ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު އުކުޅަހަށް ވަޑައިގަތީ މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އުކުޅަހު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ހެޔޮވެރިކަމުގެ ނިޒާމެއް ގެނައުމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ވެރިކަން ކުރަމުން އައި ގޮތް ބަދަލުކުރުމަށްޓަކައި އުކުޅަހު ރައްޔިތުން ކުރި ހިތްވަރާއި ހިންގަވަމުން ގެންދެވި އެންމެހާ ޙަރަކާތްތައް ފާހަގަކުރައްވައި، އުކުޅަހު ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

އުކުޅަހަކީ، މަސްވެރިކަމުގެ ރޮނގުން ވަރަށް ހުނަރުވެރި ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެރަށުގައި މަސްބަނދަރެއް ހައްދަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިކަމާބެހޭ ދިރާސާ ކުރުމާއި މަސްވެރިކަމާގުޅޭ މަތީ ތަޢްލީމު އުކުޅަހުން ދެވޭނެ ގޮތް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަމުގެ މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އުކުޅަހުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް، ޔޫޓިލިޓީޒް ކުންފުނި މެދުވެރިކުރައްވައި ފޯރުއްވައި ދެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަމާނާތްތެރިކަމަކީ، އިރާދަކުރެއްވިއްޔާ މިއަދުގެ ސަރުކާރުގެ ވެރިކަމުގައި އެންމެ ބޮޑަށް ނަގަހައްޓާނެ އެއްކަންތައް ކަމުގައިވެސް ވިދާޅުވިއެވެ.