بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ صَلَّى اللَّـهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ، މީޑިއާ ކައުންސިލްގެ މެންބަރުން، ދައުލަތުގެ ޢިއްޒަތްތެރީން، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ހީވާގި ނޫސްވެރީން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ހީވާގި ނޫސްވެރިންނަށް އަރިސްކުރުން. އާދެ، ހަމަ މި ފުރްޞަތުގައި ތިޔަ އެންމެހައި ނޫސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، ތިޔަ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ވޭތުވެދިޔަ އަހަރުތައް އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔައީ، ނޫސްވެރިކަމަށް ކަޅު އަނދިރި ދުވަސްތަކެއްގެ ގޮތުގައި. އާދެ، ރާއްޖޭގައި ނޫސްވެރިން އެ ޒިންމާ އަދާކުރައްވަމުން ގެންދެވީ ވަރަށްގިނަ ގޮންޖެހުންތަކަކާއެކު. އާދެ، ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ނޫސްވެރިކަމުގެ މަސައްކަތް ކުރަންޖެހުނީ.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، މި ބިރުވެރިކަމުގެ ތެރޭގައިވެސް ތިޔަބޭފުޅުން ވަނީ ވަރަށް ސާބިތުކަމާއެކު، ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރައްވާފައޭ. އާދެ، އެ ދަތި އުނދަގޫތަކުގެ ތެރޭގައި، ތިޔަބޭފުޅުން ކުރެއްވި މަސައްކަތަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މުޅި ދިވެހި ޤައުމުގެ ޙައްޤުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ކުރެއްވި ކަމެއްކަން ކަށަވަރު. އާދެ، އެކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑު މުޅި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ނޫސްވެރިންނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ނޫސްވެރިންގެ މަސައްކަތްތަކުން، ރެޔާއި ދުވާލު ތިޔަބޭފުޅުން ކުރެއްވި މަސައްކަތްތަކުން އޭގައި ރައްޔިތުންނަށް ކޮށްފައިވާ ފައިދާއާމެދު. އާދެ، ބައެއްފަހަރު ނޫސްވެރިންގެ ވާހަކަ ދެކެވޭއިރު، ނޫހެއްގައި އެއްޗެއް ލިޔާއިރު، ވަރަށްގިނަ ބަޔަކަށް ބައެއްފަހަރަށް މާނަކުރެވޭ، އެއީ ހަމައެކަނި ސިޔާސީ ވާހަކަތަކެއް ކަމަށް. އާދެ، އެހެނެއްނޫން އެކަންތައް ވެފައި އޮތީކީ.

ތިޔަބޭފުޅުން ކުރެއްވި މަސައްކަތަކީ އެއީ އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް އުފެއްދުމަށްޓަކައި ތިޔަބޭފުޅުން ކުރެއްވި މަސައްކަތެއް. އާދެ، ކުރީގައިވެސް ފާހަގަކުރައްވައިފި، ޤައުމެއްގައި، ޤައުމެއް ޑިމޮކްރަސީއަށް ވާސިލުވުމަށްޓަކައި އެންމެ މުހިއްމު އެއް އަސާސަކީ، ނޫސްވެރިކަން. ޙަޤީޤަތަކީ މިނިވަން ނޫސްވެރިކަމަކާނުލައި، ޤައުމަކަށް ދިރުމެއް ނާންނާނެ. ޤައުމެއްގައި ހަމަޖެހުމެއްވެސް ނާންނާނެ.

އަޅުގަނޑުމެންނަށް ތިޔަބޭފުޅުން އެ ކޮށްދެއްވި މަސައްކަތްތަކުން ކަށަވަރުވެގެންދަނީ އިންސާނީ ޙައްޤުތައް. އަދި ހަމައެއާއެކު، އެކިއެކި ކަންތައްތަކުގައި، ރައްޔިތުންނަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި އެކަންތައްތައް ކާމިޔާބު ކުރުމަށްޓަކައި ތިޔަބޭފުޅުން ކުރެއްވި މަސައްކަތް ވަރަށް ބޮޑަށް ޙިއްޞާކުރި.

އާދެ، މިނިވަން މީޑިއާއަކުން ކުރާ ކަންކަމަކީ، ދެފުށް ފެންނަ، ޒިންމާދާރު އަދި ޤާނޫނީ އިމުގެތެރޭގައި ހިމެނޭ ކަންކަންތޯ ބަލައި، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަކީ، މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތަކަށްވާހިނދު، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަމުންދަނީ ނޫސްވެރިކަން ކުރުމުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑުތަކުގެ ތެރޭގައި ޒިންމާދާރުކަމާއެކުތޯ ބަލަންޖެހޭ. އާދެ، އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ، މި މަސައްކަތްތައް ތިޔަބޭފުޅުން ކުރެއްވިއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ވަކިވަކި މީޑިއާތަކާއި، އަދި ނޫސްވެރިންނަށް އަމާޒުކޮށްގެން، އަޅުގަނޑު ދަންނަވާނީ، ނޫސްވެރިކަން އެއްކޮށް ނައްތައިލުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައި ވަނީ.

އާދެ، އެކަންތައް އަޅުގަނޑުމެން މިއަދު ކުށްވެރިކުރަން. އާދެ، ދިވެހިރާއްޖޭގެ މި ގޮންޖެހުންތަކާއެކު، އެ ބުރަ މަސައްކަތް ކުރެއްވިއިރު، އެކިއެކި ފަރާތްތައް ބޮޑެތި ޖޫރިމަނާތައްކޮށް، ބޮޑެތި ޢަދަދުތައް ދައްކަން އަންގައި، އަދި ނޫސްވެރިންނަށް ތަފާތު އެކި އަނިޔާތައް ލިބި، ޖަލުގެ ގޮޅިތަކުގެ އަނިޔާވެރިކަން ތަޙައްމަލު ކުރަންޖެހުނު.

އާދެ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މި ކަންތައްތަކުގެ ތެރެއިންވެސް އެއްވެސްވަރަކަށް ނޫސްވެރިން، މީޑިއާތައް ޖެހިލުންނުވެ، ޤައުމީ ޒިންމާ އަދާކުރައްވަމުންދިޔަ މަންޒަރު.

އާދެ، އަޅުގަނޑަށް ދެންމެ އަޑުއިވިގެންދިޔަ، މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި މި ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް. އެކަން ކުރުމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ދެމިތިބޭނަން.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަންޖެހޭ. މި ސަރުކާރުން، އާދެ، ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ، އާދެ، ތިޔަބޭފުޅުންވެސް އެ ފާހަގަކުރެއްވި ގޮތަށް، ނޫސްވެރިކަމަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުން، އާދެ، އަބުރުގެ ޤާނޫނު އުވާލުން. ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ބޭނުންކުރުމުގެ މާޙައުލު، އަލުން އިޢާދަކޮށްދިނުން.

އާދެ، އަޅުގަނޑު ހަމަ މި ފުރްޞަތުގައި، އަޅުގަނޑުމެން ހަމަ ދިވެހިރާއްޖޭގެ ހުރިހާ އެންމެންގެ ފަރާތުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ އެޅުއްވި ފިޔަވަޅު ފާހަގަކޮށް، އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ނޫސްވެރިކަމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރާއިރު، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ، އަޅުގަނޑުމެންނަށް ލިބިފައި އޮންނަ މިނިވަންކަމުގެ ބޭނުން އަޅުގަނޑުމެން އަބަދުވެސް ހެޔޮގޮތުގައި ހިފަންޖެހޭނެކަން. އަޅުގަނޑުމެންގެ މާޒީން ފެނިގެން ގޮސްފި، ލިބިފައި އޮންނަ މިނިވަންކަމެއްގެ، ލިބިފައި އޮންނަ އިޚްތިޔާރެއްގެ، ލިބިފައިވާ ބާރެއްގެ ބޭނުން، ނަހަމަގޮތުގައި ހިފައިފި ކަމަށްވަންޏާ، ކަންތައްތައް ވަމުންދާގޮތް. އާދެ، ނުރަނގަޅު ގޮތަކަށް ކުރާ ކަމެއްގެ ނިމުން އަންނަނީކީ ބުނެފައެއް ނޫން.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ދިވެހިރާއްޖޭގެ އެންމެހައި ނޫސްވެރިންނަށްވެސް ދަންނަވާލަން އޮތީ، މަސައްކަތްތައް ކުރުމުގައި، މަޢުލޫމާތު ފެތުރުމުގައި ވީހާވެސް ތެދުވެރިކަމާއެކު ޞައްޙަ މަޢުލޫމާތު ފެތުރުމުގައި ތިޔަބޭފުޅުން އެގޮތުގައި ތިއްބަވާށޭ. ވޭތުވެދިޔަ އަހަރުތަކުގައި ތިޔަބޭފުޅުން ދެއްކެވި މިސާލު ދެއްކެވުންމަތީގައި ތިޔަބޭފުޅުން މަސައްކަތް ކުރައްވާށޭ.

އާދެ، މި ސަރުކާރު އައިފަހުން އަޅުގަނޑު ދަންނަވާނީ، ނޫސްވެރިކަމަށް މި ލިބިގެންދިޔަ ޖާގަ، ނޫސްވެރިކަމަށް ލިބިގެންދިޔަ މިނިވަން މާޙައުލު، އާދެ، ދުނިޔޭގެ ރިޕޯޓަރޒް ވިތައުޓް ބޯޑަރޒްގެ ޕްރެސް ފްރީޑަމް އިންޑެކްސް އިން ދިވެހިރާއްޖެ ހޯދި ކުރިއެރުމުން އެކަނިވެސް ރަމްޒުކޮށްދޭ.

އާދެ، އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް، އެކި ނޫސްތަކުގައިވެސް ދިވެހިރާއްޖެއާ ދޭތެރޭގައި އެ ދެކެމުންދާގޮތް ބަދަލުވެގެންދާތަން. އާދެ، އަޅުގަނޑު ދަންނަވާނީ، މިކަންތައްތައް ކުރުމުގެ އެންމެބޮޑު އެއް ބުރަ އުފުއްލެވި ބޭފުޅުންނަކީ ހަމަ ތިޔަބޭފުޅުންނޭ.

އާދެ، ދިވެހިރާއްޖޭގައި ދިގު ތާރީޚެއްވޭ. ނޫސްވެރިކަމުގައި ގާތްގަނޑަކަށް 73 އަހަރުވަރު. މެދުކެނޑުމެއްނެތި ތަފާތު އެކި ނޫސްތައް، މަޖައްލާތައް ހިންގަމުން ގެންގޮސްފައިވޭ. އާދެ، އަބަދުވެސް މި ނޫސް މަޖައްލާތަކުން ނޫސްވެރިން، ޤައުމުގައި އެ ވަގުތު ހުންނަ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ގެންދިޔުމަށްޓަކައި، ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވޭ.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، މިއަދަކީ ދުނިޔޭގެ ކަންތައްތައް އަދި ޢަމްދުން އޮންނަގޮތުން، އަޅުގަނޑުމެންނަކީވެސް ދުނިޔޭގެ ހުރިހާ އެންމެންނާ ގުޅިލާމެހިފައިވާ ބަޔަކަށްވީތީވެ، އަޅުގަނޑުމެންގެ ތެރެއަށްވެސް އަޅުގަނޑުމެން ބޭނުންނުވާ ކަންތަކުގެ އަސަރު، ނޫނީ އޮއިވަރު އަންނާނެ. ކަމެއް ގޯސްވެގެންދާއިރު، ޤައުމެއްގައި އިޖުތިމާޢީ ކަންތައްތައް ރަނގަޅު ކުރަންޖެހޭ ވަގުތުތަކުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބަލައިލެވެނީ މީޑިއާއަށް.

އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ އަރިހުން އެދެން އޮތީ އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ރައްޔިތުންގެ އިތުރު ސަމާލުކަން، މިކަމަށް ގެނައުމަށްޓަކައި ތިޔަ ނޫސްވެރިން މިކަމުގައި ކުރިއަށްވުރެ ބުރަކޮށް، ބާރަށް މި މަސައްކަތް ކޮށްދެއްވާށޭ.

އާދެ، އަޅުގަނޑުމެން މިއަދު ފޯނު ހުޅުވައިލާއިރު، ނޫނީ އަޅުގަނޑުމެން ޓީ.ވީ ބަލައިލާއިރު އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ އަޅުގަނޑުމެންނަށް މި ވަދެވެނީ ހަމަ ސްކޫލެއްގެ ތެރެއަށޭ. ތިޔަބޭފުޅުންގެ މަސައްކަތުން އަޅުގަނޑުމެންނަށް ލިއްބައިދެނީ ވަރަށް އަގުހުރި ފިލާވަޅުތަކެއް.

އާދެ، މިއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި އިންތިހާ ދަރަޖައަށް ބޭނުންވެފައިވާ ކަމެކޭ. އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަ ދައްކައި، އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވާ، ރިވެތި އަޚްލާޤެއްގައި އަބަދުވެސް އުޅެން މަސައްކަތް ކުރަމުންދާ ބައެއް. ތިޔަބޭފުޅުންގެ މަސައްކަތްތަކުގައި އަޅުގަނޑު ހަމަ ވަކިން ޚާއްޞަކޮށް، ތިޔަބޭފުޅުންގެ އިތުރު ސަމާލުކަމެއް، އިތުރު މަސައްކަތެއް ކޮށްދެއްވުމަށް އެދި ދަންނަވާލަން އޮތީ، މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އިޖުތިމާޢީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް އެބަހުރިކަން. އޭގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނާ ބަރަކާތްތެރި ރަމަޟާން މަސް ކުރިމަތިވަމުން އަންނައިރު، ރަމަޟާން މަހަކީ އެއީ މަގުމަތީގައިވެސް އަދި ތަންތާނގައި ވަރަށް ގިނައިން އަޅުގަނޑުމެން އުޅެ، މަގުމަތީގެ ގޮންޖެހުންވެސް އިތުރަށް ބޮޑުވެގެންދާ މަހެއް.

މިގޮތުން އަޅުގަނޑުމެން މިއަދު ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންގެ މަގުމަތީގެ ރައްކާތެރިކަން، ހިނގާ މީހުންނަށާއި ދުއްވާ މީހުން އިތުރަށް ސަމާލުވާން ހިންގާ ހޭލުންތެރިކަމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަން އެބަޖެހޭ. އަދި އެ މަސައްކަތްތައް ތިޔަބޭފުޅުން ކޮށްދެއްވައިފި ކަމަށްވަންޏާ، އިތުރަށް ކުރައްވައިފި ކަމަށްވަންޏާ، އަޅުގަނޑު ގަބޫލުކުރަނީ މިކަމަށް އިތުރު ޙައްލުތަކެއް ލިބިގެންދާނެއޭ.

އާދެ، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، އަޅުގަނޑުމެން ކިތަންމެ ބޭނުންނުވިނަމަވެސް، މި ކުޑަކުޑަ ޤައުމުގައި، މި ކުދި ރަށްތަކުގައި، އަޅުގަނޑުމެންގެ މީސްކޮޅު މަދުއިރުވެސް ވަރަށް ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގަމުންދޭ. ތިޔަބޭފުޅުން، ރައްޔިތުންގެ ސަމާލުކަމަށް އިތުރަށް މިކަން ގެނެސްދެއްވާ. މަގުމަތީގައި ދުއްވާ މީހުން، ހިނގާ މީހުންނަށް އެބަ ޖާގަދޭންޖެހޭ. ހިނގާ މީހުން، ދުއްވާ މީހުންނަށް ޖާގަދޭން އެބަޖެހޭ.

އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، މިއީ އެތައް ހާސް، އެތައް ލައްކަ ބަޔަކު އަމާންކަމާއި ރައްކާތެރިކަމާއެކު ދިރިއުޅެންޖެހޭ ޤައުމެއްކަން. މިއީކީ ވަކި ބަޔަކަށް އޮތް ޤައުމެއް ނޫންކަމާއި، އެންމެންނަށް ހަމަހަމަކަމާއެކު، ހަމަޖެހިލައިގެން ޢާއިލާ ގޮވައިގެން، ކުދިން ގޮވައިގެން މަގުމަތީގައި ހިތްހަމަޖެހިގެން ސްކޫލަށާއި، ހޮސްޕިޓަލްތަކަށާއި ތަންތަނަށް ދެވޭނެ މާޙައުލު އޮންނަންޖެހޭކަން.

އާދެ، ހަމަ މިއާއެކު، އަޅުގަނޑުމެންގެ ޅަދަރީންނަށް އިތުރު ހޭލުންތެރިކަން ގެނެސްދީ، އަޅުގަނޑަށް ގަބޫލުކުރެވެނީ މި މަސައްކަތްތައް އިތުރަށް އަޅުގަނޑުމެން ކުރަން އެބަޖެހެޔޭ.

އާދެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައިވާ ދެ ނޫސްވެރިއެއްގެ ހަނދާން އައުކުރަން މިއަދު އެބަޖެހޭ. އެއީ ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި، ވަރަށް އިހާނެތި އަނިޔާވެރިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރ ޔާމީން ރަޝީދު. އެ ދެ ނޫސްވެރިން އަޅުގަނޑުމެންނާ ވަކިވުމަކީ، ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް، އަދި ހިތްދަތިކަމެއް. އަޅުގަނޑު އުއްމީދު ކުރަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ޙަޤީޤީ ކުށްވެރިން ހޯދައި، އެ ބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ ތިޔަ ކުރައްވާ މަސައްކަތް، ތިޔަބޭފުޅުން ބާރަށް ކުރިއަށް ގެންދަވާށޭ.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަކީ އެކުއެކީގައި އުޅެވޭނެ ބައެއްގެ ގޮތުގައި މިންވަރު ކުރެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.