އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި، ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރަށާއި، އޮސްޓްރޭލިއާ ސަރުކާރަށާއި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.