بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على أشرف الأنبياء والمرسلين، وَعلـى آلـه وصحبــه أجمـعــين.

މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ނަޖީބު ޚާން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ، އެމް.އެން.ޑީ.އެފް.ގެ އޮފިސަރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުން، ދައުލަތުގެ އެންމެހާ އިސްވެރިން އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، އިންސާނާ ދިރިދުނިޔޭގައި ހުރިހާހިނދަކު، އިންސާނާއަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ހޯދައިދޭންޖެހޭ. އެއީ، އިންސާނާ، އިންސާނަކަށްވީތީވެ ލިބިދޭ ޙައްޤެއް. އާދެ، އަޅުގަނޑުމެން އެއްވެސް ޙާލެއްގައި ގަބޫލެއްނުކުރަން، މީހަކަށް ކުށެއް ކުރެވުނީތީވެ، މީހަކަށް ގޯހެއް ހެދުނީތީވެ، އެކަމުގެ މަތީގައި ދެމިހުންނަން ޖެހޭނެ ކަމަކަށް. އާދެ، އަޅުގަނޑުގެ ކުރީގައި ވާހަކަ ދެއްކެވި، ހޯމް މިނިސްޓަރުވެސް ފާހަގަކުރައްވައިފި، ޖަލުގައި، އަޅުގަނޑުމެން ނުދެކެން، ޖަލަކީ މީހަކަށް އަނިޔާއެއްގެ ގޮތުގައި ސިފަކުރާ ތަނެއްގެ ގޮތުގައި. އަޅުގަނޑުމެން ދެކެނީ، މިއަދު ޖަލުގެ އެކި ކަންތައްތަކާ ގުޅިގެން ތިބެންޖެހޭ ފަރާތްތަކަށް، އެ މުއްދަތުގެ ތެރޭގައި އެއީ، އަލުން އަނބުރާ މުޖުތަމަޢަށް ނުކުތުމަށްޓަކައި އެ ބޭނުން ކުރެވިދާނެ ފުރުޞަތެއް ކަމަށް.

އާދެ، މިއިން ކޮންމެ ކަމަކުންވެސް މިއަދު ދައްކުވައިމިދެނީ، ސަރުކާރުގެ ސިޔާސަތު. އާދެ، ތަޢުލީމީ ކަންތައްތަކަށް ވަކިން ޚާއްޞަކޮށް ދޭ އަހަންމިއްޔަތު. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މިއަދު ދިވެހިރާއްޖޭގެ، ދިވެހި ސަރުކާރުން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ އެއްކަމަކަށް ވެގެން ގޮސްފައި މިވަނީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ވަރުގަދަކޮށް، ތަޢުލީމީ ޖީލެއް އުފެއްދުމުގެ ބުރަ މަސައްކަތް. އަދި ހަމައެއާއެކު، މުޅި ދިވެހި އެންމެހާ ފަރުދުންނަކީ މުޖުތަމަޢަށް ފައިދާކުރުވަނިވި، ޢާއިލާއާ އެއްކޮށް އުޅެވޭ، ތަނަވަސްކަމާއި ހިތްހަމަޖެހިގެން އުޅެވޭނޭ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި ކުރައްވާ މަސައްކަތް.

އާދެ، އަޅުގަނޑު ހަމަ މި ކުރެވުނު މަސައްކަތުގެ މައްޗަށް މި ކަންތައް ފާހަގަކޮށް މިއަދާ ހަމައަށް މި މަސައްކަތް ކުރިއަށް ގެނެސްދެއްވައި، އަދި ކާމިޔާބުކަމާއެކީ މި ކަންކަން ފެށްޓުމަށްޓަކައި ހޯމް މިނިސްޓްރީ، އުރީދޫ މޯލްޑިވްސް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އަދި ދައުލަތުގެ އެކިއެކި ވުޒާރާތަކުންނާއި، އެހެނިހެން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް، އެ ފަރާތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ މުޖުތަމަޢު މިއީ، އިންކްލޫސިވް ކޮމިއުނިޓީއެއް. އިންކްލޫސިވް ސޮސައިޓީއެއް. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު ބާކީވެގެން ގޮސްގެން ނުވާނެ. އަޅުގަނޑުމެންގެ މިއަދުގެ ސިޔާސަތަކީ އެންމެން އެކުގައި މަސައްކަތް ކުރުން. އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީގައި، އެ ތަރައްޤީ ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި އެންމެހާ ރައްޔިތުންނަށް އޮންނަން ޖެހޭނެ. ކުރީގައިވެސް އަޅުގަނޑު ދެންނެވިގޮތަށް، މިއަދު ގައިދީންގެ ގޮތުގައި ޖަލުގައި ދުވަސްތައް ގުނަމުންދާ ފަރާތްތަކަށް އަޅުގަނޑުމެން ބޭނުންވަނީ، ދިވެހި ސަރުކާރުން ބޭނުންވަނީ، ހުނަރުތަކެއް ދަސްވެ، ފިލާވަޅުތަކެއް ލިބި، މަސައްކަތްތަކެއް ދަސްވެ، މުޖުތަމަޢަށް އަވަހަށް ނުކުމެވި، މަސައްކަތްތަކެއް ކުރެވި، ޢާއިލާތަކާ އެއްކޮށް ދިރިއުޅުމުގެ ފުރުޞަތު ލިބިގެން ދިޔުން.

އެހެންވީމާ، މިއަދު މި ފެށިގެންދިޔަ، މި މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު، ކުރިއަށް ގެންދިޔުމަށްޓަކައި މީގެ ފުރިހަމަ، ބޭނުން ހިފަން އެބަޖެހޭ. އަޅުގަނޑު މިއަދު، ކަރެކްޝަނަލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށްވެސް، އޮފިސަރުންނަށްވެސް ދަންނަވާލަން އޮތީ، މި ފުރުޞަތުގެ ބޭނުން، އެންމެ ހެޔޮގޮތުގައި އަޅުގަނޑުމެން ހިފަން އެބަޖެހެޔޭ. މިއަދު ޖަލުގައި، އެކި ކަންތައްތަކާ ގުޅިގެން ތިބި ފަރާތްތަކަކީވެސް އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނޭ. އަޅުގަނޑުމެންގެ އަމާޒަކަށްވާންޖެހޭނީ، ކޮންމެ މީހަކީވެސް އުފަލާއި ހިތްހަމަޖެހުމުގައި އުޅެވޭނޭ މީހަކަށް ހެދުމަށޭ.

އާދެ، އަޅުގަނޑުގެ ވާހަކަ އެހާ ދިގުކުރާކަށް އަޅުގަނޑު ނެތިން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވާކަމަކީ، އަޅުގަނޑުމެންނަށް މިއަދު ސާބިތުވެގެން ގޮސްފައި މިވަނީ، ދުރުގައި ތިބެގެންވެސް، އަޅުގަނޑުމެންނަށް އެހެން ބަޔަކަށް ކަންތައްތަކެއް ކޮށްދެވިދާނެކަން. އާދެ، ދުނިޔޭގެ ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރަކީ މިއަދު، އަޅުގަނޑުމެންނަށް، ދެންމެ ޕްރެޒެންޓޭޝަނުންވެސް އަދި ސީ.އީ.އޯ.ގެ ވާހަކަފުޅުންވެސް އަޅުގަނޑުމެންނަށް ވަރަށް ތަފުސީލުކޮށް އެނގިގެން ގޮސްފި.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނަށް މި ލިބޭ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން އަޅުގަނޑުމެން ހިފަން އެބަޖެހޭ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ކުރިއަރާފައިވާ ޔުނިވަރސިޓީތަކާއި، ކޮލެޖްތައް، އިންސްޓިޓިއުޓްތަކުގައިވެސް މި މަސައްކަތް ދާގޮތަކީ ހަމަ މިއީ. އަޅުގަނޑުމެންގެ ޤައުމު ކުޑަ ނަމަވެސް، އަޅުގަނޑުމެންގެ ދިވެހިންނަކީ ޒަމާނީ ވަސީލަތްތަކާ ވަރަށް ރަށްޓެހި ބައެއް. ވަރަށް އަހުލުވެރި ބައެއް. އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަ ނަމަވެސް، އަޅުގަނޑުމެންގެ ޤައުމުގެ، އަޅުގަނޑުމެންގެ ރައްޔިތުންގެ ވިސްނުމަކީ، އެންމެ ކުރިއަރައިގެންދާ ޤައުމުތަކާ އެއް ސަފެއްގައި ފައިތިލަ ސާބިތުވުން. އާދެ، އަޅުގަނޑުމެންނަށް އެ ކަންކަން ފެނިގެން އެބަދޭ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ހުނަރުވެރި ފަރާތްތަކާއި، އަޅުގަނޑުމެންގެ ތެރޭގައި ތިބި ތަޖުރިބާހުރި ފަރާތްތަކަށް ހަމައެކަނި އަޅުގަނޑުމެން ބަލައިލި ނަމަވެސް އަޅުގަނޑުމެންނަށް އެ ކަންކަން، އަޅުގަނޑުމެންގެ ޤައުމުން ފެނިގެން އެބަދޭ.

އާދެ، އުރީދޫ މޯލްޑިވްސް އިން ޓެކްނޮލޮޖީ، އެކިއެކި ކަންތައްތައް ދިވެހިރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ކުރާ މަސައްކަތް ހަމަ ފާހަގަކުރަން. އަދި މި މަސައްކަތް އަޅުގަނޑުމެންނަށް ކުރެވި، މިއަދާ ހަމައަށް އައުމުގައި، އުރީދޫ މޯލްޑިވްސްގެ ވަރަށްބޮޑު އިސްނެންގެވުމެއް އޮތްކަން ފާހަގަކޮށް، އަދިވެސް އެއްފަހަރު އަޅުގަނޑު އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ނަޖީބު ޚާން، މެނޭޖްމަންޓް، އަދި ހުރިހާ ސްޓާފުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، އަޅުގަނޑުމެން އެންމެން ގުޅިގެން، ޤައުމުގެ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށްޓަކައި، ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައިދިނުމަށްޓަކައި، ޒުވާނުންނަށް ތަފާތު ފުރުޞަތުތައް ހޯދައިދީ، އަދި މިއަދު ޖަލުގައި ތިބި ގައިދީންނަށް، އެމީހުންގެ ދިރިއުޅުން ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތް ކުރިއަށް އަޅުގަނޑުމެންނަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން އެދި اللّـه سبحـانـه وتعـالى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި، އަޅުގަނޑުމެން ކުރާ އެންމެހާ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރަން.

والسّـــلام عليــكم ورحمــة اللّـه وبــركاتــه.