ބެލްޖިއަމްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ފްރެންސުއާ ޑެލްހާޔޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ބެލްޖިއަމްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ތަޙުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބެލްޖިއަމާ ދެ ޤައުމުގެ ދޭތެރޭގައިވާ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބެލެޖިއަމްގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، އިންސާނީ ޙައްޤުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހެޔޮ ވެރިކަމެއްގެ މުހިންމުކަމާއި ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން، މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އީ.ޔޫ. ޕޮލިސީ ޑައަލޮގް އާއި، މިއަހަރު ޖޫންގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓްނަޝިޕް ފޯރަމްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި ބެލްޖިއަމާއި ދޭތެރޭގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ އެކިއެކި ހަރަކާތްތަކަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބެލްޖިއަމްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.