بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމަށްޓަކައި، އެންމެހައި ނިޢުމަތްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. މި އުފާވެރި މައްސަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ.

ރަމަޟާން މަހަކީ، އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވި ވަރަށް އަގުހުރި ރަނުގެ ފުރުޞަތެކެވެ. ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށްޓަކައި، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވައި، ޞަދަޤާތް ދިނުން އިތުރުކުރުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަމެވެ.

ރަމަޟާން މަސް އަޅުގަނޑުމެންނަށް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަތުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާއި، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިންމުކަމެވެ. ކެތްތެރިވުމާއި އަނެކުންނަށް މަޢާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން އަޅުގަނޑުމެންނަށް ބާރުއަޅާ އެންމެ މުހިންމު ކަންކަމެވެ. އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތަކެވެ.

އަޅުގަނޑުމެންގެ ކޮންމެ ކަމެއްގައި މި ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަކަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ޘަވާބަށް ވިސްނަވައި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ރާއްޖޭގެ އެންމެހައި ވިޔަފާރިވެރީންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މިފަދަ ބަރަކާތްތެރި މައްސަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، އިސްލާމްދީނުގެ އިޖްތިމާޢީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭނެއެވެ. މުޖުތަމަޢުގެ ރީތި ހަމަތަކާއި އަދަބުތަކަށް ޙުރުމަތްތެރިކޮށްހިތައި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫޙު އަށަގެންނެވުމަކީވެސް، އިސްލާމީ މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން އާލާކޮށް ދިރުވަންޖެހޭނެ ކަންކަމެވެ.

މި ބަރަކާތްތެރި މައްސަރުގެ ރޯދަ، އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށިއެވެ! މި މާތް މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ނަޞީބު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ!