އެމް.ޑީ.ޕީ އިއްތިހާދުން ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމަށް ރެޔާދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ޑޮކްޓަރ ވަޙީދު މިހެން ވިދާޅުވީ، އެމް.ޑީ.ޕީ އިއްތިހާދުގެ ސަރުކާރުގެ ޑިމޮކްރެޓިކް ވެރިކަމަށް މިއަދު ސަތޭކަ ދުވަސް ފުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، ޑިމޮކްރެޓިކް ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ކުރެއްވުނު ކަންތައްތަކުގެ ފޮތް ނެރުއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ޑޮކްޓަރ ވަޙީދު ވިދާޅުވިގޮތުގައި، ސަރުކާރުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ހެޔޮވެރިކަމެއް ޤާއިމު ކުރެއްވުމެވެ. އެ ހެޔޮވެރިކަމުގެ ތެރޭގައި، ވެވަޑައިގެންފައިވާ ވަޢުދުތައް ރައްޔިތުންނަށް ޙާޞިލުކޮށްދެއްވުމެވެ. އެގޮތުން ސަރުކާރުން ދެއްވާ ޚިދްމަތްތައް ވީހާވެސް ގާތުން ރައްޔިތުންނަށް ދެއްވުމަށްޓަކައި މި ޚިދްމަތްތައް، 7 ޕްރޮވިންސެއްގައި ޤާއިމު ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ޤާނޫނީގޮތުން ހަމަޖައްސަވަންޖެހޭ ކަންތައްތައް ހަމަޖައްސަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ހެޔޮވެރިކަމެއް ޤާއިމު ކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދެވި ކިތަންމެ ކަމެއް ދޫކޮށްލައްވައި، ވީހާވެސް ބޮޑަކަށް އަމިއްލަ ފަރާތްތަކާއި ސިވިލް ސޮސައިޓީ ބައިވެރިވާ ގޮތަށް ކަންތައްތައް ކުރެއްވުމަށް ބާރުއެޅުއްވުމުގެ ސިޔާސަތެއް ނެރުއްވާފައިވާކަންވެސް ހާމަކުރެއްވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ނައިބު ރައީސް ޖަވާބު ދެއްވިއެވެ.

މި ޕްރެސް ކޮންފަރެންސް ތަޢާރުފު ކުރެއްވުމުގެ ގޮތުން ޕްރެސް ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ޒުހައިރު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތައް ޢާންމުންނަށް ހާމަކޮށްދެއްވުމުގައި ނޫސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އެމް.ޑީ.ޕީ އިއްތިހާދުގެ ސަރުކާރުގެ މައިގަނޑު ފަސް ވަޢުދަކީ، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯދައިދިނުމާއި، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލެއްވުމާއި، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެއްވުމެވެ.