އިޓަލީވިލާތުގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ އައުޓް ޕޯސްޓެއް، ފ. މަގޫދޫގައި ޤާއިމުކުރުމާބެހޭ އެއްބަސްވުމެއްގައި، ރާއްޖެއާއި އެ ޔުނިވަރސިޓީއާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެ ޔުނިވަރސިޓީއަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ، އެޔުނިވަރސިޓީގެ ބޭފުޅުން ރާއްޖެ ވަޑައިގެން، މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގެވުމެވެ. އަދި އެކި މުއައްސަސާތައް ގުޅިގެން މަތީ ތަޢްލީމުގެ ދާއިރާއިން ތަމްރީނު ދިނުމުގެ ފުރްޞަތުވެސް މި އެއްބަސްވުމުގެ ދަށުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީއެވެ. ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވަރސިޓީގެ ރެކްޓަރ މިސްޓަރ މާސެއްލޯ ފޮންޓަނެސީއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ މަރްކަޒެއް ރާއްޖޭގައި ހުރުމަކީ، ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ޖައްވު ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވީހާވެސް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށްބޮޑު ބާރަކަށްވާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަކީ، ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ އޮނަރަރީ ސްޓޫޑެންޓެއް ކަމަށް ހަމަޖެއްސެވިކަންވެސް އެ ޔުނިވަރސިޓީގެ ރެކްޓަރ މިސްޓަރ ފޮންޓަނެސީ އިޢްލާނު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގައި، ފުރަތަމަ އޮތީ އިޓަލީވިލާތުގެ ޓުއަރ އޮޕަރޭޓަރުންނާ ބައްދަލުކުރެއްވުމެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތު، ޓުއަރ އޮޕަރޭޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިގޮތުން، މަޢްލޫމާތު ދެއްވަމުން، ރާއްޖޭގެ ފަތުރުވެރިކަން މިޑް މާކެޓަށްވެސް ހުޅުވާލައްވަން ބޭނުންފުޅުވާ ކަމަށާއި، ރާއްޖޭގައިވެސް ލަގްޒަރީވިލާތައް ހެއްދެވުމަށް ޚިޔާލުފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި އެކިދާއިރާތަކުން އިންވެސްޓްމަންޓް ކުރުމުގެ ފުރްޞަތުވެސް އިޓަލީވިލާތުގެ އެކިފަރާތްތަކަށް ހުޅުވިފައިވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި، ފެނާއި، ނަރުދަމާފަދަ އަސާސީ ޚިދްމަތްތައް ދިނުމަށް އިންވެސްޓް ކުރުމަށް ބޭނުންވާ އިންވެސްޓަރުންނަށް، އެ ފުރްޞަތު ތަނަވަސްވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ހިތްވަރު ދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮރަޕްޝަނަށް އެއްވެސް ފުރްޞަތެއް ނޯންނާނެ ކަމަށާއި، ރާއްޖެއިން ގެންގުޅެނީ، ދެފުށް ފެންނަ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

ޓުއަރ އޮޕަރޭޓަރުން ދެއްކެވި ވާހަކައިގައި، ދިގު މުއްދަތަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އެބައޮތްކަން ހާމަކުރެއްވިއެވެ. އަދި ރާއްޖެއަކީ އިޓަލީވިލާތުގެ ފަތުރުވެރިންނަށް ވަރަށް ރަނގަޅު މަންޒިލެއްކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރީގެ ދާއިރާއިންވެސް ރަނގަޅު ފުރްޞަތުތަކެއް ރާއްޖޭގައި ހުރިކަމަށް ދެކޭކަމަށް ޓުއަރ އޮޕަރޭޓަރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ މިލާންގައި އޮތް ”ދިވެހި ހަވީރު“ އަށް ޒިޔާރަތް ކުރެއްވިއެވެ. މި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ވާހަކަފުޅު ދެއްކެވިއެވެ.