بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.


މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، ފުވައްމުލައް ސިޓީގެ މޭޔަރ، ދައުލަތުގެ ވަޒީރުން، މުއައްސަސާތަކުގެ އިސްވެރިން، އަދި މި ރަސްމިއްޔާތު، ނޫނީ މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ވަގުތު ތަންނުދޭ، އަޅުގަނޑުމެންނަށް މާ ދިގުކޮށް މިކަންތައް ކުރިއަށް ގެންދާކަށް. އެހެންވީމާ، ވަރަށް ކުރުކޮށް އަޅުގަނޑު އެއްޗެއް ދަންނަވާލާނީ.

އާދެ، މިކަމަކީ މިއީ މަސައްކަތެއް އަދި ފެށިފައި އޮތް ކަމެއް ކަމަކަށްވީނަމަވެސް، އެކަންތައް ކުރިއަށް އިތުރަށް ގެންދިޔުމަށްޓަކައި ނުވަތަ އަލުން ފަށައިގަތުމަށްޓަކައި، ރަނގަޅު ގޮތަކަށް ފަށައިގަތުމަށްޓަކައި އަޅުގަނޑުމެން އެކަމުގެ ޔަޤީންކަން ނުވަތަ އެކަމުގެ އިތުބާރު، ނުވަތަ އެކަމާ ގުޅޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ގަބޫލުކޮށް، އެގޮތަށް ގެންދިޔުމަށްޓަކައި ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ކުރިމަތީގައި އެ ޔަޤީންކަން ދިނުމަށްޓަކައި ބޭއްވޭ، ދެން އަޅުގަނޑަކަށް ނޭނގެ ދަންނަވާނެ އެއްޗެއް. ކޮންމެ ކަމަކަށްވިޔަސް، އެއީ މިކުރާ ކަމަކީ.

އަޅުގަނޑު ދަންނަވާލާނީ، މި ސަރުކާރުގެ ވިސްނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އަބަދުވެސް ވިސްނުންފުޅަކީ، ރައްޔިތުންގެ ކަންތައްތައް ކުރުމުގައި، ރައްޔިތުންގެ ތަރައްޤީގެ މަޝްރޫޢުތަކާއި ކަންތައްތައް ކުރުމުގައި، ރައްޔިތުން ބޭނުންވާގޮތަށް އެކަމެއް ކުރުން. އަޅުގަނޑުމެން އެއްވެސް ހާލެއްގައި ގަބޫލެއްނުކުރަން، ވަކި ބަޔަކަށް ފެންނަ ގޮތަކަށް، ދެތިން ދުވަހަށް، ދެތިން މީހަކަށް ފެންނަ ގޮތަކަށް، ރައްޔިތުންގެ ކަންތައްތައް ކުރާނެ ކަމަކަށް. އެއީކީ މި ސަރުކާރުން ދުވަހަކުވެސް ކަންތައްތައް ކުރާނެ ގޮތެއްނޫން.

ދެން މަގުތައް ހެދުމުގެ މަޝްރޫޢު އަލުން ފަށައިގަންނައިރު، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނީ، ރައްޔިތުންނަށް އެންމެ ބޭނުންވާގޮތަށް މަގުތައް ތަރުތީބުވެގެންދާން. އެހެންވީމާ، އަޅުގަނޑު ހަމަ މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، މަގުތައް ހެދިގެން ދާނީ ޕްލޭނިންގ މިނިސްޓަރ އެ ވިދާޅުވިގޮތަށް، ރައްޔިތުން ބޭނުންވާގޮތަށް. އިރާދަކުރެއްވިއްޔާ ރަނގަޅު ޑިޒައިނަކަށް، މެއިންޓެނަންސް ފަސޭހަގޮތަކަށް، ދުއްވާ މީހުންނަށްވެސް ރައްކާތެރިކަން ލިބޭނެގޮތަށް އަދި ހިނގާ މީހުންނަށް، އެ ރައްކާތެރިކަން ދެވޭފަދަ ގޮތަކަށް މަގުތައް ޑިޒައިން ކުރެވިގެންދާނެ.

ކަންތައްތައް ކުރުމުގައި، މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ، އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި އޮންނަ ކައުންސިލާ އަބަދުވެސް މަޝްވަރާކޮށް، ގާތުން މަސައްކަތް ކުރުން. އެކަންތައްތައް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން.

ފުވައްމުލައް ސިޓީގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ހަމަ ޔަޤީންކަން އަރުވަނީ، އަޅުގަނޑުމެން މިއަދުގެ ސަރުކާރުން ވަރަށް ބޮޑަށް އެކަމަށް އިސްކަން އެބަދެމޭ. ކުރެވޭ ކޮންމެ ކަމެއްގައި ވަރަށްގިނަފަހަރު ގުޅައި މަޝްވަރާކޮށް، އަޅުގަނޑުމެން ކަންކަމަށް ޙައްލު ހޯދަމުން ދަނީ. އަޅުގަނޑުމެން ޔަޤީންކުރަން، ސިޓީ ކައުންސިލުން ކުރައްވައި ނިންމަވައި އަދި އަޅުގަނޑުމެންނާ ހަމަޔަށް ގެންނަވާ ކޮންމެ މަސައްކަތަކީ އެއީ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން، ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތަށް ނިމިގެން އަންނާނެ ކަންތައްތައްކަން.

ދެން އަޅުގަނޑަށް އެނގިއްޖެ މިއަދު، އަސްލަމްގެ ވާހަކަފުޅުން، މިހިސާބުގައި މިކަންތައް މިއޮތީ ކީއްވެގެންކަން. މީގައި އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑު ފުވައްމުލަކު ރައްޔިތުން ވަރަށް ރަނގަޅަށް ދަންނަން. ވަރަށް ކުރިއްސުރެ ދަންނަން. އަޅުގަނޑު އުފަންވީއިރުއްސުރެ ފެށިގެން އަޅުގަނޑު ދަންނަން. ވަރަށް ރަނގަޅަށް ދަންނަން.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ރައްޔިތުންނަށް ދަންނަވާލަން އޮތީ، ތިޔަބޭފުޅުންނަށޭ އެނގިވަޑައިގަންނަވާނީ، މަގުތައް ހެދުމުގައި އިސްކަންދޭންޖެހޭނީ ކޮން މަގުތަކަކަށްކަން. ތިޔަބޭފުޅުންނަށް އެންމެ ފަސޭހަވާނީ، އެންމެ ފުރަތަމަ ކޮން މަގުތަކެއް ހަދައިގެންކަން. އެއީވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެކޭ. ފިންޏަށް ދުއްވާލުމަށް މަގެއް ހެދުމަށްވުރެ ބޮޑަށް، ރައްޔިތުންގެ ޟަރޫރީ ކަންތައްތަކަށް، ސްކޫލަށާއި، ހެލްތް ސެންޓަރަށާއި، އެހެން ތަންތަނަށް ދިޔުމަށްޓަކައި ހުރި މަގުތައް ހަދަންތޯ އިސްކަން ދިނުން މުހިއްމުވާނީ، ނުވަތަ ފިންޏަށް ދުއްވައިލުމަށް މަގެއް ހެދުންތޯ. އެއީވެސް ރައްޔިތުން ނިންމަވާނެ ކަންތައްތައް.

އެހެންވީމާ، އަޅުގަނޑުމެން އެހިސާބުން އެކަންތައް ރައްޔިތުންނަށް ހަމަ ދޫކޮށްލާނީ. އެއްވެސް ކަމަކީ ބަދަލުނުގެނެވޭނެ ކަމެއްނޫން. ތަރައްޤީގެ ކަންތައްތަކަކީ ހުއްޓޭނެ ކަމެއްނޫން. ސަރުކާރެއް ދެމިއޮތްހާ ހިނދަކު، ވެރިޔަކު ހުރިހާ ހިނދަކު، ޤައުމެއްގެ ތަރައްޤީ އަބަދުވެސް ކުރިއަށްދާނެ. މަގުތައް ހެދުމެއް ނުހުއްޓޭނެ އިރާދަކުރެއްވިއްޔާ. ފުވައްމުލައް ސިޓީގެ މަގުތައް، މިނިސްޓަރ ވިދާޅުވިގޮތަށް، ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ އެ މަގުތަކުގެ މަސައްކަތް ކުރިއަށްދާނެ.

އަޅުގަނޑު ހަމަ އެންމެ ވާހަކައެއް އިތުރަށް ދަންނަވާލަން ބޭނުން. ފުވައްމުލައް ސިޓީގައިވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ އެކްސިޑެންޓްތައް ވަރަށްގިނަ ސިޓީއެއްގެ ގޮތުގައި. ރާއްޖޭގައި އެގޮތަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ރަށްތަކެއް އެބަހުރި. ހުރިއިރު، ފުވައްމުލައް ސިޓީ ހަމަ ވަރަށް ބޮޑަށް އެބަ ފާހަގަކުރެވޭ. އަޅުގަނޑަށް ވަރަށް ގިނައިން އަންހެން ބޭފުޅުންވެސް އެބަ ފެނޭ.

އަޅުގަނޑު ދަންނަވާލަން އޮތީ މިކަމަށް ހަމަ ސަމާލުވާންޖެހެޔޭ. ދުއްވުމުގެ ކަންތައްތަކަށް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ހަމަ އެންމެ ހަފްތާއެއްވެސް ނުދޭ، ސީރިއަސް އެކްސިޑެންޓެއް، ކޮންމެވެސް އެއް ތަނެއްގައި އެބަ ހިނގާ. މާލޭގައި ނޫނީ ލ.އަތޮޅުގައި، ލ. ގަމުގައި، ނޫނީ އައްޑޫސިޓީގައި، ހުޅުމާލެ، ނޫނީ ފުވައްމުލަކުގައި. ނޫނީ ބްރިޖުން ގުޅިފައި ހުރި ސަރަޙައްދުތަކުން. މިއީ އަޅުގަނޑުމެންނަށް ހަމަ ހުއްޓާލެވޭނެ ކަމެއް. މިއީ މިކަން އަޅުގަނޑުމެންނަށް އެވޮއިޑްކޮށް، ޕްރިވެންޓް، ރައްކާތެރިވެވޭނެ ކަމެއް.

އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ ޢަޒުމް ވަރުގަދަ ކުރައްވަން، ހަމަ ތިޔަބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު އެދެން. މަގުމަތީގައި ދުއްވުމުގައި ރައްކާތެރިވާންޖެހޭ. މަގުމައްޗަކީ ދުއްވާ މީހުންނާއި ހިނގާ މީހުންގެ ތަނެއްގެ ގޮތުގައި، އަމާންކަން، ރައްކާތެރިކަން އޮންނަ ތަނެއްގެ ގޮތުގައި، އަޅުގަނޑުމެން އެކަން ޔަޤީންކުރަން އެބަޖެހޭ. އެހެންވީމާ، މިކަމާ ސަމާލުވެ، ޓްރެފިކް ވައިލޭޝަން، އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންތައްތަކެއް ނޫން.

އެހެންވީމާ، ތިޔަބޭފުޅުން ޚާއްޞަ ސަމާލުކަމެއް މިކަމަށް ދެއްވުމަށް އަޅުގަނޑު އެދެން. މަގުތަކުގައި ތާރުއެޅި، ގާ އެޅި، ފަސޭހަވެގެންދާއިރު، އެ ފަސޭހަކަމުގެ ތެރެއިން އަނެއްކާވެސް ކޮންމެ ދުވަހަކު، ކޮންމެވެސް އެއް ކުއްޖެއްގެ ފުރާނަ، ނޫނީ އެ ކުއްޖާއަށް ވަރަށްބޮޑު ގެއްލުމެއް ލިބިގެން ދިޔުމަކީ، އެއީ އެއްވެސް މަޔަކު، ބަފަޔަކު ބޭނުންވާނެ ކަމެއްނޫން. އެހެންވީމާ، އެކަމަށް ސަމާލުވުމަށް އަޅުގަނޑު އެދެން.

އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ފުވައްމުލަކު ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑުމެން މިއަދު ހެނދުނު ވަރަށް މުހިއްމު މަސައްކަތްތަކެއް ފަށައިފިން. އަޅުގަނޑުމެން މިއަދު މި ޔަޤީންކަން ދެނީ، މަގުތަކުގެ ފަސޭހަކަން، ޢުމްރާނީ ތަރައްޤީ އިތުރަށް ބާރަށް ކުރިއަށްދާނެކަން.

އަދި އެހިސާބަކުންވެސް ނުނިމޭ. ދިވެހިރާއްޖޭގެ ތަރައްޤީގެ ގިނަގުނަ ކަންތައްތަކެއް އެބަހުރި. މި ސަރުކާރު އައީ، މި ސަރުކާރު، ތިޔަބޭފުޅުން ގެންނެވީ ހަމަ އެންމެ ބޭނުމެއްގައި. އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށްޓަކައި. ތަފާތުކުރުމެއްނެތި، ދެ ފުށް ފެންނަގޮތަށް، ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް އޭގައި ނުހިމެނޭގޮތަށް އެކަންތައްތައް ކުރަން.

އަޅުގަނޑު، ހުރިހާ މުއައްސަސާތަކުގެ ވެރިންނަށްވެސް ހަމަ ދަންނަވާލަން އޮތީ، މަސައްކަތް ކުރުމުގައި އެފިޝަންޓްކޮށް، ޕްރޮޑަކްޓިވްކޮށް މަސައްކަތް ކުރަން އެބަޖެހޭ. ކުރާ ކޮންމެ ކަމެއްގައި ޔަޤީންކުރަން އެބަޖެހޭ ނަޒާހަތްތެރިކަން. ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް، ވަޒީފާ ދިނުމުގައިވެސް އެކަންތައްތައް ކޮށްގެން ނުވާނެ. ވަޒީފާއަށް އިންޓަރވިޔު ކުރުމުގައިވެސް އެކަންތައްތައް ކޮށްގެންނުވާނެ. ވަކި މީހަކަށް، ވަކި ތިމާގެ މީހަކަށް، ގާތް މީހަކަށް ވަޒީފާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް ޢަމަލެއް، އެކަހަލަ ކަމެއް ކޮށްގެންނުވާނެ. އެކަންތައްތައް އަޅުގަނޑުމެން ކުރާހާ ހިނދަކު، އަޅުގަނޑުމެންނަކީ ތަހުޒީބު، ތަރައްޤީވެފައި ތިބި ބައެއްގެ ގޮތުގައި ނުވާނެ.

އެހެންވީމާ، މިއަދު ދިވެހި ރައްޔިތުންނަށް މި ފެންނަ ތަރައްޤީތަކާއި، އަޅުގަނޑުމެންނާއި ބޭރު ދުނިޔެއާ ގުޅިފައި އޮތް މިންވަރަށް ބަލާއިރު، އަޅުގަނޑުމެންނަކީ ވިސްނުންތެރި ބައެއް. ތަޢުލީމީ ބައެއް. ޤާބިލު ބައެއް.

އެހެންވީމާ، އަޅުގަނޑުމެން ޖެހޭނީ ނާތަހުޒީބީ ކަންތައްތައް ދޫކޮށްލަން. ޒާތީ ކަންތައްތައް ދޫކޮށްލަންޖެހޭނެ. ތިޔަބޭފުޅުން ގޮތެއް ނިންމަވާފައި މިއޮތީ. އަދި މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ތިޔަބޭފުޅުން ވަނީ ވަރަށްބޮޑު ނިންމުމެއް ނިންމަވާފައި.

އެހެންވީމާ، އަޅުގަނޑުމެން މިތިބީ ރައްޔިތުންނާއެކު. ދިވެހި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު މަސައްކަތް ކުރައްވަނީ. ކުރިންވެސް އަޅުގަނޑު ދަންނަވައިފިން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާ ވާހަކަ. އޭގެ މައްޗަށޭ، ކޮންމެ ކަމެއްވެސް ކުރަމުންދާނީ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިންވެސް، އެ ޔަޤީންކަން ދެމުން، އަޅުގަނޑު ދަންނަވާލާނީ ހަމަ އަޅުގަނޑުމެން އަބަދުވެސް ތިޔަބޭފުޅުންގެ ޚިދުމަތުގައި ރެޔާއިދުވާލު، ސައުވީސް ގަޑިއިރު ތިބެން އެއްވެސް ވަރުބަލިކަމެއްނެތޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި، އަދި ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި، މުޅި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްކަން މިންވަރު ކުރެއްވުން. އަދި މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކަށް އަމާންކަމާއި ރައްކާތެރިކަން މިންވަރު ކުރައްވައި، ހެޔޮގޮތުގައި މަގުތައް ބޭނުންކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.