މި ސަރުކާރުން ވެފައިވާ ވަޢުދުތައް އެކަމަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފުއްދައިދެވޭނެ ކަމަށާއި، މި ސަރުކާރު ދެމި އޮންނަނީ ވެފައިވާ ވަޢުދުތައް ފުއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ރޭ މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަންތައްތަކެއް ކުރުމަށް ކަނޑައެޅި، އޭގެތެރެއިން ބައެއް ކަންތައްތައް މިހާރު ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހެލްތް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާގެ ޚިދްމަތް ހުރިހާ ރައްޔިތުންނަށް ދެއްވުމަކީވެސް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، މިހާތަނަށް ސާޅީސްހާސް ރައްޔިތުންނަށް މި ޚިދުމަތް ދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ޚިދުމަތް ފުޅާ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިއަހަރު ނިމޭއިރު އެއްލައްކަ ރައްޔިތުންނަށް މި ޚިދުމަތް ފޯރުއްވައިދެއްވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހެޔޮވެރިކަމެއް ކުރުމަށްޓަކައި ސަރުކާރުން ކުރައްވާ ކަންތައްތައް ރައްޔިތުންނާ ވީހާވެސް ގާތުން ރާއްވަވައި ހިންގެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވަމުން، ލާ މަރުކަޒީ އުސޫލުން އަތޮޅުތަކުގެ ކަންތައްތައް ހިންގެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މަހިބަދޫއަށް ކޮށްދެއްވެން ހުރީ ކޮން ކަންތައްތަކެއްތޯ ބައްލަވައި، ވީހާވެސް ގިނަ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަހިބަދޫގައި 100 ފްލެޓް އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި، މިއަހަރު ތެރޭގައި މަހިބަދޫގައި ނަރުދަމާގެ ނިޒާމް ސަރުކާރުން ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ގޭހާއި، ފެނުގެ ޚިދުމަތްވެސް މަހިބަދޫއަށް ދެއްވަން ބޭނުންފުޅުވާ ކަމަށާއި، އެކަންވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަވަގުތު ފެނިގެންދިޔަ އަމާންކަމާއި، އޮމާންކަމާއި، ސުލްހަވެރިކަން ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ފާހަގަކޮށް ޝުކުރުއަދާކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި މަހިބަދޫ ރައްޔިތުން ދެއްކެވި ނަމޫނާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ދިވެހި ރައްޔިތުންނަކީ ދިރިއުޅުމުގެ އެކިއެކި ކަންތައްތަކާމެދު ހާސްކަންމަތީ ތިބޭ ބަޔަކަށް މުސްތަޤްބަލުގައި ނުވާނެ ކަމަށާއި، ހެޔޮ ވެރިކަމެއް ކުރުމަށް ރައްޔިތުންގެ އިޙްސާސްތަކާއި، ޚިޔާލު ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.