ގެދޮރު އެޅުމުގެ މަސައްކަތަކީ، ރާއްޖޭގައި ކުރެވޭނެ މަސައްކަތެއް ކަމަށާއި، އެއީ ރާއްޖޭގައި ހިންގިދާނެ ވިޔަފާރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީ ރަސްދުއަށް ވަޑައިގެން ރަސްދޫ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖޭގައި ދިހަހާސްގެ ޢިމާރާތް ކުރުމަށާއި، އެމަސައްކަތް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯއްދެވުމަށް ސަރުކާރުން އިޢުލާން ކުރެއްވިތާ އަދި މިވީ ދިހަވަރަކަށް ދުވަސް ކަމަށާއި، އެކަމަށް ޝައުޤުވެރިވާކަން ދުނިޔޭގެ ހަފަރާތަކުން މިހާރު ހާމަކޮށްފައިވާކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލިބޭ އާމްދަނީގެ ވިހި ޕަސެންޓަށްވުރެ ބޮޑު އެއްޗެއް ގެދޮރަށް ޚަރަދު ނުކުރުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރަސްދުއަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، ބަނދަރުގެ މައްސަލައަކީ ރަސްދުއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލަކަން ފާހަގަކުރެއްވިއެވެ. އަދި، ރަސްދޫ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އެބަނދަރު ހައްދަވައި ދެއްވުމުގެ މަސައްކަތް މިއަހަރުގެ ޖޫން ޖުލައިހާތާނގައި ފެށްޓެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަސްދޫގައި ފްލެޓް އެޅުމުގެ ޢަމަލީ މަސައްކަތްތައްވެސް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، ރަސްދޫގެ ތަރައްޤީއަށްޓަކައި ކުރެއްވެންހުރި ކަންތައްތައް ބައްލަވައި ޔުޓިލިޓީޒް ކުންފުނި މެދުވެރި ކުރައްވައި އެކަންތައްތައް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.