ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލާންގެ މޭޔަރ ޑޮކްޓަރ ލެޓީޒިއާ މޮރާޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާއި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ޚާއްޞަކޮށް ތަޢްލީމީ ދާއިރާއިން މިގުޅުން ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިލާންގައި މިއަދު ފެށުނު ބީ.އައި.ޓީ. ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފެއަރ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ފެއަރގައި ހުރި ރާއްޖޭގެ ސްޓޭންޑަށް އެމަނިކުފާނު ޒިޔާރަތް ކުރެއްވިއެވެ. ފެއަރގައި ބައިވެރިވި އެކި އިންވެސްޓަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކާބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތުގެ ޓޫރިޒަމް މިނިސްޓަރ މާރިއާ ބްރޭމްބިއްލާ މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިޓަލީވިލާތުގެ ޙިއްޞާ ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ޖޮއިންޓް ޓޫރިޒަމް ވަރކިންގ ބިއުރޯއެއް އުފެއްދެވުމާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

އިޓަލީވިލާތުގެ ނޫސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ޕްރެސް ކޮންފަރެއްސެއްވެސް ބޭއްވެވިއެވެ.