بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.


ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް، ވައިސް ޗެއަރ ޕަރސަން ޢާއިޝަތު ޝަރޫނާ ޝައުޤީ، ސައިރިކްސް ކޮލެޖްގެ ކައުންސިލް މެންބަރުން، ކޮލެޖްގެ ލެކްޗަރަރއިންނާއި، ހީވާގި މުވައްޒަފުން، އެންމެހައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

 

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، މިރޭ މި ޙަފްލާގައި ދަސްވެނިވި ދަރިވަރުންނަށް ތަހުނިޔާ ދެންނެވުން. ތިޔަ ހުރިހާ ދަރިވަރުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، މަތީ ވަނަތައް ޙާޞިލުކުރި ދަރިވަރުން، ތިޔަ ކުރެއްވި މިންނެތް މަސައްކަތް ފާހަގަކޮށް، އެންމެހައި ފަރާތްތަކަށް ތަހުނިޔާ ދަންނަވަން.

 

އާދެ، ސައިރިކްސް ކޮލެޖަކީ ދިވެހިރާއްޖޭގެ ވަޒީފާގެ މައިދާނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ވަރަށް މުހިއްމު މަރުކަޒެއް. އާދެ، ވޭތުވެދިޔަ ފަންސަވީހަކަށް އަހަރުގެ ތެރޭގައި، ތޭވީސްހާހަށްވުރެ ގިނަ ދަރިވަރުން، ސައިރިކްސް ކޮލެޖްގެ ހިޔާގެ ދަށުން ދަސްވެނިވެގެން ދިޔުން އަޅުގަނޑު މިއަދު ފާހަގަކޮށް، އެ މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރަން.

 

އާދެ، ރާއްޖޭގައި ތިބެގެން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރޒްއާ ހަމަޔަށް ކިޔެވުމުގެ ފުރްޞަތު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސައިރިކްސް ކޮލެޖުން ކުރައްވާ މަސައްކަތް ފާހަގަކޮށް، އެކަމާ އަޅުގަނޑުމެން ނުހަނު ބޮޑަށް އުފާކުރާ ވާހަކަ ދަންނަވަން.

 

އާދެ، ކިޔެވުމުގެ އިތުރުންވެސް، އިތުރު ޙަރަކާތްތަކާއި، ކިޔެވުމުގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް އެކްސްޕޯޝަރ ދަތުރުތައް ރާވައި ހިންގައި، މި ކުޑައިގެ ދަށުން ދަސްވެނިވެގެން މުޖުތަމަޢަށް ނުކުންނަ ދަރިވަރުންނަކީ، ޤާބިލު ބަޔަކަށް ހެދުމަށްޓަކައި ތިޔަ ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، ސައިރިކްސް ކޮލެޖުގެ އިސް ވެރިންނަށް ޚާއްޞަ ޝުކުރެއް އަދާކުރަން.

 

އާދެ، ހަމަ މިއާއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. މިއަދުގެ ސަރުކާރުން ތަޢުލީމީ ޤާބިލު ޖީލެއް އުފެއްދުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް. އާދެ، މީގެކުރިން މި ސްޓޭޖުގައި ފާހަގަކުރެވިގެން ގޮސްފި، ފަސްޓް ޑިގްރީ، އާދެ، ހިލޭ ކިޔެވޭނެ ފުރްޞަތު، މި ސަރުކާރުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައިވެސް ހަމަޖެއްސި ވާހަކަ. އާދެ، މިކަމަށްޓަކައި އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނު ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއަށް، ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ވަރުގަދަ ޖީލެއް އުފެއްދުމަށްޓަކައި އެ ދެއްވާ ސަމާލުކަމަށްޓަކައި ތިޔަ އެންމެހައި ބޭފުޅުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން.


އާދެ، އަޅުގަނޑުމެންނަށް މިރޭ އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑަށް މިރޭ މި ޖަލްސާ މި ވެގެންދިޔައީ ވަރަށް ތަފާތު ޖަލްސާއަކަށް. އާދެ، ވަރަށްގިނަ ނަޞޭޙަތްތަކެއް، ވަރަށްގިނަ އިރުޝާދުތަކެއް ލިބިގެން ގޮސްފި. އާދެ، މަތީ ތަޢުލީމު ދިނުމުގައި ހުރި ގޮންޖެހުންތަކަކީ އެއީ މިއަދުގެ ސަރުކާރުން އަބަދުވެސް އެކަންތައްތައް ބަލައި، ދިރާސާކޮށް، ސަރުކާރަކުން ޤައުމެއްގެ މަތީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް، ހަމަ ޔަޤީނުންވެސް ކޮށްދޭނެ ކަމެއް.

 

އާދެ، ޤައުމަކަށް އެންމެ މުހިއްމުވާނީ، ތަޢުލީމީ ޖީލެއް އުފެދިގެންދިޔުން. އާދެ، މިރޭ ދަސްވެނިވި އެންމެހައި ދަރިވަރުންނަށް އަދި ތިޔަ ދަސްވެނިންނަށް އަޅުގަނޑު ކުރާ އިލްތިމާސަކީ، ތިޔަ ކުދިންނަށް ލިބުނު ޢިލްމުގެ ބޭނުން، ތިޔަ ކުދިން ހެޔޮގޮތުގައި ހިއްޕަވާށޭ. އާދެ، އެންމެ ފައިދާހުރިގޮތުގައި ތިޔަބޭފުޅުންގެ ވަގުތުތައް ހޭދަކުރައްވާށޭ. އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ، ތިޔަ ދަރިވަރުންނަށް ލިބުނު ފިލާވަޅުތަކާ އެއްވަރަށް، ބުއްދީގެ ވިސްނުން ތަރައްޤީ ކުރުން. އެހެނީ ވިސްނުން ތަރައްޤީވެގެން އަންނަނީ، ބުއްދިއާއި، ވިސްނުން ތަރައްޤީކުރި މިންވަރަކުން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަކީ ކަންކަން ހޯދައި ބަލާ ބަޔަކަށްވާން. ޤައުމުގައި ހިނގާ އެންމެހާ ކަންތައްތަކަށް ނަޒަރު ހިންގަން އެބަޖެހޭ.

 

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ކިޔަވައިގެން ސެޓްފިކެޓް ޙާޞިލުކޮށްފައި ތިބި މީހުން ވަރަށްގިނަ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް އިތުރަށް އަޅުގަނޑުމެންނަށް ބޭނުންވަނީ، ރިވެތި އާދަތަކާއި، ރިވެތި އަޚްލާޤާއި، އިޙްތިރާމާއެކު އެކަކު އަނެކަކާ ދޭތެރޭ މުޢާމަލާތު ކުރުން. އާދެ، މިއީ މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ކޮންމެ ދަރިޔަކުވެސް ވިސްނަންޖެހޭ ކަމެއް.

 

އާދެ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް. އަޅުގަނޑުމެންނަކީ ވަރަށް އެކުވެރި ބައެއް. އަޅުގަނޑުމެންނަކީ ޤައުމު ކުޑަނަމަވެސް، ވަރަށް ވިސްނުންތެރި، ޤައުމުދެކެ ލޯބިވާ ބައެއް. އެހެންވީމާ، ޤައުމު ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނާނެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ.

 

އާދެ، އަޅުގަނޑަށް މިވޭތުވެދިޔަ ދުވަސްތަކުންވެސް ވަރަށްގިނަ ރޭރޭ ފެނިގެން މިދަނީ މިފަދަ މުހިއްމު ޙަފްލާތައް. އާދެ، ވަރަށް ގަދައަޅައި ބުރަ މަސައްކަތްކޮށްގެން އެކިއެކި ވަނަތައް، ކުރިއަރައިދިޔުމަށްޓަކައި ހޯދާ މަންޒަރު. އާދެ، މިއިން ދައްކުވައި އެބަދޭ، އަޅުގަނޑު މި ދެންނެވި ގޮތަށް، ޤައުމު ތަރައްޤީ ކުރުމަށްޓަކައި ތިޔަ އެންމެހައި ފަރާތްތަކުގެވެސް ޢަޒުމެއްވާކަން.


އާދެ، ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަކީ އެއީ ވަކި ބަޔަކު ކުރަންޖެހޭނޭ ކަމެއްގެ ގޮތުގައި އެއްވެސް ހާލެއްގައި އޮވެގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ މަސައްކަތްތެރި ބަޔަކަށްވާންޖެހޭނެ. މަސައްކަތުގައި ހޭދަކުރާ ވަގުތުގައި، މަސައްކަތަށް ކޮންސެންޓްރޭޓް ކުރާ، އެފިޝަންޓްކަމާއެކު މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ.

 

އާދެ، ދެންމެ އަޅުގަނޑަށް އަޑުއިވިގެންދިޔަ، އަޅުގަނޑުމެންގެ ލައިފް އެކްސްޕެކްޓެންސީގެ، އާދެ، 70 ނުވަތަ 80 އަހަރުގެ ވާހަކަ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިގު ޢުމުރެއް ބޭނުންވޭ. އަޅުގަނޑުމެން ދުޅަހެޔޮކަމާއެކު، އަބަދުވެސް ތިބެން ބޭނުންވާ އެއް ސަބަބަކީވެސް ގިނަ ދުވަހު އަޅުގަނޑުމެން ހެޔޮ ކަންތައްތައް ކުރުމަށްޓަކައި ދެމިތިބުމަށް. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނަންޖެހޭނެ، އަޅުގަނޑުމެންގެ ޢުމުރަކީ އަޅުގަނޑުމެންނަށް އެއްވެސް ހާލެއްގައި އެނގޭނެ އެއްޗެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ފާއިތުކުރާ ކޮންމެ ދުވަހަކީ ހެޔޮ ކަންތައްތަކެއް ކުރުމާއެކު، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގައި، އަޅުގަނޑުމެން ކުރާ މަސައްކަތް ފަރުވާތެރިކަމާއެކު ރަނގަޅަށް ކުރުމުގައި ހޭދަކުރާ ދުވަހަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ.

 

އާދެ، އަޅުގަނޑަށް އެނގޭ، މިރޭގެ ވަގުތު ތަންކޮޅެއް ދަންވެސްވެއްޖެކަން. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ފެންނަ، ގަބޫލުކުރެވޭ ރަނގަޅު ވާހަކައެއް ދެއްކުމަކީ އެއީ އަޅުގަނޑު ގަބޫލުކުރަނީ އެއީ ހަމަ ކުރަންޖެހޭނެ ކަމެއް ކަމަށް. އާދެ، އަޅުގަނޑު، އަޅުގަނޑަށް ލިބުނު ނަޞޭޙަތުގެ އަޑުއަހައިފިން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކޮންމެ ކަމެއްވެސް ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ކަމެއްގެ ގޮތުގައި.

 

އެހެންވީމާ، ތިޔަ ދަރިވަރުންނާއި އަދި ބެލެނިވެރިންނާއި، އަދި ތިޔަފަރާތަށް ކިޔަވައިދެއްވި މުދައްރިސުންގެ އަޑުވެސް، ތިޔަބޭފުޅުންގެ، އަޅުގަނޑުމެންގެ މި ޤައުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް އަޑުއަހާނެ. އަޅުގަނޑުމެންނަކީ މަޝްވަރާކޮށްގެން ކަންތައްތައް ކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވާން އެބަޖެހޭ.

 

އާދެ، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް. އަޅުގަނޑު މިރޭ ތިޔަ އެންމެހައި ފަރާތްތަކަށް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުންތައް އަރިސްކުރަން. އާދެ، މި ވަގުތަކީ މިއީ އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން ރުޅިވެރިކަން ދޫކޮށްލަންޖެހޭ ވަގުތޭ. އަޅުގަނޑުމެންގެ އެކުވެރިކަން އަނެއްކާވެސް އަޅުގަނޑުމެން އިތުރަށް ވަރުގަދަކުރަންޖެހޭ ވަގުތޭ.

 

އާދެ، އަޅުގަނޑު މި ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އަޅުގަނޑުމެންނާ ކުރިމަތިވެފައި ހުރި އެކިއެކި ދަތި އުނދަގޫތަކާއި މައްސަލަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށްބޮޑު، ވަރަށް އަގުބޮޑު، އަގުހުރި ވަގުތުތަކެއް ވަނީ ދޫކޮށްލެވިފައި.

 

އާދެ، މި ވަގުތަކީ މިއީ އަޅުގަނޑު ދަންނަވާނީ މުޅި ޤައުމުގެ ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްކޮށް، އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ ޤައުމަށް ހޯދުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ވަގުތޭ. މީސްކޮޅު މަދުނަމަވެސް، އަޅުގަނޑުމެންގެ ޒުވާނުންނަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަކީ ޙަޤީޤަތުގައިވެސް ހޭލުންތެރި ބައެއް. ޙަޤީޤަތުގައިވެސް ޢިލްމީ، ޤާބިލު ރައްޔިތުން މި ޤައުމުގެ ނިސްބަތުން، އަޅުގަނޑު ދަންނަވާނީ، މިއަދު ދުނިޔޭގެ ޤައުމުތަކާ އަޅައި ބަލައިފިކަމަށްވަންޏާ މަދެއް ނުވާނެއޭ.

 

އެހެންވީމާ، މިއަދު އަޅުގަނޑު ތިޔަ އެންމެހައި ދަރިވަރުންނަށް އަދި އެންމެހައި ބޭފުޅުންނަށް ހަމަ އިލްތިމާސްކޮށްލަން އޮތީ ޤައުމުގައި ހުރި، ވަކިން ޚާއްޞަކޮށް އިޖުތިމާޢީ ގިނަ ކަންތައްތަކަށް ވިސްނަވާށޭ.

 

އާދެ، ތަރައްޤީއަކީ ހަމައެކަނި ބިންގާ އަޅާފައި މައްޗަށް ނަގައިލެވޭ އުސް އިމާރާތަކުން ފެންނަ އެއްޗެއް ކަމުގައި ގަބޫލުކުރުމަކީ އެއީ މި ޤައުމުގައި މިއޮތް ޖީލުފަދަ ޖީލެއް ގަބޫލުކޮށްގެން ވާނެ ކަމެއްނޫން. ތަރައްޤީއަކީ ތިޔައީ. ތަރައްޤީއަކީ ތިޔަގޮތަށް ތަރައްޤީވެގެންދާ ސިކުނޑިތަކެއް. ތަރައްޤީއަކީ ޤައުމެއްގައި އޮންނަ ހަމަޖެހުން. ތަރައްޤީއަކީ އަޅުގަނޑުމެންނަށް އަމާންކަމާއެކު، އެ ޤައުމެއްގައި އުޅެވޭނެ މާޙައުލު ތަނަވަސްވެގެންދިޔުން. ތަރައްޤީއަކީ އިންސާނީ ޙައްޤުތައް ކަށަވަރުވެ، އަންހެނުން ބާރުވެރިކުރުވައި، ކުޑަކުދިންނަށް ޙައްޤުތައް ހޯދައިދެވި، މާދަމާގެ މުސްތަޤްބަލަށް އެ ކުދިން ތައްޔާރުކުރެއްވުން. އަޅުގަނޑުމެންނާ ހަމަޔަށް މިއަދު މި ފެންނަ ތަރައްޤީ އަޅުގަނޑުމެންގެ ޤައުމަށް ގެނެސްދެއްވި ޢުމުރުން ދޮށީ ފަރާތްތަކުގެ މަތިން ހަނދާންކޮށް، އެ ފަރާތްތަކަށް އަޅައިލުމާއި، ކުލުނާއި ލޯބި ހޯދައިދިނުން.

 

އާދެ، މިއީ ދިވެހި އެންމެހައި ރައްޔިތުންގެ ޤައުމު. މަގުމަތީގެ އަދަބުތަކާއި އަޚްލާޤު މިއީ އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ ކަންތައް. މި ޤައުމުގައި މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއްކަމަކީ މަގުމަތީގައި ހިނގުމުގަޔާއި ދުއްވުމުގައި ދިމާވާ އެކިއެކި އެކްސިޑެންޓްތަކުން ދުނިޔެ ދޫކޮށްލާފައިވާ އަދަދު، ނޫނީ ވަރަށް ހިތާމަވެރި އެކިއެކި ހާދިސާތައް ހިނގައި، އެ ލިބިގެންދާ އަނިޔާތައް. މިއީ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން ދިމާވާ ކަންތައްތައް.

 

އަޅުގަނޑުމެން އެބަޖެހޭ، މި ކުޑަކުޑަ މާލޭގައި އަދި ދިވެހިރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިކަންތައްތައް ރަނގަޅުކޮށް، ގަދައަޅައި މިކަންތައް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން. އެއްވެސް ކަމަކީ އަޅުގަނޑުމެން ހެޔޮ ނިޔަތުގައި ތެދުވެރިކަމާއެކު، ރަނގަޅަށް ކޮށްފި ކަމަށްވަންޏާ، ކާމިޔާބުނުވާނެ ކަމެއް ނޫންކަން، ތިޔަ ދަރިވަރުން މިރޭ ސާބިތުކޮށްދެއްވާފައި ވަނީ.

 

އާދެ، އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ދޫ ދޭ ބަޔަކަށް، ދޫކުރާ ބަޔަކަށް، އިޙްތިރާމު ކުރާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އެ ކަންތައް، ތިޔަ ދަރިވަރުން ނުކޮށްފި ކަމަށްވަންޏާ، ތިޔަ ދަރިވަރުން އެތައް ޤުރްބާނީއެއް ވެގެން، ތިޔަ ދަރިވަރުންގެ ޢާއިލާ އެތައް ޤުރްބާނީއެއް ވެގެން މިއަދު ތިޔަ ހޯދި ސަނަދުތަކުގެ ޙަޤީޤީ ބޭނުމެއް ނުލިބޭނެ.

 

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިންވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް، އެންމެހައި ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރަން އޮތީ، ޤައުމުގައި ހިނގާ އެންމެހައި ކަންތައްތަކާ ދޭތެރޭގައި ވިސްނާ ބަޔަކަށް ތިޔަ ކުދިން ވާށޭ. ކުރާ މަސައްކަތް ރަނގަޅަށް ކުރާށޭ. އެކަކު އަނެކަކަށް އިޙްތިރާމުކޮށް، މަގުމަތީގަޔާއި ގޭތެރޭގައި މީހުންނަށް އަޅައިލާ، ދޫ ދޭ ބަޔަކަށް އަޅުގަނޑމެން ވަމާ ހިނގާށޭ.

 

އާދެ، އަޅުގަނޑުގެ ދުޢާއަކީ، މިރޭ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް ބާއްޖަވެރި، އުފާވެރި މުސްތަޤްބަލެއް اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން. ދިވެހި ޤައުމަށް ވަފާތެރި، ތެދުވެރި ދަރީންތަކެއް އުފެއްދުމަށް އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވާށި! ހެޔޮލަފާ ޖީލެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ހެޔޮ ތައުފީޤު ދެއްވައި، ދިވެހިރާއްޖެއަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.