ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ޕާޓީތައް ވާދަކުރި ރިޔާސީ އިންތިޚާބުގެ ނަތީޖާ ދެއްކި މަގަށް ރާއްޖޭގެ އެންމެހާ ކަންކަން ބަދަލުވެގެންދިޔަ އެންމެ ބޮޑު ސަބަބަކީ، އެމް.އެންޑީ.އެފް.ގެ އެންމެހާ ބޭފުޅުންގެ ދުރު ވިސްނުންފުޅާއި ޙިކްމަތްތެރިކަމާއި ކެތްތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމް.އެން.ޑީ.އެފް.އިން ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޙަފްލާއަކީ، ދުވާފަރަށް މީހުން ބަދަލުކުރުމުގަޔާއި، ގާމާދޫގައި ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގަޔާއި، ފޭދޫފިނޮޅުގައި ލުއިޖަލެއް ހެދުމުގައި ދިވެހި ސިފައިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވި ޙަފްލާއެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމަށްޓަކައި އަދި ދިވެހި ރައްޔިތުންނަށްޓަކައި ދިވެހި ސިފައިން ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދްމަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މިއައި ބޮޑެތި ބަދަލުތަކާއެކުގައި، އެނިޒާމު އެގޮތަށް ހިންގަން ފެށުމުގައި އަޅަން ހުރި ފިޔަވަޅުތަކާއި ގެންނަވަން ހުރި ބަދަލުތައް ގެންނަވައި، އެތައް ގޮތަކުން ސާބިތުކަމާއި އިތުބާރާއި ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު މިއަދުގެ ސަރުކާރު ހިންގުމުގެ ހުރިހާ ކަންކަން މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި ތަރުތީބުވެއްޖެ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަމުގައި ދިވެހި ސިފައިން އަދާކުރެއްވި ދައުރު ވަރަށް ބޮޑު ކަމަށާއި، ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ސިފައިން އަދާކުރެއްވި ދައުރު ވަރަށް މަތިވެރި ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ ވާހަކަފުޅުގައި، އެމް.އެން.ޑީ.އެފް.ގެ މަސައްކަތްތައްވެސް ލާމަރުކަޒީ އުސޫލުން ހިންގެވުމަށް ނިންމަވައި އެކަމުގެ ޢަމަލީ މަސައްކަތްޕުޅުތައް ފަށްޓަވާފައިވާކަންވެސް ބަޔާންކުރެއްވިއެވެ.

މިޙަފްލާގައި އެމް.އެން.ޑީ.އެފް.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މުޙަންމަދު ނަޝީދަށް ހަނދާނީ ފިލައެއް އެރުވިއެވެ. އެމަނިކުފާނަށް މިހަނދާނީ ފިލާ އެރުވީ އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ، ބްރިގޭޑިއަރ ފަރުހަތު ޝަޙީރު ޢައްޔަނު ކުރައްވައި، އެމަގާމު ފަރުޙަތު ޝަޙީރާ ހަވާލުކޮށްދެއްވުން ރޭގެ ޙަފްލާގައި އޮތެވެ. މަގާމު ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ މުޙަންމަދު ނަޝީދެވެ.

ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

މިޙަފްލާގައި ނާއިބު ރައީސް މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިޞަލާއި، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލާއި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންގެ އިތުރުން އެމް.އެން.ޑީ.އެފް.ގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުން އަދި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.