ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަންނަވަމުން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި ބަސްދީގަތުމެއްގައި މިދަތުރުފުޅަކީ، ރާއްޖެއަށް އެކިދާއިރާތަކުން ޔޫރަޕްގެ އިތުރު އިންވެސްޓްމަންޓްތައް ހޯއްދެވުމަށާއި، ޔޫރަޕްގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރީގެ މަގުތައް ފަހިކޮށްދެއްވުމަށާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި މިލާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓޫރިޒަމް ފެއަރގައި ރާއްޖެއަށް މީގެކުރިން ލިބިފައިނުވާފަދަ ފުރުޞަތުތަކެއް މިފަހަރު ލިބިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ޢާދިލް ސަލީމާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.