އާންމު ދިރިއުޅުމުގައާއި، ޚާއްޞަކޮށް ވަޒީފާގެ މާހައުލުގައި، އެކަކުގެ ޙައްޤު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ޙައްޤުގެ މަތިންވެސް ހަނދާންކުރުމަށް، ދިވެހިރާއްޖޭގެ ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށާއި ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މުޖުތަމައުގައި ހުންނަ ގިނަ މައްސަލަތަކަކީ އަދުލު އިންސާފު އިސް ނުކުރުމުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ މުއައްސަސާއަކަށް އެންމެ ބޭނުންވާނެ ކަންތައް ކަމަށާއި، ހަމަހަމަ ކަމާއި އޯގާތެރި ކަމާއެކު މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރުމަކީ މުއައްސަސާގެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސްކަތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ދިރިއުޅުމުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށްޓަކައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ބިދޭސީންގެ އަދަދު ގިނަކަން ފާހަގަ ކުރައްވައި، ބައެއް ސިނާއަތްތަކުގައި ބޮޑެތި މުސާރަދޭ މަތީ މަޤާމުތަކުގައި ބިދޭސީން މަސައްކަތްކުރާތަން ފެންނަކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމު ތަރައްޤީވެގެން ދާނީ އަދި އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނީ ތަފާތު އެކި ޤައުމުތަކުގެ، އެކި ކަހަލަ ތަޖުރިބާ ހުރި މީހުންނާ އެކުވެސް މަސައްކަތްކުރެވިގެންކަން ގަބޫލު ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖެއަކީ މިއަދު ހުނަރުވެރި ޒުވާން އާބާދީއެއް އޮތް ޤައުމެއް ކަމުގައި ވިދާޅުވެ، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީއާއި އިޤްތިޞާދީ ދުވެލީގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. މި ގޮތުން، ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައިވެސް ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ޤައުމުގައި ހިފެހެއްޓޭނެ ގޮތެއް ހެދުން މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި، ސަރުކާރުން އިތުރު އަހައްމިޔަތުކަމެއް ދީގެން ވަޒީފާތަކަށް ދިވެހި ޒުވާނުން ހޭނުމަށްޓަކައި ދޭންޖެހޭ އެކިއެކި ތަމްރީނުތައް ދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.