بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ޚަބަރު ފެތުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ، ހުރިހާ ނޫސްވެރިންނަށާއި ނޫސްވެރިންގެ ޢާއިލާތަކަށް، އަދި ނޫސް އިދާރާތަކުގެ އެންމެހައި ވެރީންނަށާއި މުވައްޒަފުންނަށް، މަރުޙަބާ އާއި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، ރާއްޖޭގެ ނޫސްވެރިން ކުރައްވާ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް، އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.


ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ސަޤާފަތަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުމެވެ. މި ސަރުކާރު ފެށުނުއިރުވެސް، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ، [އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޤާނޫނު]ގެ ވަކިތަކުން ހިފަހައްޓައި، ކަސްތޮޅު އަޅުވައިފައެވެ. ނަމަވެސް ފެންނަން އޮތް ޙަޤީޤަތަކީ، އެކަން އެގޮތަށް ކުރުމުން، ރާއްޖެއަށް ލިބުނު މޮޅެއް، އަދި ސަރުކާރަށް ލިބުނު ފައިދާއެއް ނެތް ކަމެވެ.


ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ބަންދުކުރުމުން، މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި، ކޮރަޕްޝަނާއި ފަސާދަ ޢާންމުވިއެވެ. ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ޚިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔައެވެ. ނަތީޖާއަކަށްވީ، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް، މިދިޔަ 2018 ވަނަ އަހަރު ނިމުނުއިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުމެވެ.


މި ސަރުކާރު އުފެދުމަށްފަހު، އަޅުގަނޑު އެންމެ ފުރަތަމަ ތަޞްދީޤުކުރި ބިލަކީ އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލުކަން، ވަރަށް އުފަލާއެކު ފާހަގަކުރަމެވެ. އެ ޤާނޫނު އުވާލައި، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން، މި ސަރުކާރުން އަނބުރައި ހޯދައިދިނީ، މިނިވަން ނޫސްވެރިކަމުގެ ޒަރީޢާއިން، ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގައެވެ. ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަޤްޞަދުގައެވެ.


ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ، މިހާރަށްވުރެވެސް މިނިވަން ވެށްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ. ހަމައެއާއެކު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް، ސަރުކާރުން މި އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން، ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ، ވީހާވެސް ދެފުށް ފެންނަ ގޮތަށެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާގޮތް، ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.


ނޫސްވެރިކަމުގެ މިނިވަންކަމަށް މި ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ، އިންޓަރނެޓް ބްލޮގަރ ޔާމީން ރަޝީދުގެ ޢާއިލާއަށް އިންޞާފު ހޯދައިދިނުމެވެ. އެކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި، ކުރިއަށްދާނެއެވެ. އެ ދެ ޒުވާނުންގެ މަސައްކަތް ރަމްޒުކޮށްދެނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމު ކަމެވެ.


ދައުލަތެއްގައި ރައްޔިތުން ތިބުމުގެ ބޭނުމަކީ، އެ ދައުލަތުގެ ކަންކަމާމެދު، ޚިޔާލު ފާޅުކޮށް، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމެވެ. ދައުލަތެއްގައި ވެރީންތަކެއް ތިބުމުގެ ބޭނުމަކީ، ރައްޔިތުންގެ ފާޑުކިޔުންތައް އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ދައުލަތުގެ ކަންކަން އިޞްލާޙް ކުރުމެވެ. ޚިޔާލު ފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަކީ ޙައްޤަކަށްވާ ފަދައިން، އެ ޙައްޤާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވެސް ހުރިކަން ހަނދާން ކުރަންޖެހެއެވެ. އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި، ތެދު މަޢުލޫމާތު ފެތުރުމެވެ. އެ ޒިންމާއަށް އިހުމާލުވެއްޖެނަމަ، މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އާދެއެވެ.


ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ޤާއިމުކުރުމަށް، މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެއެވެ. ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރު ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، 22 ޕޮއިންޓުގެ ކުރިއެރުމަށް ހޯދައި، 120 ވަނައިން 98 ވަނައަށް ކުރިއަށް ޖެހިފައެވެ. ދިވެހި އެންމެހައި ނޫސްވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް އަރުވާނީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމެވެ. ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް، ޤާނޫނުތައް ނުހަދާނެ ކަމެވެ.


ދިވެހި ނޫސްވެރިކަމަށް އަޅުގަނޑު އެދެނީ، ވަރަށް އުފާވެރި، ވަރަށް ފާގަތި ކުރިމަގަކަށެވެ. ޤައުމުގެ ކަންކަން ހަމަ މަގުން ކުރިއަށް ގެންދިޔުމުގައި، ދިވެހި ނޫސްވެރިން ކުރާ މަސައްކަތްތަކަށް، މަދަދާއި ހެޔޮ ތައުފީޤު ދެއްވުން އެދި، މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.