ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު ދެކުނުބުރީ ފެންފުށްޓަށް ޒިޔާރަތް ކުރައްވައި ފެންފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފެންފުށީ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ސަރުކާރު ދެމިއޮންނަނީ އެންމެ ބޭނުމަކަށްޓަކައި ކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައި ދެއްވައި ރައްޔިތުންނަށް ޚިދްމަތް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަކީ ތަރައްޤީ ވަސީލަތްތައް ގިނަ މުއްސަނދި ޤައުމެއް ކަމަށާއި، އެމުއްސަނދިކަން ބޭނުންކޮށްގެން ރާއްޖެ ތަރައްޤީ ކުރުމަކީ، ރާއްޖޭގެ ރައްޔިތުންނަށް އުނދަގޫ ކަމަކަށް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފެންފުށްޓަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ފެންފުށީގެ ތަރައްޤީގެ ކަންކަން އެހެން މަޝްރޫޢުތަކާއެކު ހިންގެވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފެންފުށީގެ ބަނދަރު ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، ފެންފުށީގައި ނަރުދަމާއެއް ޤާއިމު ކުރެއްވުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށްޓެވޭތޯ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފެންފުށްޓާ އެއަތޮޅުގެ އެހެން ރަށްރަށާ މާލެއާ ގުޅާލެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ސަރުކާރު ތެރޭގައި ހިމެނޭ ވިޔަފާރީގެ އުޞޫލުން ހިނގާ ކަންކަން ރަނގަޅު ގޮތުގައި ހިނގަން ފެށުމަކީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.