بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށާއި، އެ މާތް ނަބިއްޔާގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.


މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން، ފުވައްމުލައް ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފް، ދައުލަތުގެ ވަޒީރުން، ސްޓޭޓް މިނިސްޓަރުން، ހޮސްޕިޓަލްގެ ޚިދުމަތްތެރި ޑޮކްޓަރުންނާއި ނަރުހުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

 

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

އާދެ، އަޅުގަނޑު ދަންނަވާލާނީ މި ސަރުކާރުގެ މަސައްކަތް ފެށިގެން އައީވެސް، ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ފަށްޓަވައިދެއްވި ހަށިހެޔޮ، ދުޅަހެޔޮ ޙަރަކާތުން. އާދެ، އެކަންތަކުން އެބަ ރަމްޒުކޮށްދޭ ދިވެހި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތު.

 

އާދެ، މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ، މުޅި ދިވެހިރާއްޖޭގައި ޞިއްޙީ ކަންތައްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި އެމަނިކުފާނު އެ މަސައްކަތަށް ދެއްވާ ސަމާލުކަން.

 

އާދެ، އެގޮތުން އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި، އަޅުގަނޑުމެން މި ދެކެނީ، ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަންމަތީގައި ދިރިއުޅުމަށްޓަކައި، މިހާރުހުރި ގޮންޖެހުންތައް ނައްތައިލުމަށްޓަކައި އިތުރަށް ޚިދުމަތްތައް ފުޅާކުރުން.

 

އާދެ، އަޅުގަނޑު ދަންނަވާނީ މިއަދަކީ މިއީ އަޅުގަނޑަށްވެސް ވަރަށްބޮޑު އުފަލެއް ލިބޭ ދުވަހެކޭ. މި ރަށުގައި، ފުވައްމުލަކުގައި މިފަދަ ޚިދުމަތެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އަޅުގަނޑަށް ތިޔަބޭފުޅުންނާ އެއްކޮށް ބައިވެރިވެވޭކަމީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަދި އެއަށްވުރެ މާބޮޑު އުފަލެއް އަޅުގަނޑަށް ލިބެނީ އިތުރު ޚިދުމަތެއް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެވޭތީ.

 

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ އިރާދަކުރެއްވިއްޔާ މި ސަރުކާރުން މިއަދުގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ރެޔާއިދުވާލު މަސައްކަތް ކުރާނަމޭ. ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ އެއްވެސް ރަށެއް، އެއްވެސް ރައްޔިތެއް ތަފާތުކުރުމެއްނެތި، އެ މަސައްކަތް އަޅުގަނޑުމެން ކުރަމުންދާނަމޭ. އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތަކީ އެއީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް ވާޖިބެއް. މިއީ އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ކަމެއް. މިއީކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން، ކުރީގައި ވަކި ކަންތައްތަކެއް ކޮށްފައި އޮތީތީވެ، ނުވަތަ އަޅުގަނޑުމެން، ވަކި ކަމެއް ކުރެވުނީތީވެ ކުރާ ކަމެއްވެސް ނޫން ހަމައެކަނި. މިއީ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާ.

 

އެހެންވީމާ، އަޅުގަނޑުމެން މިއަދު ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަދި ހަމަ އެއާއެކު ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަން އަރުވަނީ، އިރާދަކުރެއްވިއްޔާ، މި ސަރުކާރު، ރައްޔިތުންގެ ކަންތައްތަކުގައި މެދުކެނޑުމެއްނެތި ޚިދުމަތް ދިނުމަށްޓަކައި އަޅުގަނޑުމެން ދެމިތިބޭނަމޭ.

 

އާދެ، ކަންތައްތައް ކުރުމުގައި ރީތި ގޮތްތައް އަޅުގަނޑުމެން ހޯދާނަން. އެ ރަށަކަށް، ސިޓީއަކަށް، އަތޮޅަކަށް ދިމާވާ މައްސަލަތައް ހޯދާނީ ރައްޔިތުންގެ ކިބައިން. ރައްޔިތުން ބޭނުންވާ ގޮތަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކަންތައްތައް ކުރިއަށް ގެންދާނީ. އަޅުގަނޑުމެންނަކީ އެއްވެސް ހާލެއްގައި ފެންނަ ވަކިގޮތަކަށް ކަންތައްތައް ނިންމާނެ ބައެއްނޫން.

 

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކަށް އެއްފަހަރަށްވުރެ ގިނައިން، ވޭތުވެދިޔަ ހަމަސްދުވަހުގެ ތެރޭގައި ދަތުރުކުރައްވައިފި. އަޅުގަނޑުމެންވެސް މަދުން ނަމަވެސް އެބަ ރަށްރަށަށް ދަތުރުކުރަން. މީގެ ޙަޤީޤީ ބޭނުމަކީ، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ޚިޔާލުތައް ހޯދައި، އެންމެ އެދެވޭގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުން.

 

އާދެ، އަޅުގަނޑު ގަބޫލުކުރަނީ، މިއަދު މި ފެށްޓޭ ޚިދުމަތަކީ މިއީ ވަރަށް މުހިއްމު ޚިދުމަތެއް ކަމަށް. ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ފުވައްމުލަކު ހޮސްޕިޓަލްގައި ގިނަގުނަ ޚިދުމަތްތަކެއް ދެވިގެންދާނެ. އިތުރަށް ފުޅާކުރެވިގެންދާނެ. ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ.

 

އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، ރާއްޖޭގެ ގާތްގަނޑަކަށް ގިނަ ރަށްތަކަށް އަޅުގަނޑުމެންނަށްވެސް ދެވުނުއިރު، ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާގެ ކަންތައްތަކަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހިފައި އޮތްތަން. ޞިއްޙީ ޚިދުމަތްތެރިންނާއި، ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައި ހުރިކަން.

 

އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު އަޅުގަނޑުމެންނަށް ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރަން މިއަދު އޮތް ޓީމު، އެ ޓީމު ލީޑް ކުރައްވާ އެ ދާއިރާގެ މިނިސްޓަރ ޢަބްދުﷲ އަމީން، ވަރަށް ހީވާގިކަމާއެކު، ވަރަށް ޝައުޤުވެރިކަމާއެކު، މިކަންތައްތައް ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރައްވާ.

 

އެހެންވީމާ، އެއިން އަޅުގަނޑުމެންނަށް އިތުރު ޔަޤީންކަމެއް ލިބިގެންދަނީ، އަޅުގަނޑުމެންގެ މި ޓީމަށް ރަނގަޅު ކަންތައްތަކެއް ކޮށްދެވޭނެކަން.

 

އާދެ، އަޅުގަނޑުވެސް ހަމަ އެދެން. ރައްޔިތުންގެ ކިބައިންވެސް އެދެން. އަދި ހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިންވެސް އެދެން. އަޅުގަނޑުމެން ކަންކަމުގައި ކެތްތެރިވާންވާނޭ. އަޅުގަނޑުމެން މިއަދު މަޑެއްނުޖެހޭނަން. ފަހަތަށް އެއްވެސް ފިޔަވަޅެއްވެސް ނާޅާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކަންތައްތައް ރަނގަޅުކުރުންމަތީގައި ދެމިތިބޭނަން. ކަންތައްތައް ރަނގަޅުކޮށްފައި ނޫނީ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހުއްޓައެއްވެސްނުލާނަން.

 

ޞިއްޙީ ދާއިރާއަކީ މިއީ ވަރަށް ތަފާތު ދާއިރާއެއް، އެހެން ހުރިހާ ދާއިރާތަކަށްވުރެ. މީހަކު ބަލިވެގެން ހޮސްޕިޓަލަށް އަންނާނީ، ކޮންމެވެސް ސިފައެއްގައި. ކޮންމެ ކަހަލަ ކަމެއް ދިމާވިނަމަވެސް. އެންމެ ބޮޑަށް ބޭނުންވާނެ ކަމަކަށް އޮންނާނީ އޯގާތެރިކަން. ކުލުނު، އަޅައިލުން، ލޯބި.

 

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެންމެހާ ޞިއްޙީ ޚިދުމަތްތެރިންގެ ކިބައިން އަޅުގަނޑު އެދެން. ވަރަށް އޯގާތެރިކަމާއެކު، ވަރަށް ކުލުނާއެކު، ފަރުވާ ދިނުމުގައި ތިޔަބޭފުޅުން ދެމިތިއްބަވާށޭ. ރަނގަޅަށް، ރީތިކޮށް، ތިމަންނާގެ އަމިއްލަ މައިންބަފައިންނާއި، ދަރިންނާ މުޢާމަލާތު ކުރާގޮތަށް ލޯބިން، ކުލުނާއެކު މުޢާމަލާތްކޮށް، އެ ފަރުވާ ދެއްވާށޭ. އެއީ ޙަޤީޤަތުގައި ފަރުވާގެ އެންމެބޮޑު ބަޔަކަށް ވެގެން މިދަނީ އޯގާތެރިކަމާއެކު، ކުލުނާއެކު މުޢާމަލާތު ކުރެއްވުން.

 

އަޅުގަނޑު މިހެން ދަންނަވާއިރުވެސް، އަޅުގަނޑަށް އެނގޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ ބައެއް. އަޅުގަނޑަށް ޔަޤީންވެއްޖެ، އެކަންތައް މިހާރު. އެއީ ރާއްޖޭގެ މަދު ރަށަކަށް ނޫނީ ހުރިހާ ރަށަކަށް ދެވިއްޖެ. ގިނަ ހެލްތް ސެންޓަރުތަކަށް، ހޮސްޕިޓަލްތަކަށް ދެވިއްޖެ. އެހެން ނަމަވެސް، އަޅުގަނޑު މިއަދު އަޅުގަނޑުގެވެސް އެ ޒިންމާ އޮތްގޮތުން އެކަންތައް ހަމަ ހަނދާންކޮށްދިނުމަކީ އެއީ ކުރަންޖެހޭ ކަމަކަށްވާތީވެ، އަޅުގަނޑު ހަމަ އެ ވާހަކަ ދަންނަވާލީ.

 

އާދެ، މި ފުރްޞަތުގެ ގޮތުން އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑަށް އެބަ ފެނެޔޭ، މި ރަސްމިއްޔާތުގެ ތެރެއިން، ފުވައްމުލައް ސިޓީގެ އެހެނިހެން ޚިދުމަތްތަކުގެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންވެސް. އަޅުގަނޑު ހަމަ އެބޭފުޅުންގެ މަޢުލޫމާތަށްޓަކައިވެސް ދަންނަވާލަން އޮތީ އިރާދަކުރެއްވިއްޔާ، ޞިއްޙީ ދާއިރާ ފިޔަވައި އެހެނިހެން ދާއިރާތަކުގެ ކަންތައްތައްވެސް ބާރަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެއޭ. ތަޢުލީމީ ދާއިރާގެ ކަންތައްތައްވެސް އަޅުގަނޑުމެން ފުޅާކޮށް، އިރާދަކުރެއްވިއްޔާ އެކަންތައްތައް ރަނގަޅު ކުރާނަމު.

 

އާދެ، މެނޭޖަރުގެ ވާހަކަފުޅުގައި ވިދާޅުވި، ރައީސް ފާހަގަކުރެއްވި ކަންތައްތައް، ފެށިގެން މިއަދު ފައުންޑޭޝަން އެޅިގެންދާނެ ވާހަކަ. އަޅުގަނޑު ދަންނަވާލަން އޮތީ މިހާރުން މިހާރަށްވެސް ހޮސްޕިޓަލަށް، މި ވަގުތުން ވަގުތަށް ދިމާވެފައި ހުރި އެންމެ ބޮޑެތި ދަތިތައް ޙައްލުކުރުމަށްޓަކައި އެ މަޝްރޫޢާ ގުޅިގެން އިތުރު ކަންތައްތަކެއް މިހާރު ކުރުމަށް އަޅުގަނޑުމެންވާނީ ހަމަޖައްސާފައޭ. އިރާދަކުރެއްވިއްޔާ، އެކަންތައްތައްވެސް ހަމަޖެހިގެންދާނެ.

 

ދެން ހަމަ އެއާއެކީ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ސިޓީ ކައުންސިލާވެސް ވަރަށްގާތުން ސީދާ އަޅުގަނޑު ވާހަކަ ދައްކައި މަޝްވަރާ ކުރަމުން އެބަ ގެންދަން. ކުރިއަށް އޮތް އަހަރު މި ރަށަށް އެންމެބޮޑަށް ބޭނުންވާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންތައްތަކާއިގެން ކުރިއަށް ގެންދިޔުމަށް. އަޅުގަނޑުމެންގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ.

 

އަޅުގަނޑަށް ޔަޤީންކުރެވޭ ކަމަކީ އަޅުގަނޑުމެންނާ ހަމަޔަށް، ދިވެހި ސަރުކާރާ ހަމަޔަށް ކަންތައްތައް އަންނައިރު، ކަނޑައެޅިގެން އަންނައިރު، އެކަންތައްތައް ވެގެންދާނީ ރަށުގެ، މި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަށް. ދެން އެކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަމުން، މިއަދު އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންނަށް މި ލިބިގެންދާ ޚިދުމަތުގެ އެންމެ އެދެވޭ ނަތީޖާ ނުކުންނާނެކަމުގެ އުއްމީދުގައި، އަދި ތިޔަ ހުރިހާ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބުމަށް ދުޢާ ކުރަމުން، އަދި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، މިކަންތައްތައް ރަނގަޅު ގޮތުގައި ގެންދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

 

ވަރަށް ބޮޑަށް ޝުކުރިއްޔާ!

 

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.