ޘަޤާފީ މަރުކަޒެއްގެ ގޮތުގައި ދަނގެތި ތަރައްޤީ ކުރެއްވުމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަނގެއްޗަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވަމުން، ދަނގެތީގެ ބަނދަރުގެ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރެއްވިއެވެ. އަދި ދަނގެތީގައި ޔޮޓް މެރީނާއެއް ހެއްދެވުމަށް ނިންމަވާފައިވާ ކަމަށާއި، ޔޮޓް މެރީނާ ތަރައްޤީ ކުރާއިރު ދަނގެތީ ބަނދަރު ހެދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށާއި، ޔޮޓް މެރީނާ ހެއްދެވުމަށް މާލަސްތަކެއްނުވެ ޓެންޑަރަށް އިޢްލާނު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަނގެތީ ނަރުދަމާގެ މަސައްކަތްވެސް ފެށްޓެވުމަށްވަނީ ނިންމަވާފައި ކަމާއި، ކުރިއަށްއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ނަރުދަމާ ހައްދަވައި ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރީގައި ދަނގެއްޗާ މާލެއާ ގުޅާލެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އަދި ދައުލަތުގެ މުއްސަނދިކަމަކީ ރާއްޖޭގެ ރައްޔިތުންގެ މުއްސަނދިކަން ކަމަށާއި، އެމުއްސަނދިކަމާއި ތަނަވަސްކަމާއި އަމާނާތްތެރިކަން، ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދެއްވުމަކީ އެމަނިކުފާނު ސަރުކާރުގެ ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ.

މިޖަލްސާގައި، ދަނގެތީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އެރުވިއެވެ. މިޖަލްސާގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީވެސް ވާހަކަފުޅު ދެއްކެވިއެވެ.