ދިވެހި ސަރުކާރުގެ ގެޒެޓުގައި ހިމަނުއްވައިގެން އިޢްލާންތަކާއި، ދެންނެވުންތަކާއި، ނޫސްބަޔާންތައް ޝާއިޢު ކުރައްވަން މާދަމާ ފަށްޓަވާނެއެވެ. ސަރުކާރުގެ ގެޒެޓް ޢާންމު ގޮތެއްގައި ޝާއިޢު ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ، ކޮންމެ ހަފުތާއެއްގެ ބުދަދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ގެޒެޓުގެ މާދަމާގެ ޢަދަދުގައި ހިމަނުއްވާފައިވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ އިޢްލާންތަކާއި، ދެންނެވުންތަކާއި ނޫސްބަޔާންތަކެވެ. ވެބްސައިޓުންވެސް ގެޒެޓް ފެނިވަޑައިގަންނަވާނެއެވެ. ގެޒެޓުގެ ވެބްސައިޓް އެޑްރެހަކީ، www.gazette.gov.mv އެވެ.
ޢާންމުންނަށް ފަސޭހައިން ގެޒެޓް ލިބޭނެގޮތް ހެއްދެވުމުގެ ގޮތުން މާލޭގެ ބައެއް ތަންތަނުން މި ގެޒެޓް ޢާންމުކޮށް ހިލޭ ލިބޭނެ އިންތިޒާމުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރުވަނީ ހަމަޖައްސަވާފައެވެ. ގެޒެޓް ލިބެން ހުންނާނެ ތަންތާނގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ޣާޒީ ބިލްޑިންގގައި ހުންނަ ޕޯސްޓް އޮފީހާއި، ޒުވާނުންގެ މަރުކަޒާއި، ޤައުމީ ކުތުބުޚާނާއާއި، މާލޭގެ އަވަށު އޮފީސްތަކާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ނޮވެލްޓީ ބުކްޝޮޕާއި، އެސްޓަރސް ހިމެނެއެވެ. އިތުރު އެހެން ތަންތަނުންވެސް ގެޒެޓް ލިބޭނެގޮތް ހަމަޖައްސަވަމުން އެބަ ގެންދަވައެވެ.

ގެޒެޓުގައި ޝާއިޢުކުރައްވަން ބޭނުންފުޅުވާ ލިޔުންތައް ސަރުކާރުގެ އިދާރާތަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ [email protected] މި، އީ. މެއިލް އެޑްރެހަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުގެ މެންދުރުފަހު 2.00 ގެ ކުރިން ފޮނުއްވަން ޖެހެއެވެ.