރިޒަމްގެ އުސޫލުން ފަންނީ އަދި ހުނަރުވެރި ޒުވާނުން ބައިވެރިކުރުވުމެވެ.

މޯލްޑިވްސް ވޮލަންޓިއަރޒް ކޯ އިފްތިތާޙް ކޮށްދެއްވީ ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މިޖަމާޢަތް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދީ، އަމިއްލައަށް އެދިގެން ހިލޭ ސާބަހަށް މަސައްކަތްކުރުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ކަމެއް ކަމަށާއި، ޚާއްޞަކޮށް އެހީދެވޭވަރުގެ ފޯރުންތެރިކަން ހުރި މިސްމީހުން އެކި ނަންނަމުގައި ވަރަށް ބޮޑެތި އެހީތައް ވެދެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް ވޮލަންޓިއަރޒް ކޯގެ ބޭނުމަކީ، ރާއްޖޭގައި އެކަކު އަނެކަކާ އަޅާލުމުގެ ރޫޙު މިހާރަށްވުރެވެސް ބޮޑުކުރައްވައި ވަރުގަދަކުރެއްވުމާއި، އަޅުގަނޑުމެންގެ ތެރޭގައި ހިލޭސާބަހަށް މަސައްކަތް ކުރުމަކީ، އެންމެންވެސް ޝައުޤުވެރިވާ އަދި ޤައުމު ތަރައްޤީ ކުރުމުގައި އެންމެންވެސް ޝާމިލުވެ ބައިވެރިވެވޭނެ ގޮތެއް ހެއްދެވުން ކަމުގައި ނައިބު ރައީސް ޑޮކްޓަރ ވަޙީދު ވިދާޅުވިއެވެ. ވޮލަންޓިއަރޒް ކޯ ގައި ޒުވާނުންނަށް ޚާއްޞަ އަހަންމިއްޔަތެއް ދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފް ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް ވޮލަންޓިއަރޒް ކޯ އުފެއްދެވުމުގެ މައިގަނޑު މަޤްޞަދުގެ މައްޗަށް ބައްލަވާލެއްވިއެވެ.